ބޮޑު ހިޔާނާތާ ގުޅޭ ފޮރެންސިކް އޮޑިޓެއް ބީއެމްއެލްއިން ކުރަނީ

ޖުލައި 30، 2019: ޖެން ހޮޓެލްގައި ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގައުމީ ބޭންކް، ބީއެމްއެލް މެދުވެރިކޮށް ހިންގާފައިވާ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅުންހުރި މުއާމަލާތްތަކާ ގުޅޭ ފޮރެންސިކް އޮޑިޓެއް ހެދުމަށް ސިންގަޕޫރުގެ ކޮންސަލްޓެންސީ ފާމަކާ ހަވާލު ކުރަން ނިންމައިފި އެވެ.

ބީއެމްއެލްއިން މިއަދު ބުނީ އެ ކުންފުނީގެ ބޯޑުން މިހާރު ނިންމާފައި ވަނީ، އެ ފޮރެންސިކް އޮޑިޓެއް ހެދުމަށް މާލީ ދާއިރާއިން 150 އަހަރުގެ ތަޖުރިބާ ހުރި ފާމެއް ކަމަށްވާ، ޑެލޮއިޓް ސިންގަޕޯއާ އެ މަސައްކަތް ހަވާލުކުރުމަށް ކަމަށެވެ.

އެ އޮޑިޓް ތެރެއިން، ޑެލޮއިޓް ސިންގަޕޯ އިން އެމްއެމްޕީއާރުސީ އަދި އެސްއޯއެފް އާ ދެމުދު ހިނގާފައިވާ ހުރިހާ މުއާމަލާތްތަކާއި، ޓްރާންސެކްޝަންސް އަދި އެންޑޯސް ކުރެވިގެން ދިޔަ ޗެކްތަކުގެެ ކަންކަން ބަލާނެ ކަމަށެވެ. މީގެ އިތުރުން މި މުއާމަލާތްތައް ކުރި މުއްދަތުގައި ބޭންކުގެ ރިޕޯޓިން އަދި ކޮންޓްރޯލް ޕްރޮސީޖާ ބަލާނެ ކަމަށް ވެސް ބޭންކުން ބުންޏެވެ.

ބީއެމްއެލްގައި މިހާރު އަމަލު ކުރަމުންދާ ޕޮލިސީތަކާއި ޕްރޮސީޖާތަކާއި ރިސްކް މެނޭޖް ކުރުމުގައި ގެންގުޅޭ އުސޫލުތަކާއި، ބޭންކުން އަމަލު ކުރަމުން އަންނަނީ ބައިނަލް އަގުވާމީ މިންގަޑުތަކާއި އެއްގޮަތަށްތޯ އޮޑިޓްގެ ތެރޭގައި ބަލާނެ ކަމަށް ވެސް ބޭންކުން ބުންޏެވެ.

"ބޭންކުގެ މި ނިންމުމުން ދައްކުވައިދެނީ ދާދި ފަހުން އެކުލަވާލެވުނު ބޭންކުގެ ބޯޑު އާއި އަލަށް އައްޔަން ކުރެވުނު ސީއީއޯގެ އަމާޒަކީ ބޭންކް އޮފް މޯލްޑިވްސް އަކީ އިތުބާރު ކުރެވޭ ނަޒާހަތްތެރިކަން އެންމެ ފުރިހަމަ ގޮތުގައި ދަމަހައްޓާނެ އިދާރާ އެއްކަން ޔަގީން ކޮށްދިނުމެވެ. މިއީ ބޭންކުގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށްޓަކާ ކުރާ މަސައްކަތުގެ ތެރެއިން ކުރެވިގެންދާ އޮޓިޑް އެކެވެ،" ބޭންކުގެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ބޭންކުގެ ބޯޑުން މިހާރު ނިންމާފައި ވަނީ، ބޭންކުގެ ރިސްކް އަދި ކޮންޕްލައަންސް ޕޮލިސީތައް ބެލުމަށް އާ ޗީފް ރިސްކް އޮފިސަރެއް ވެސް ހަމަޖެއްސުމަށެވެ.

"މިބޭންކުން ބޭނުންވަނީ ވީހާވެސް އަވަހަކަށް މި އޮޑިޓް ނިމި، ކުރިއަށްދާ ތަހުގީގުގައި ކަމާގުޅުންހުރި އިދާރާތަކަށް ފުރިހަމައަށް އެހީތެރިކަންދިނުމެވެ،" ބަޔާނުގައި ބުންޏެވެ.

ޖުމްލަ 3.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ގިނަ ފައިސާގެ މުއާމަލާތްތައް ހިންގީ ބީއެމްއެލް މެދުވެރިކޮށެވެ. އެކަމުގައި ބީއެމްއެލްގެ އިހުމާލުތަކެއް ހުރި ކަމަށް ތުހުމަތު ކުރި ނަމަވެސް، ބޭންކުން އަބަދުވެސް ބުނަމުން އަންނަނީ، ނުގަވައިދުުން އަދި ގާނޫނާ ހިލާފު އެއްވެސް ކަމެއް ބޭންކުން ކޮށްފައި ނުވާނެކަމަށެވެ.

comment ކޮމެންޓް