މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރު އައިސީޔޫގައި

މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރު---

މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރުގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.

އުމުރުން ނުވަދިހަ އަހަރުގެ ލަތާއަށް މިހާރު ފަރުވާދެމުންގެންދަނީ އިންޑިއާގެ މުމްބާއީގައި ހުންނަ ބްރީޗް ކެންޑީ ހޮސްޕިޓަލްގައެވެ.

އިންޑިއާގެ ނޫސްތަކުން ބުނީ ލަތާ ހޮސްޕިޓަލަށް ގެންދިޔައީ މިއަދު ވަރަށް ފަތިހުގެ ވަގުތެއްގައި ކަމަށެވެ. އަދި އޭނާއަށް ނޭވާލުމުގައި ވަރަށް އުނދަގޫވެގެން އުޅޭކަމަށްވެސް ނޫސްތަކުން ބުނެއެވެ.

އިންޑިއާގެ ދަހިންދޫ ނޫހުން ބުނީ ލަތާއަށް ނިއުމޯނިއާ ޖެހި ހިތުގެ ވާތު ވެންޓްރިކަލް ފެއިލްވެފައިވާ ކަމަށެވެ.

ލަތާގެ ބަލިހާލަތާ ގުޅިގެން އޭނާއަށް އަވަސް ޝިފާއަަކަށް އެދި ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި އެދެމުންނެވެ.

މުޅި އިންޑިއާގައިވެސް އެފަދަ ދެވަނައެއް ނެތް ލަތާ މިހާތަނަށް 1000 އަށް ވުރެ ގިނަ ފިލްމަށް ލަވަ ކިޔައިދީފައިވެއެވެ. އޭނާ އެންމެ ފަހުން ލަވައެއް ރެކޯޑްކޮށްފައިވަނީ މިދިޔަ މާޗް މަހުއެވެ.

ލަތާ ފިލްމަކަށް އެންމެ ފަހުން ލަވަކިޔައިދީފައިވަނީ 2004 ވަނަ އަހަރު ނިކުތް ވީރުޒާރާއަށެެވެ. އޭރު އޭނާއަށް 75 އަހަރެވެ.

އިންޑިއާގެ ރައްޔިތުންނަށްދޭ އެންމެ ޝަރަފްވެރި އިނާމް ބާރަތު ރަތުނާގެ އެވޯޑް 2001 ވަނަ އަހަރު ލަތާއަށް ވަނީ ލިބިފައެވެ.

comment ކޮމެންޓް