ކުޅިވަރުގައި މަކަރު ހެދުން ގާނޫނީ ކުށަކަށް ލަންކާގައި ހަދައިފި

ލަންކާގެ ކުރިކެޓު މެޗެއްގައި ސަޕޯޓަރުން ---

ކުޅިވަރު ކުޅުމުގައި ދެ ޓީމުގެ އެއްބަސްވުމެއްގެ ދަށުން މެޗު ފިކްސް ކުރުމާއި ކުޅިވަރުގައި ހިނގާ ކޮރަޕްޝަން އަދި ބެޓު ކުރުމަކީ ގާނޫނީ ކުށެއް ކަމަށް އަވައްޓެރި ސްރީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުން ނިންމައިފި އެވެ.

ކުޅިވަރުން މަކަރު ހަދާ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ލިބޭ ގޮތަށް ގާނޫނެއް ފާސް ކުރި ދެކުނު އޭޝިޔާގެ ފުރަތަމަ ގައުމަކަށް ލަންކާ ވެގެން ދިޔަ އިރު ދުނިޔޭގެ ކުރިކެޓާ ބެހޭ މައި އިދާރާއިން ވަނީ ލަންކާ އަކީ ކުރިކެޓުގައި މުޅި ދުނިޔެއިން ވެސް އެންމެ ކޮރަޕްޓްވެފައިވާ ގައުމު ކަމަށް މީގެ ކުރިން ނިންމާ އެކަން އިއުލާން ކޮށްފަ އެވެ.

ލަންކާގައި މީގެ ކުރިން ވެސް ބެޓު ކުރުމަކީ މަނާ ކަމެކެވެ. އެހެން ނަމަވެސް އަލަށް ހެދި ކުޅިވަރު ގާނޫނާ އެކު އެހެން ގައުމުތަކުގައި ކުޅޭ ކުޅިވަރުތަކަށް ގޭމްބަލް ކުރުމަކީ ވެސް ގާނޫނީ ކުށެއް ކަމަށް ވަނީ ނިންމައިފަ އެވެ.

ލަންކާ އިން މި ހެދި ގާނޫނު ހަދާފައި ވަނީ ވޭތުވެ ދިޔަ އަހަރުތަކުގައި އެ ގައުމުގެ ކުޅިވަރުތަކުގައި ބޮޑެތި ކޮރަޕްޝަނުތަކަކާއި މެޗު ފިކްސް ކުރުމުގެ ތުހުމަތުތަކެއް ކުރެވުމާ ގުޅިގެންނެވެ. އެގޮތުން، އެ ގައުމުގެ ކުރީގެ ފާސްޓް ބޯލާއެއް ކަމަށްވާ ދިލްހާރާ ލޮކުހެޓިގެ ވަނީ 2017 ވަނަ އަހަރު ލީގުގައި ބޮޑު ކޮރަޕްޝަންތަކެއް ހިންގިކަން ސާބިތުވުމުން ސަސްޕެންޑު ކޮށްފަ އެވެ. އޭނަގެ އިތުރުން އެ ގައުމުގެ ކުރީގެ ކުރިކެޓު ކެޕްޓަން ސަނަތު ޖަޔާސުރައްޔާ އަދި ނުވަން ޒޮއިސާ ވެސް ވަނީ މެޗު ފިކްސް ކުރުމުގެ ތުހުމަތުގައި ދެ އަހަރުގެ ނިޔަލަށް ސަސްޕެންޑް ކޮށްފަ އެވެ.

ކުޅިވަރުގައި ހަދާ މަކަރު ހުއްޓުވުމަށް ލަންކާގައި ފާސް ކުރި ގާނޫނުގެ ދަށުން އެފަދަ ކަމެއް ސާބިތު ވެއްޖެ ނަމަ އެ އެތުލީޓަކަށް ނޫނީ ކުޅުންތެރިޔަކަށް، 10 އަހަރާ ހަމައަށް ޖަލު ހުކުމެއް އަންނާނެ އެވެ. އަދި އެއާ އެކު 100 މިލިއަން ލަންކާ ރުޕީސްއާ ހަމައަށް ޖޫރިމަނާއެއް ވެސް އަންނާނެ އެވެ.

ލަންކާގެ ކުޅިވަރާ ބެހޭ ވަޒީރު ހަރިން ފެނާންޑޯ ވިދާޅުވީ، މިކަމަކީ ވަރަށް ގިނަ ބައެއްގެ މަސްލަހަތު ހިމެނޭ ކަމެއް ކަމުން ނުފޫޒު ގަދަ ބައެއް ފަރާތްތަކަކުން ވަނީ އެ ގާނޫނު ހެދުމާ ދެކޮޅަށް މަސައްކަތްތަކެއް ކުރައްވައިފައި ކަމަށެވެ. ނަމަވެސް އެ ހުރަސްތަކާ އެކު ވެސް މިކަން ކާމިޔާބުވީތީ އުފާ ކުރައްވާ ކަމަށާއި މިއީ ކުޅިވަރަށް ލިބުނު ބޮޑު ފައިދާއެއް ކަމަށެވެ.

comment ކޮމެންޓް