ކުޅުދުއްފުށީ ބޮޑު މަގުގައި ހިޔާ ލިބޭ ފަދަ ގަސްތަކެއް އިންދައިފި

ކުޅުދުއްފުށީ އަމީނީ މަގުގައި ގަސް އިންދަނީ -- ފޮޓޯ/ ކައުންސިލް

ރާއްޖޭގެ ރަށްތައް ފެހި ކުރުމަށް ސަރުކާރުން ފެށި ރަށްފެހި މާލެ ޕްރޮގްރާމު ކުޅުދުއްފުށީގައި ފަށައި އެ ރަށުގެ ބޮޑު މަގުގައި ހިޔާ ލިބޭ ފަދަ ގަސްތަކެއް އިންދައިފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީ އިން މީގެ ކުރިން ބުނެފައިވާ ގޮތުން، ރަށްފެހި ޕްރޮގްރާމް ކުރިއަށް ގެންދަން މިހާރު ހުރިހާ ރަށެއްގެ ކައުންސިލުތަކާ ވަނީ ހަވާލުކޮށްފަ އެވެ.

އެގޮތުން މިއަދު، ރާއްޖޭގައި އެންމެ އާބާދީ ބޮޑު އެއް ރަށް ކަމަށްވާ ކުޅުދުއްފުށީގައި ވަނީ ރަށްފެހި ޕްރޮގްރާމު ފަށައިފަ އެވެ. އެ ރަށުގައި އެ ޕްރޮގްރާމު ފައްޓަވައިދެއްވީ ރަށު ކައުންސިލުގެ ރައީސް އަބްދުއްލަތީފު ހަސަނެވެ.

ކުޅުދުއްފީ އަމީނީ މަގުގައި ގަސް އިންދަން ކައުންސިލުގެ މުވައްޒަފުން ހަރަކާތްތެރިވަނީ ---

އެ ރަށުގެ ކައުންސިލުގެ މުވައްޒަފުންނާއި މެމްބަރުން މިއަދު ވަނީ ނުކުމެ، އެ ރަށުގެ ބޮޑު މަގު ކަމަށްވާ އަމީނީމަގުގައި ހިޔާ ލިބޭ ފަދަ 20 ގަސް އިންދައިފަ އެވެ. ކުޅުދުއްފުށީގެ އަމީނީ މަގަކީ، ހިޔާދޭ ގަސްތައް މަދު މަގެކެވެ.

ކުޅުދުއްފުށީ ކައުންސިލުގެ ޑިރެކްޓަރު އާދަމް އަބްދުﷲ ވިދާޅުވީ އެ ރަށުގައި އިންދީ ވީހާ ވެސް ބޮޑަކަށް ހިޔާ ލިބޭނެ ފަދަ ގަސްތައް ބެލުމަށް ފަހު ކަމަށެވެ.

އިންދި ގަސްތައް:

  • އޮފި އެލޭ ގަސް
  • ފިލި ގަސް
  • ފަތް ކުދި ނިކަ
  • މެކްސިކަން ލައިލްކް

ކައުންސިލުގެ ރައީސް އަބްދުއްލަތީފު ވަނީ މިއަދު ވަނީ އިންދި ގަސްތައް ބަލަހައްޓައި ހިމާޔަތް ކުރަން ރަށުގެ ހުރިހާ ރައްޔިތުންގެ އެއްބާރުލުމަށް އެދިވަޑައިގެންފަ އެވެ.

މުޅި ރާއްޖޭގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ފެށުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ހުޅުމާލޭގައި ރަށްފެހި ޕްރޮގްރާމު ފަށައި ރައީސް ސޯލިހު އެ ވައުދު ފުއްދެވީ 15 ޑިސެމްބަރު 2018 ގަ އެވެ.

comment ކޮމެންޓް