މިދިޔަ ހަފްތާގައި މާލޭގައި 38 އެކްސިޑެންޓް ހިނގައިފި

ސިނަމާލެ ބްރިޖުގައި އުޅަނދުތަކެއް ދުއްވާފައި ދަނީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މިދިޔަ ހަފްތާ މާލޭގައި 38 އެކްސިޑެންޓް ހިގާފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތައް ދައްކައިފި އެވެ.

ފުލުހުންގެ ޓްރެފިކް މެނޭޖުމެންޓު ޑިޕާޓުމެންޓުން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މި އެކްސިޑެންޓުތަކާ ގުޅިގެން އެއްވެސް މީހެއްގެ ލައިސަންސް ހިފަހައްޓައިފައެއް ނުވެ އެވެ. މި އެކްސިޑެންޓުތަކުގައި 14 މީހަކަށް އެކިވަރުގެ އަނިޔާވިކަމަށް ފުލުހުން ބުންޏެވެ.

އެކްސޮޑެންޓުތަކާ ގުޅިގެން އެއްވެސް މީހެއްގެ ލައިސަންސް ހިފަހައްޓާފައި ނުވި ނަމަވެސް ޓްރެފިކް ގަވައިދުތަކާ ހިލާފުވެގެން ފަސް މީހެއްގެ ލައިސަންސް ހިފެހެއްޓި ކަމަށް އެ ތަފާސްހިސާބުތައް ދައްކަ އެވެ.

މިދިޔަ ހަފްތާ ފުލުހުން 689 ވެހިކަލެއް ބަލާ ފާސްކޮށްފައިވާއިރު ޕާކިންގަވައިދާ ހިލާފަށް ކާޕުކޮށްފައިވާ 753 ވެހިކަލެއްގައި ވަނީ ސްޓިކާ ޖަހައިފަ އެވެ. މި މުއްދަތުގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައިވާ 30 އުޅަނދެއް ފުލުހުން ވަނީ ޓޯ ކޮށްފަ އެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު އުޅަނދު ދުއްވުމުގެ ސްޕީޑު ލިމިޓަށް ވުރެ ބާރަށް ދުއްވި ތިން މައްސަލައަކާއި އުޅަނދު ދުއްވަމުން ފޯނުގައި އިން ނުވަތަ ހެޑްސެޓް ޖަހައިގެން ފޯނު ދުއްވި 25 މައްސަލައެއް މިދިޔަ ހަފްތާ ވަނީ ފާހަގަ ކުރެވިފަ އެވެ. ޓްރެފިކް ނިޝާންތަކާ ހިލާފުވި 19 މައްސަލައެއް މިދިޔަ ހަފްތާ ފާހަގަވިކަމަށް ވެސް ފުލުހުންގެ ތަފާސް ހިސާބުތައް ދައްކަ އެވެ.

ލައިސަންސް ނެތް މީހުން އެއްގަމު އުޅަނދު ދުއްވި 77 މައްސަލައެއް މިދިޔަ ހަފްތާ ފާހަގަވި ކަމަށާއި އުޅަނދު ދުއްވި އިރު އަތުގައި ލައިސަންސް ނެތި ދުއްވި 44 މައްސަލައެއް ވެސް ފާހަގަވި ކަމަށް ފުލުހުންގެ ތަފާސް ހިސާބުތައް ދައްކަ އެވެ.

ހެލްމެޓު އަޅަން ޖެހޭ ސަރަހައްދުގައި ހެލްމެޓު ނާޅާ ދުއްވި 17 މައްސަލައެއް މި މުއްދަތުގައި ފާހަގަވެފައިވާ އިރު އުޅަނދު ދުއްވަމުން ދުންފަތުގެ އިސްތިއުމާލު ކުރި ފަސް މައްސަލައަކާއި އުޅަނދުގެ ސިގްނަލް ނުވަތަ ލައިޓް ނުދިއްލާ ދުއްވި އަށް މައްސަލައެއް ވެސް ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.

comment ކޮމެންޓް