ބްރޯޑްކޮމްއަށް ފޮނުއްވި ލިސްޓްގެ ކުރީގައި މަރީ އާއި އަމީނާ

ބްރޯޑްކޮމް މެމްބަރުކަމަށް އައްޔަންކުރަން ފެންނަ ކަމަށް ރައީސް މަޖިލީހަށް ފޮނުއްވި ބައެއް ފަރާތްތައް. ލިސްޓުގައި ރައީސް އިސްކަން ދެއްވާފައި ވަނީ މަރިޔަމް ވަހީދާ (މ) އަދި އާމިނަތު އަމީނާ (ވ) އަށް.

މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުގެ މެމްބަރުކަމަށް އައްޔަން ކުރަން ފެންނަ ފަރާތްތަކުގެ ނަންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު މަޖިލީހަށް ފޮނުއްވައިފި އެވެ.

ބްރޯޑްކަމްގެ މެމްބަރުކަމަށް ހުޅުވާލީ ބްރޯޑްކޮމްގެ މެމްބަރުކަމުގައި ހުންނެވި މުހައްމަދު ޝަހީބު އިސްތިއުފާ ދެއްވުމުގެ އިތުރުން ބްރޯޑްކަމްގެ މެމްބަރުކަމުގައި ހުންނެވި ފާތިމަތު ޒައިނާ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.

ޝަހީބު އިސްތިއުފާ ދެއްވުމުން ހުސްވި މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، ޝަރުތު ހަމަވާ ބޭފުޅުންގެ ނަންތައް، ރައީސް އިސްކަންދެއްވާ ތަރުތީބުން މިއަދު ވަނީ މަޖިލީހަށް ފޮނުއްވައިފައެވެ.

އެގޮތުން އެ މަގާމަށް ހަތަރު ބޭފުޅެއްގެ ނަން ރައީސް ވަނީ ފޮނުވައިފައެވެ. އެއީ:

1. މަރިޔަމް ވަހީދާ / ގ. ހިލްމަން

2. އާމިނަތު އަމީނާ / ހަނދުވަރީގޭ ލ. ކުނަހަންދޫ

3. އިމްރާނާ ބިންތި އަބްދުﷲ / މ. ކަރޭޖް

4. އާއިޝަތު ދިޔާނާ ތޯހިރު / ސެވަން ސްޓާ، ސ. ހިތަދޫ

ރައީސް އެބޭފުޅުންގެ ނަންތައް ފޮނުވީ މަރްޔަމް ވަހީދާ (މަރީ) އަށް އިސްކަން ދެއްވައިފައެވެ.

މީޑިއާ ދާއިރާގައި ތަޖުރިބާކާރު މަރީ އަކީ ޓީވީއެމުގައި ގިނަ އަހަރުތަކެއް ވަންދެން ޚަބަރާއި ޕްރޮގްރާމުތައް ހުށަހަޅާ ދެއްވި ފަރާތެކެވެ. މީގެ ކުރިން ޓީވީއެމް ހިންގި މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގް ކޯޕަރޭޝަން (އެމްއެންބީސީ)ގެ ބޯޑުގައި ވެސް މަރީ ހުންނެވި އެވެ.

މީގެ ކުރިން ވެސް މަރީ ވަނީ ބްރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލައްވައިފައެވެ. އެ ފަހަރު ކޮމިޓީ މަރުހަލާގައި އެންމެ މަތިން މަރީއަށް މާކްސް ލިބިވަޑައިގެންނެވި ނަމަވެސް މަޖިލީހުން އޭނާގެ ނަން ފާހެއް ނުކުރި އެވެ.

ލިސްޓުގެ ދެވަނައިގައި ހިމެނުނު އަމީނާ (އަނާ) އަކީ ވީމީޑިއާގައި ސީނިއާ އެޑިޓަރެއްގެ ވަޒީފާ އަދާކުރައްވަމުން އަންނަ ބޭފުޅެކެވެ. އަނާ އަކީ ނޫސްވެރިކަމުގެ އިނާމު ވެސް ހާސިލްކުރައްވާފައިވާ ފަރާތެކެވެ.

ހަމައެއާއެކު ބްރޯޑްކޮމްގެ މެމްބަރު ކަމުން ޒައިނާ ވަކިކުރުމާ ގުޅިގެން ހުސްވި މަގާމަށް ކުރިމަތިލީ ބޭފުޅުންގެ ތެރެއިން، ޝަރުތު ހަމަވާ ތިން ބޭފުޅެއްގެ ނަން ރައީސް އިސްކަންދެއްވާ ތަރުތީބުން މަޖިލީހަށް ވަނީ ފޮނުވައިފައެވެ. އެ ތިން ބޭފުޅުންނަކީ:

1. އިމްރާނާ ބިންތި އަބްދުﷲ މ. ކަރޭޖް

2. ހަސަން އިރުފާން މއ. ބޮޑުމަގުގެ

3. ޑރ. އިބްރާހިމް ޝިޔާމް މ. ކަފިޔާވިލް

ރައީސް މިއަދު މަޖިލީހަށް ފޮނުއްވި ނަންތައް ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.

ޝަހީބު ބްރޯޑްކޮމް އިން އިސްތިއުފާ ދެއްވައި، ޒައިނާ މެމްބަރުކަމުން ވަކިކޮށްފައި ވާއިރު، ބްރޯޑްކޮމްގެ މެމްބަރު ޒީނާ ޒާހިރުގެ މައްސަލައެއް ވެސް ކޮމިޓީން އަންނަނީ ބަލަމުންނެވެ. ނަމަވެސް މައްސަލާގައި ވަކި ގޮތެއް އަދި ނިންމާފައެއް ނުވެ އެވެ. ކޮމިޓީން ނިންމާފައި ވަނީ ޒީނާއަށް ޖަވާބުދާރީވާން ފުރުސަތު ދިނުމަށެވެ.

ކޮމިޝަނުގައި ކުރިން ތިއްބެވި ދެ މެމްބަރުން ކަމުގައިވާ އިސްމާއިލް ސޮފްވާނާއި ހަސަން ނަބާހު ކޮމިޝަނުން އިސްތިއުފާދެއްވީ މި އަހަރުގެ ޖޫން މަހުގެ ފަހުކޮޅު އެވެ. އެއާއެކު ހުސްވި ދެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި އިރު، 36 މީހެއްގެ ނަން ރައީސް އޮފީހުން މަޖިލީހަށް ފޮނުވިއެވެ. އެއީ މިދިޔަ އޯގަސްޓް މަހުގެ ތެރޭގަ އެވެ. އެ ދެ މަގާމަށް މެމްބަރުން އަދި އައްޔަނުކޮށްފައެއް ނުވެ އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުގައި ހަތަރު މަގާމެއް ހުސްވެފައިވާ އިރު، އެ މަގާމުތަކަށް މެމްބަރުން އައްޔަނުކުރުން ލަސްވާތީ އެކަމުގެ ޝަކުވާއާއި ކަންބޮޑުވުން ފާޅުކޮށް، އެ ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ވެސް ފޮނުވައިފިއެވެ.

ބްރޯޑްކާސްޓިންގް ގާނޫނުގައި ބުނާގޮތުން ބްރޯޑްކާސްޓިންގް ކޮމިޝަންގެ ބައްދަލުވުމެއް ބޭއްވޭނެ ގާނޫނީ އަދަދަކީ، ކޮމިޝަންގެ މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނުގެ އަގުލަބިއްޔަތަކީ ހަތަރު މެމްބަރުންނެވެ. ނަމަވެސް މިވަގުތު އެ ކޮމިޝަނުގައި ތިއްބެވީ އެންމެ ތިން މެމްބަރުންނެވެ. އެއީ ޒީނާ ޒާހިރު، އައިމިނަތު ސަރާހަތު އިއްޒަތު އަދި އަމްޖަދު ވަހީދެވެ.

މިވަގުތު ކޮމިޝަނުގައި ރައީސަކާއި ނައިބު ރައީސެއްގެ އިތުރުން ބައްދަލުވުމެއް ބޭއްވޭނެ ކޯރަމްވެސް ނެތް އިރު، ކޮމިޝަނު އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގައެވެ.

comment ކޮމެންޓް