ކެންޔާ އަންހެނަކު ލައްވައި ހަށިވިއްކުވި ދިވެއްސަކު ޖަލަށްލާން ހުކުމްކޮށްފި

ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓު ---ސަން ފޮޓޯ: މުހައްމަދު އަފްރާހް

އެފްރިކާގެ ގައުމެއް ކަމަށްވާ ކެންޔާއަށް ނިސްބަތްވާ އަންހެނަކު، ރާއްޖެއަށް ގެނެސް، އެ އަންހެން މީހާއަށް ހަށިވިއްކަން މަޖުބޫރު ކުރި ދިވެއްސަކު ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ކެންޔާ އަންހެނަކު، ރާއްޖެއަށް ގެނެސް، ހެންވޭރުގައި ހުންނަ ގެސްޓްހައުސްއެއްގައި އެ އަންހެން މީހާއަށް ހަށިވިއްކަން މަޖުބޫރު ކުރި މައްސަލާގައި، މީހަކު ލައްވައި ހަށިވިއްކުމުގެ ކުށުގެ ދައުވާއާއި މީހުން ޓްރެފިކް ކުރުމުގެ ދައުވާ ކުރީ ސ.ހިތަދޫ، ސައުތްކްރޯސް، މޫސާ މުންތަސިމްގެ މައްޗަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މުންތަސިމްގެ މައްޗަށް ކުރި ދައުވާތަކުގައި ބުނެފައިވާ ގޮތުން އޭނާ އެ އަންހެން މީހާ ރާއްޖެގެ ގެނައީ 2016 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭނާ އެ އަންހެން މީހާ ގެނައީ، އޭނާ އަކީ ރާއްޖެ އާއި މެލޭޝިއާގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ މީހެއް ކަމަށް ބުނެ ދައުވަތު ދީގެން ކަމަށް ޕީޖީއިން ތުހުމަތު ކުރެ އެވެ. އަދި ހަށިވިއްކަން މަޖުބޫރު ކުރުވީ އެ އަންހެން މީހާގެ ޕާސްޕޯޓު އަތުލައިގެން ކަމަށް ވެސް ޕީޖީއިން ތުހުމަތު ކުރެ އެވެ.

މުންތަސިމްގެ މައްޗަށް ކުރި ދެ ދައުވާގެ ހުކުމް އިއްވީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. އޭނާގެ މައްޗަށް ކުރި ދެ ދަައުވާގެ ތެރެއިން ހަމައެކަނި ސާބިތުވީ މީހަކު ލައްވައި ހަށިވިއްކުވުމުގެ ކުށުގެ ދައުވާ އެވެ. ދެ މައްސަލަވެސް ބެއްލެވި ގާޒީ އަލީ އާދަމް ހުކުމް ކުރެއްވީ، މީހުން ޓްރެފިކް ކުރުމުގެ ދައުވާ، ޕީޖީއިން ހުށަހެޅި ހެކިތަކުންނާއި ގަރީނާތަކުން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.

ހަށިވިއްކުވުމުގެ މައްސަލައިގެ ހުކުމުގައި ބުނެފައި ވަނީ، މުންތަސިމްއާ ދެކޮޅަށް ހުށަހެޅިފައިވާ ހެކިތަކާއި ގަރީނާތަކުން އޭނާ އެ ކުށް ކުރި ކަމަށް ސާބިތުވާ ކަމަށެވެ. އެހެންކަމުން ޖިންސީ ކުށުގެ ގާނޫނުގެ 29 ވަނަ މާއްދާގެ (ރ)ގެ ދަށުން އޭނާގެ މައްޗަށް ވަނީ ހަތް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

އިންސާނީ ވަގުފާރީގެ މައްސަލައަކީ ރާއްޖޭގައި ބޮޑު މައްސަލައެކެވެ. އިންސާނީ ވަގުފާރިން ރާއްޖެ އެތެރެ ކުރާ މީހުން ލައްވައި ހަށިވިއްކާ މައްސަލަތައް މީގެކުރިން ވެސް ފެންމަތިވެފައި އެބަ ހުއްޓެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުގެ ހިއުމަން ޓްރެފިކިން ވޮޗް ލިސްޓުގައި ރާއްޖެ އޮތީ ޓިއާ ދޭއްގަ އެވެ. އެއީ އިންސާނީ ވަގުފާރި ހުއްޓުވުމުގައި ކުރިއެރުންތަކެއް ލިބިފައިވާ ނަމަވެސް، އަދިވެސް މައްސަލަތަކެއް ހުރި ގައުމުތައް ހިމެނޭ ޓިއާ އެވެ.

ރާއްޖޭގައި ހިއުމަން ޓްރެފިކިން ގާނޫނެއް އޮވެ އެވެ. އެ ގާނޫނު އުފެއްދީ 2013 ވަނަ އަހަރު އެވެ. އެ ގާނޫނުގެ އުފެެއްދި ފަހުން އިންސާނީ ވަގުފާރީގެ މައްސަލައެއްގައި ފުރަތަމަ ފަހަރަށް ރާއްޖޭގައި ބަޔަކަށް ކުށް ސާބިތުވެ، އެ މީހުން 10 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2016 ވަނަ އަހަރުގެ ތެރޭގަ އެވެ.

comment ކޮމެންޓް