ރަށްތަކުގައި ދަތުރުފަތުރުގެ ނެޓްވޯކް ގާއިމުކުރަން ކުންފުންޏެއް އުފައްދަނީ

ވިލިމާލެ ފެރީ---ސަން ފޮޓޯ: މުހައްމަދު އަފްރާހް

ރާއްޖޭގެ އެކި ރަށްތަކުގައި ދަތުރުފަތުރުގެ ނިޒާމާ ގުޅޭ ނެޓްވޯކް ގާއިމުކުރަން ކުންފުންޏެއް އުފައްދަން ވިސްނަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ބަޖެޓް ދިރާސާކުރާ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޓްރާންސްޕޯޓް ނެޓްވޯކް ތަރައްގީ ކުރަން ސަރުކާރުން ރާވާފައިވާ ކަމަށެވެ.

އެގޮތުން 2020ގެ ބަޖެޓުގައި އެ މަޝްރޫއަށް ދައުލަތުގެ އާންމު ބަޖެޓުން 150 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ. މިއީ ސްޕޭޝަލް ޕްލޭނުގައި ހިމެނޭ މި ސަރުކާރުން ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ މައި މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއެކެވެ.

"އެހެންވީމާ ސަރުކާރު ހިއްސާވާ ގޮތަށް އަޅުގަނޑުމެން އެބަ އުފައްދަން ގަސްތުކުރަން ކުންފުންޏެއް އައިލެންޑް ޓްރާންސްޕޯޓް ނެޓްވޯކް ތަރައްގީކުރަން. އެހެންވީމަ އެއަށް ބޭނުންވާ ކެޕިޓަލް ކޮންޓްރިބިއުޝަންސް އަޅުގަނޑުމެން ބަޖެޓު ކޮށްފައި ވާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ނޮވެމްބަރު 8، 2019: އަންނަ އަހަރަ(2020)އަށް ލަފާކުރާ ދައުލަތުގެ ބެޖެޓު ދިރާސާކުރާ ރައްޔިތުން މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހާޒިރުކުރެއްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި މިހާރު އާންމު ދަތުރުފަތުރުގެ ހިދުމަތްދެނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިންނެވެ. ނަމަވެސް އެ ކުންފުންޏަށް އެންމެ ބޮޑަށް ގެއްލުން ވަނީ ވެސް ދަތުރުފަތުރުންނެވެ.

އެގޮތުން މިދިޔަ އަހަރު އެކުންފުންޏަށް ދަތުރުފަތުރުގެ ދާއިރާ އިން 82 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވެ އެވެ.

އެހެންކަމުން ދަތުރުފަތުރުންވާ ގެއްލުން އެމްޓީސީސީގެ ބުކްސް އިން އުނިވާނެ ގޮތަކަށް އެހެން ސަބްސިޑަރީ ކުންފުންޏެއް ހަދާފައި ނަމަވެސް އާންމު ދަތުރުފަތުރުގެ ނިޒާމުންވާ ގެއްލުން ކުޑަވާނެ ގޮތެއް ހަދާނެ ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް