ރާއްޖޭގެ ކަނޑުން 19 މީހުންނާއެކު އިންޑިއާގެ ދެ ބޯޓެއް އަތުލައިގެންފި

ދިވެހި ސިފައިން މިއަދު އަތުލައިގަތް އިންޑިއާގެ ދިދަ ނެގި ދެ ބޯޓް. -- ފޮޓޯ/ އެމްއެންޑީއެފް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން 19 މީހުންނާއެކު އިންޑީއާގެ ދެ ބޯޓެއް އެމްއެންޑީއެފް އިން މިއަދު އަތުލައިގެންފި އެވެ.

އެއް ބޯޓުގައި ނުވަ މީހުން ތިބި އިރު، އަނެއް ބޯޓުގައި ތިބީ 10 މީހުން ކަމަށް ސިފައިން ބުންޏެވެ.

އެމްއެންޑީއެފް މީޑިއާ އޮފިޝަލް އިބްރާހިމް އާޒިމް ވިދާޅުވީ، ދެ ބޯޓު ފެނިފައިވަނީ، ހއ. ތުރާކުނު ގެ ހުޅަނގު އުތުރުން 29 ނޯޓިކަލްމޭލް ބޭރުން ކަމަށެވެ.

މަސްވެރިކަމަށް ބޭނުން ކުރާ ވައްތަރުގެ އެ ދެ ބޯޓުގައި ވެސް ނަގާފައިވަނީ އިންޑީއާގެ ދިދަ ކަމަށް އާޒިމް ވިދާޅުވި އެވެ.

"މި ބޯޓުތަކާ ގުޅޭ ކަންކަން ސަރުކާރުގެ ކަމާ ގުޅުންހުރި ވުޒާރާތަކާ ގުޅިގެން އިތުރަށް ދަނީ ބަލަމުން،" އާޒިމް ވިދާޅުވިއެވެ.

އެ ދެ ބޯޓު މިހާރު އެމްއެންޑީއެފް ކޯސްޓްގާޑްގެ ބެލުމުގެ ދަށުން ހއ. އުލިގަމު ބޭރުގައި މިހާރު ވަނީ ބަނދަރުކޮށްފަ އެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފް އިން ހާމަ އެއް ނުކުރެ އެވެ.

އިންޑިއާގެ ދެ ބޯޓެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މިއަދު އަތުލައިގަތް އިރު، މީގެ ހަފްތާއެއްހާ ދުވަސް ކުރިން އީރާނުގެ ބޯޓެއްވެސް ވަނީ އަތުލައިގެންފަ އެވެ.

އެ ބޯޓުން މަސްތުވާތަކެތިވެސް ވަނީ ފެނިފަ އެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ މަސްތުވާތަކެތި ކަމެއް ފުލުހުން އަދި ހާމަ އެއް ނުކުރެ އެވެ.

comment ކޮމެންޓް