ރާއްޖެއަށް ރީތިވަނަތައް ހޯދި ކުޅުންތެރިންނަށް ރައީސްގެ މަރުހަބާ

އައިއޯއައިޖީގައި ގައި ރާއްޖެ ވާދަކުރި މެޗުގެ ތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު -- ފޮޓޯ/ ރައީސް އޮފީސް

ދެކުނު ކޮރެއާގައި ބާއްވާ ވޯލްޑް ބޮޑީ ބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕާއި ޕާކިސްތާނުގައި ކުރިއަށްދާ ޔޮނެކްސް ސަންރައިޒް ޕާކިސްތާން އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި ރާއްޖެއަށް މަތީ ވަނަތަކެއް ހޯދައިދިން ކުޅުންތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެއެވެ.

ކޮރެއާގައި ކުރިއަށްދާ ބޮޑީ ބިލްޑިން މުބާރާތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވި ދެ ފަރާތަކަށް ވަނީ ލޯ މެޑަލް ލިބިފައެވެ. އެ ދެ ބައިވެރިންނަކީ މުހައްމަދު މޫސާ އާއި އަޒްނީން ރަޝާދެވެ.

ބެޑްމިންޓަން މުބާރާތުގައި ފާތުމަތު ނަބާހާއާއި ޒަޔާން ޒަކީގެ ޕެއާ ވަނީ ރާއްޖެއަށް ރަން މެޑަލެއް ހޯދާފައެވެ. މިއީ އެ މުބާރާތުން ރާއްޖެއަށް ރަން މެޑަލް ލިބުނު ފުރަތަމަ ފަހަރެވެ.

ޕާކިސްތާން އިންޓަނެޝަނަލް ބެޑްމިންޓަން މުބާރާތަކީ ދުނިޔޭގެ ބެޑްމިންޓަން ފެޑަރޭޝަނުން ގަބޫލުކުރާ މުބާރާތެކެވެ. މިއީ މިފަދަ މުބާރާތަކުން ރާއްޖެއަށް ރަން މެޑަލް އެއް ލިބުނު ފުރަތަމަ ފަހަރު ވެސް މެއެވެ.

އެކަމާ ގުޅިގެން ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ހަފްތާއަކީ ބައިނަލްއަގުވާމީ މައިދާނުގައި ދިވެހި ކުޅުންތެރިންނަށް ވަރަށް ވަރުގަދަ ހަފްތާއެއް ކަމަށެވެ.

comment ކޮމެންޓް