ބުޅަލުުގެ ނަޖިހުންނާއި ވެލީގެ ސަބަބުން ބައްޔެއް ޖެހޭތީ ސަމާލުވާން އިލްތިމާސްކޮށްފި

ބުޅަލުގެ ނަޖިހުގެ ޖެހޭ ބަލީގެ ސަބަބުން ދެހަންދޭތެރެއަށް ފަނީގެ އަސަރުކޮށްފައި---

ބުޅަލުުގެ ނަޖިހުންނާއި ވެލީގެ ސަބަބުން ބައްޔެއް ޖެހޭތީ ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ ބުޅަލުގެ ޒަރިއްޔާއިން ޖެހޭ ކިއުޓޭނިއަސް ލާވާ މައިގްރަންސް ބައްޔަަކީ ރާއްޖެއިން އަބަދުވެސް ފެންނަމުންދާ ބައްޔެއް ކަަމަށެވެ. އަދި އެބައްޔަކީ ފަސޭހައިން ރަނގަޅުކުރެވޭ އަދި ފަރުވާކުރެވޭ ބައްޔެއްކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން އެކަން އާންމުންގެ ސަމާލުކަމަށް ގެނައިއިރު ޕާކްތަކާއި އާންމުން އެއްވެ އުޅޭތަންތަން ބުޅަލުގެ ނަޖިހުން ސަލާމަތްކޮށްދިނުމަށް އެދި ބައެއް މީހުން ސޯޝަލް މީޑިއާގައި ދަނީ ޝުއޫރު ފާޅުކުރަމުންނެވެ.

ސޯޝަލް މީޑިއާގައި މީހަކު އާންމުކުރި ފޮޓޯއެއްގައި ބުޅަލުގެ ނަޖިހުން ޖެހޭ ބަލީގެ ސަބަބުން އޭނާގެ ހަންގަނޑު ވަރަށް ބޮޑަށް ހަލާކުވެފައި ހުރިތަން ވަަރަށް ރީއްޗަށް ފެެނެއެވެ.

އެ ބަލި ޖެހުމުން ގައިގެ ދެހަން ދޭތެރެއަށް ފަނީގެ އަސަރުކޮށް ކުދިބިހިތަކެއް ނަގައި އެތަންތަން ރެތްވެ ގައިހިރުވުމުގެ މައްސަލަ ދިމާވެއެވެ.

އެ ބަލިން ރައްކާތެރިވުމަށް ހުސްފަޔާ ނޫޅެ ޕާކްތައްފަދަ ތަންތަނުގައި ވެއްޔާ ނުކުޅެ އަދި ބުޅަލުގައި އަތް ނުލައި ނަޖިހާ ދުރުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެ ބަލިން ރައްކާތެރިވުމަށް ބުޅާ ގެންގުޅޭ ފަރާތްތަކުން ޑީމޯވްކޮށް ބުޅަލުގެ ލިޓަބޮކްސް ސާފުކުރާއިރު އަންގިލައްވައި ސައިބޯނިލައިގެން އަތް ދޮވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެކަމާ ގުޅިގެން އެކުވެނި ޓްރެކް ދަނޑުގައި އުޅޭއިރު އޮށޯތުންފަދަ ކަންކަމަށް މެޓް ފަދަތަކެތި އަޅައި ބޭނުންކުރުމަށް ފުލުހުންވެސް ވަނީ އަންގައިފައެވެ.

ކުޅިވަރު އެކުވެނި ޓްރެކް ދަނޑުގެ ވިނަގަނޑަކީ މީހުން ނޫޅޭ ވަގުތުތަކުގައި އެތަނަށް ބުޅާފަދަ ޖަނަވާރުތައް ވަރަށް ގިނައިން ބޮޑުކަމު ގޮސް އުޅޭ ސަރަހައްދެއްވެސް މެއެވެ.

comment ކޮމެންޓް