ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)ގެ ކޯޗެއްގެ ގޮތުގައި ހުރި މުހައްމަދު ނަޒީހު އެ މަގާމުން އިސްތިއުފާ ދިނުމުން އެ ޓީމުގެ ކޯޗަކަށް މި ސީޒަނުގެ ކުރީ ކޮޅު ވިކްޓަރީގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރި މުހައްމަދު އާދަމް އެ މަގާމަށް ހަމަޖައްސައިފި އެވެ.
ނަޒީހުގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް ވިކްޓްރީ އެންމެ ފަހުން ދިވެހި ލީގުގައި ވިކްޓަރީއާ ދެކޮޅަށް ކުޅެން އޮތް މެޗަށް އެޓީމު ހާޒިރުނުވުމުން، އެ މެޗުން ޔޫވީއަށް ތިން ޕޮއިންޓު ލިބުނު އިރު، މެޗަށްފަހު ނަޒީހު ވަނީ މަގާމުން އިސްތިއުފާދީފަ އެވެ. ގިނަ ދުވަސްތަކެއް ވަންދެން އެ ޓީމަށް ކޯޗުކަން ކޮށްދިން ނަޒީހު އެ މެޗުގެ ކުރިން ވެސް އިސްތިއުފާ ދޭނެ ކަން އިއުލާން ކުރި ނަމަވެސް ރަނގަޅު މެޗެއް ކުޅެ މޮޅަކާ އެކީ ޓީމު ދޫކޮށްލަން ބޭނުން ވުމުން ޔޫވީން ވަނީ އޭނާއަށް އެ ފުރުސަތު ދީފަ އެވެ.
ނަޒީހު ޓީމުގެ ކޯޗުކަމުން އިސްތިއުފާ ދިން ނަމަވެސް އޭނާ ދެން މަސައްކަތް ކުރާނީ ކުލަބުގެ ބޯޑުގެ ތެރޭގައި ކަމަށް އެ ކުލަބުން ބުނެފައިވާ އިރު ސީޒަނުގެ ބާކީ އޮތް ބައިން އޭނާ އެހެން ކުލަބަކުން ވެސް ފެނިދާނެ ކަމުގެ އިޝާރާތެއް އޭނާ ވަނީ ކޮށްފަ އެވެ. އިސްތިއުފާ ދިނުމަށް ފަހު ނަޒީހު ބުނީ ބޭނުމަކީ އެހެން ކޯޗަކާ އެކު ނަމަވެސް، ކުރިއަށް އޮތް ތާނގައި ޔޫވީގެ ނަތީޖާ ރަނގަޅުވުން ކަމަށެވެ.
މި ފަހަރުގެ ސީޒަނާ ވިކްޓަރީން ޒުވާން ސްކޮޑަކާ އެކު ކުރިމަތިލިއިރު، މުހައްމަދު އާދަމް ވަނީ އެޓީމާއެކު ރަނގަޅު ނަތީޖާތަކެއް ނެރެން މަސައްކަތްކޮށްފަ އެވެ. އެކަމަކު އޭނާގެ އިރުޝާދުގެ ދަށުން ވިކްޓަރީ މި ސީޒަނުގައި އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެ އެވެ. އަދި އޭނާގެ އިސްތިއުފާއާ އެކު ވިކްޓަރީގެ ހާލަތު މިހާރު ވަނީ އިހުނަށް ވުރެން ގޯސްވެ ފުޓުބޯޅައިން ގެއްލިދާނެ ކަމުގެ ބިރު ވެސް ހީވެފަ އެވެ.
ގޮންޖެހުންތަކާ އެކު ވެސް މި އަހަރުގެ އޮގަސްޓު މަހާ ހަމަައަށް މުހައްމަދު އާދަމް ވިކްޓަރީގައި މަސައްކަތް ކުރި ނަމަވެސް އޭނާ ވަނީ ތަކުރާރުކޮށް ޓީމުގެ މެނޭޖްމެންޓުން އެއްވެސް އެއްބާރުލުމެއް ނުލިބޭކަން ފާހަގަ ކޮށްފަ އެވެ. އަދި ކުލަބުން ކޮށްދެން ބޭނުން އެއްވެސް ކަމެއް ކޮށްނުދޭ ކަމަށާއި އެކަމަށް ހައްލު ނުލިބުމުން އިސްތިއުފާ ނޫން ގޮތެއް ނެތް ކަމަށް އޭނާ ނިންމީ އެވެ.
ޔޫވީގެ ކޯޗުކަމާ މުހައްމަދު އާދަމް ހަވާލުވި އިރު، އޭނާގެ އިރުޝާދުގެ ދަށުން އެ ކްލަބުން ކުޅޭނެ ފުރަތަމަ މެޗަކީ އަންނަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ފޯކައިދޫ ފުޓްބޯލް ކްލަބާ ދެކޮޅަށް ކުޅޭ މެޗެވެ. ލީގު ތާވަލުގައި ޔޫވީ އޮތީ ހަަތްވަނާގައި 11 ޕޮއިންޓާ އެކު އެވެ. މި ސީޒަނުގައި އެޓީމުން ކުޅުނު 11 މެޗުގެ ތެރެއިން މޮޅުވެފައި ވަނީ ތިން މެޗުންނެވެ.