ޕާކިސްތާނު މުބާރާތުން ނަބާހާ އާއި ޒަޔާނަށް ރަންމެޑަލް

ޕާކިސްތާން އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ މިކްސް ޑަބަލްސް އިން ރަންމެޑަލް ހޯދި ރާއްޖޭގެ ފާތުމަތު ނަބާހާ އާއި ޒަޔާން ޒަކީގެ ޕެއާ

ޕާކިސްތާނުގައި ކުރިއަށްދާ ޔޮނެކްސް ސަންރައިޒް ޕާކިސްތާން އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ މިކްސް ޑަބަލްސް އިން ރާއްޖޭގެ ފާތުމަތު ނަބާހާ އާއި ޒަޔާން ޒަކީގެ ޕެއާ މިއަދު ރަން މެޑަލް ހޯދައިފި އެވެ.

މިއީ މި މުބާރާތުން ރާއްޖެއަށް ރަންމެޑަލް ލިބުނު ފުރަތަމަ ފަހަރެވެ. ޕާކިސްތާން އިންޓަނެޝަނަލް ބެޑްމިންޓަން މުބާރާތަކީ ދުނިޔޭގެ ބެޑްމިންޓަން ފެޑަރޭޝަނުން ގަބޫލުކުރާ މުބާރާތެކެވެ. މިއީ މިފަދަ މުބާރާތަކުން ރާއްޖެއަށް ރަން މެޑަލް އެއް ލިބުނު ފުރަތަމަ ފަހަރު ވެސްމެ އެވެ.

މިމެޗުން ނަބާހާ އާއި ޒަޔާންގެ ޕެއާ މޮޅުވީ ނޭޕާލުގެ ދިޕޭޝް އާއި އަމީތާގެ ޕެއާ އާ ވާދަކޮށްގެންނެވެ.

ޒަޔާން އާއި ނަބާހާގެ ޕެއާ މޮޅުވީ ސީދާ ދެ ސެޓުންނެވެ. ޒަޔާން އާއި ނަބީހާ ސެޓުތައް ކާމިޔާބު ކުރީ 16-21 އަދި 19-21 އިންނެވެ.

މި ޕެއާ އަކީ ރާއްޖޭގެ ބެޑްމިންޓަންގައި މިކްސް ޑަބަލްސްގެ އެއް ވަނަ އެވެ.

މި މުބާރާތުގައި ރާއްޖޭގެ ނީލާ ނަޖީބު ވަނީ އަންހެން ސިންގަލްސް ބައިން ލޯ މެޑަލް ހޯދައިފަ އެވެ. އަދި އަންހެން ޑަބަލްސް ބައިން ނީލާ އާއި މައިސާ ފަތުހުﷲގެ ޕެއާ ވަނީ ލޯ މެޑަސް ހާސިލްކޮށްފަ އެވެ.

comment ކޮމެންޓް