ހައްޔަރުކުރި ކްރިކެޓް ކޯޗްގެ ބަންދަށް 10 ދުވަސް ޖަހައިފި

ގައުމީ ކްރިކެޓު ޓީމުގެ ކޯޗު އާސިފް ޙާން --

ޖިންސީ ފުރައްސާރައިގެ ތުހުމަތުކުރެވޭ ގައުމީ ކްރިކެޓް ކޯޗު އާސިފް ޚާންގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބަންދުގެ މުއްދަތު ޖެހީ އާސިފްގެ ބަންދާމެދު ގޮތެއް ނިންމުމަށް މިދިޔަ ހުކުރު ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އާސިފް ހައްޔަރުކުރަން ހައިކޯޓުން އަމުރުނެރުމާއެކު އޭނާ ވަނީ އަނެއްކާވެސް ހައްޔަރުކޮށްފަ އެވެ.

އޭނާ ހައްޔަރުކުރަން ހައިކޯޓުން އަމުރެއް ނެރުނީ، އޭނާ ފުރަން ގޮސް އެއާޕޯޓް ހުއްޓައި ހައްޔަރު ކުރުމަށް ފަހު ކްރިމިނަލް ކޯޓަށް ބަންދުގެ މުއްދަތު ޖަހަން ހާޒިރު ކުރިއިރު، ހައްޔަރު ކުރިތާ 24 ގަނޑިއިރަށް ވުރެ ގިނައިރުވެފައިވާތީ އެވެ. ގާނޫނު ބުނާ ގޮތުން ފުލުހުން މީހަކު ހައްޔަރު ކުރުމަށް ފަހު އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން 24 ގަނޑިއިރު ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރަން ޖެހޭނެ އެވެ.

އެންމެ ފުރަތަމަ އޭނާ ހައްޔަރުކުރީ އޮކްޓޯބަރު ފަސްވަނަ ދުވަހު އެވެ. އޭނާގެ މައްޗަށް ތުހުމަތުކުރަނީ 18 އަހަރުން ދަށުގެ ކުޅުންތެރިންގެ އިތުރުން 18 އަހަރުން މަތީގެ ކުޅުންތެރިންތަކަކަށް ޖިންސީ ފުރައްސާރަ ކުރިކަމަށެވެ.

ކްރިމިނަލް ކޯޓުން އޮތީ އޭނާގެ ޕާސްޕޯޓު 30 ދުވަހަށް ހިފަހައްޓާފަ އެވެ.

މި މައްސަލައިގައި، ޖިންސީ ފުރައްސާރަ ކުރިމަތިވި ކުޅުންތެރިންގެ އާއިލާތަކުންވެސް ދިޔައީ ކަންބޮޑުވުމާއި ނުރުހުން ފާޅުކުރަމުންނެވެ.

މައްސަލައިގެ ތަހުގީގަށް ރާއްޖޭގައި ހުންނަ ޕާކިސްތާނު އެމްބަސީއިން ނުފޫޒު ފޯރުވާކަމުގެ ތުހުމަތުތަކެއްވެސް ފެންމަތިވެގެން ދިޔަ އެވެ. ނަމަވެސް އެ އެމްބަސީ އިން ވަނީ އެކަން ދޮގުކޮށްފަ އެވެ. އަދި އާސިފް ޚާންއަކީ ޕާކިސްތާން ރައްޔިތެއް ނޫން ކަމަށާއި އޭނާއަކީ ދެކުނު އެފްރިކާ މީހެއް ކަމަށް އެމްބަސީން ވަނީ ބުނެފައެވެ.

ޕާކިސްތާނަށް އުފަން، ދެކުނު އެފްރިކާގެ އާސިފް ޚާން ރާއްޖޭގެ ކްރިކެޓް ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.

comment ކޮމެންޓް