ޑރ. އަފްރާޝީމާއި ރައުދާގެ މަރާ ގުޅޭ ހޯދުންތައް ހާމަކުރަނީ

އަފްރާޝީމް އާއި ރައުދާ ---

އަނިޔާވެރިކޮށް މަރާލި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީއާއި ބަންގްލަދޭޝްގައި ދަންޖެހިފައި ހުއްޓާ ފެނުން ދިވެހި ދަރިވަރު އަދި މޮޑެލް ރައުދާ އާތިފްގެ މަރުގެ މައްސަލައިގައި މަރުތައް ބަލާ ރިޔާސީ ކޮމިޝަނުން ހޯދި ހޯދުންތައް ހާމަކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ މީގެ ހަތް އަހަރު ކުރިން 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އޭނާ ދިރުއުޅުއްވި ހ. ފުންވިލުގެއަށް ވަދެވަޑައިގަންނަވަނިކޮށެވެ.

ރައުދާ ދަންޖެހިފައި ހުއްޓާ ފެނުނީ މީގެ ދެއަހަރު ކުރިން 2017 ވަނަ އަހަރުގެ މާޗު މަހު ބަންގްލަދޭޝްގެ ރާޖްޝަހީ ސިޓީގައި ހުންނަ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖުގެ ހޮސްޓެލްގައި އޭނާ ދިރިއުޅުނު ކޮޓަރީގެ ތެރެއިންނެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރިޔާސީ ކޮމިޝަންތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މަރުގެ މައްސަލަތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަނުން އެ ދެ މަރުގެ ތަހުގީގު ރިޕޯޓު މިދިޔަ ބުރާސްފަތި ދުވަހު އެމަނިކުފާނާ ހިއްސާކޮށްފައިވާ ކަމަށެވެ.

"އެ ދެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި އިރާދަކުރެއްވިޔާ މި ހަފްތާތެރޭ ކަމާ ގުޅުންހުރި އިދާރާތަކަށް ފޮނުވާނަން. އަދި ރިޕޯޓުގެ މައުލޫމަތުވެސް ހާމަ ކުރާނަން" ރައީސް ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ ---

ނަމަވެސް އެއީ ކޮން ކަންކަމެއް ކަމެއް އަދި އެކަންކަން ކުރުމަށް ފޮނުވާނީ ކޮން އިދާރާއަކަށް ކަމެއް ރައީސް ވިދާޅެއް ނުވެއެވެ.

މި ސަރުކާރު ވެރިކަމަށް އައީ މަރާލެވިފައިވާ މީހުންނާ ގެއްލުވާލެވިފައިވާ މީހުންގެ މައްސަލަތަކުގެ ހަގީގަތް ހޯދައި، އެ އައިލާތަކަށް އިންސާފު ހޯދައިދީ، ދައުލަތުން ގެއްލިފައި ފައިސާ ހޯދުމަށް ވެވަޑައިގެންވި ވައުދަކީ އެންމެ މުހިންމު ވައުދުކަމަށް ރައީސް މިރޭވެސް ތަކުރާރު ކުރެއްވިއެވެ.

ރައީސް ވިދާޅުވީ، އެ މަސައްކަތްތައް ކުރުމަށް އުފައްދަވާފައިވާ ރިޔާސީ ދެ ކޮމިޝަނަނުން ވަރަށް މުހިންމު މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑު އުންމީދު ކުރަނީ މިއަހަރު ނިމުމުގެ ކުރިން އެ ދެ ކޮމިޝަނުގެ މަސައްކަތް މުޅިން ނިމޭނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.

ދައުލަތުގެން ގެއްލިފައިވާ ފައިސާގެ މައްސަލަ ބެލުމަށް އުފައްދާފައިވާ އެސެޓް ރިކަވަރީ ކޮމިޝަންގެ މަސައްކަތްތައްކަށް އަލިއަޅުވާލަމުން ރައީސް ވިދާޅުވީ، އެ ކޮމިޝަނަނުން މިހާރުވެސް އެމްއެމްޕީއާރުސީން ވިއްކި 49 ރަށަކާއި ފަޅެއްގެ މައްސަލަ ބަލަމުންދާ ކަމަށެވެ. އެކޮމިޝަނުން އެންމެ އިސްކަމެއް ދީގެން ބަލާ މައްސަލައަކީވެސް އެމްއެމްޕީއާރުސީގެ 3.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ މައްސަލަކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"އެ މައްސަލަވެސް މުޅިން ބަލައި ނިމި، އަޅުގަނޑާ ހަމައަށް ރިޕޯޓު އައުމުން އެހެން ރިޕޯޓުތަކާ މެދު އަމަލު ކުރާ އުސޫލުން އަމަލުކުރާނެކަން ދަންނަވަން،" ރައީސް ވިދާޅުވިއެވެ.

ރިޔާސީ ދެ ކޮމިޝަން ރައީސް ސޯލިހު އުފެއްދެވީ އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަހު މިދިޔަ އަހަރު ނޮވެމްބަރު 17 ގައެވެ. އެ ކޮމިޝަންތަކަށް ގާނޫނީ ބާރުތަކެއްވެސް ވަނީ ދީފައެވެ.

comment ކޮމެންޓް