އިޔާދަކުރަނިވި ހަކަތަ ތަރައްގީ ކޮށްގެން ޑޮލަރު ބޭރުވާ މިންވަރު މަދުވާނެ: މިނިސްޓަރު

ނޮވެމްބަރ 8، 2019: އަންނަ އަހަރަ(2020)އަށް ލަފާކުރާ ދައުލަތުގެ ބެޖެޓު ދިރާސާކުރާ ރައްޔިތުން މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހާޒިރުކުރެއްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ހަކަތަ އުފައްދާ ނިޒާމު އިޔާދަކުރަނިވި ހަކަތައިގެ ނިޒާމަކަށް ބަދަލު ކުރެވިއްޖެނަމަ، ރާއްޖޭން ބޭރުވާ ބޭރު ފައިސާގެ މިންވަރު ބޮޑުތަނުން މަދު ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

ބަޖެޓު ދިރާސާކުރާ ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރު އަމީރު ވިދާޅުވީ ދައުލަތުން ތެލަށް ކުރާ ހަރަދު ކުޑަކުރުމަށްޓަކައި އިޔާދަކުރަނިވި ހަކަތަ ތަރައްގީ ކުރުމަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި 275 މިލިއަން ރުފިޔާ ކަނޑައަޅާފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކީ 2023 ވަނަ އަހަރާ ހަމައަށް ދާއިރު، އަޅުގަނޑުމެންގެ އިލެކްޓްރިސިޓީ ޖެނެރޭޝަންގެ ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި ސޯލަރ ޕަވާއަށް ދިއުން." މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު އަމީރުގެ ވާހަކައިގައި ދައުލަތުގެ ރިޒާވަށް އެންމެ ބޮޑަށް އަސަރެއް ކުރަނީ ތެލަށް ކުރާ ހަރަދުން ކަން ފާހަގަކުރެއްވެވި އެވެ.

އިޔާދަކުރަނިވި ހަކަތަ ތަރައްޤީކުރަން 275 މިލިއަން ރުފިޔާ ބަހާލާފައިވާ ގޮތް

  • ޕްރޮޖެކްޓް ގްރާންޓް: 70 އިންސައްތަ (193 މިލިއަން ރުފިޔާ)
  • ޕްރޮޖެކްޓް ލޯނު: 14.6 އިންސައްތަ (40.2 މިލިއަން ރުފިޔާ)
  • ޓްރަސްޓް ފަންޑު: 15.4 (42.4 މިލިއަން ރުފިޔާ)

އޭގެ އިތުރުން ވޯލްޑް ބޭންކާއި އެހެނިހެން ބޭންކްތަކުގެ އެހީގެ ދަށުން ރާއްޖޭގައި ސޯލާ ޕަވަރ ތަރައްގީ ކުރަން މިހާރު ވެސް ސޮއިކޮށްފައި ހުރި ޕްރޮޖެކްޓުތަކެއް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަންނަ އަހަރު އިޔާދަކުރަނިވި ހަކަތައަށް ހަރަދުކުރަން ހުށަހަޅާފައިވާ އަދަދަކީ ތިމާވެށި ރައްކާތެރި ކުރުމުގެ ބަޔަށް ކަނޑައަޅާފައިވާ 894 މިލިއަން ރުފިޔާގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު އަދަދެވެ. އެބައިން އެންމެ ބޮޑު އަދަދެއް ކަނޑައަޅާފައިވަނީ ކޯސްޓަލް ޕްރޮޓެކްޝަން އަށެވެ.

comment ކޮމެންޓް