ބައެއް މަޝްރޫޢުތަކަށް ހަމައެކަނި ދިވެހި ކުންފުނިތަކަށް ކުރިމަތިލެވޭ ގޮތް ހަދަނީ

ނޮވެމްބަރ 8، 2019: އަންނަ އަހަރަ(2020)އަށް ލަފާކުރާ ދައުލަތުގެ ބެޖެޓު ދިރާސާކުރާ ރައްޔިތުން މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހާޒިރުކުރެއްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ކުރިއަށް ހިންގަން ރާވާފައިވާ ޕަބްލިކް ސެކްޓަ އިންވެސްޓްމެންޓް (ޕީއެސްއައިޕީ)ގެ ބައެއް މަޝްރޫޢުތައް ހަމައެކަނި ދިވެހި ކުންފުނިތަކަށް ދޭން ރާވާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

ބަޖެޓް ދިރާސާކުރާ ކޮމެޓީން މިރޭ ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ ބޭރުން ފަންޑުކޮށްގެން ގިނަ ޕްރޮޖެކްޓްތަކެއް ރާއްޖޭގައި ކުރިއަށްގެންދާ ކަމަށާއި އިންޓަނޭޝަނަލް ބިޑިންގ އަކަށް ހުޅުވާލުމުން މަޝްރޫޢުތައް ހިންގަން ބޭރުގެ ފަރާތްތަކުން ވާދަވެރި އަގުތަކެއް ހުށަހަޅާ ކަމަށެވެ.

ނަމަވެސް ޑޮމެސްޓިކް ބަޖެޓުން ހިންގާ މަޝްރޫޢުތަކަށް، ވަކި އުސޫލެއްގެ ދަށުން ދިވެހި ކުންފުނިތަކަށް ކުރިމަތިލެވޭ ގޮތަށް އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން ރާއްޖޭގެ ޑޮމެސްޓިކް ބަޖެޓުގެ ތެރެއިން ރާއްޖޭގައި މިކުރާ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމުތައް ރާއްޖޭގެ ފަރާތްތަކަށް ކުރިމަތިލެވޭ ގޮތަށް ޓެންޑަރިންގ އުސޫލުތައް ބަދަލުކުރަން. އެ އުސޫލު ކުރިއަށް އޮތް މަސް ތެރޭގައި އިކޮނޮމިކް ކައުންސިލުން ފާސްކޮށްފައި ގެޒެޓް ކުރާނަން." މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ އުސޫލުގެ ތެރޭގައި މަޝްރޫޢުތަކުގެ ކުޑަ، ބޮޑުމިނަށް ބެލުމަށްފަހު ބޭންޑްތަކެއް ކަނޑައެޅުމަށް ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެއީ ޑޮމެސްޓިކް ބަޖެޓުގެ ތެރެއިން ވެސް ބޭރުގެ ވާދަވެރި ބިޑްތަކަކަށް ދާން ބޭނުންވެދާނެތީ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

"މިސާލަށް 75 މިލިއަން ރުފިޔާއަށްވުރެ ދަށް ޕްރޮޖެކްޓެއް ނަމަ ބުނެވިދާނެ ހަމައެކަނި ރާއްޖޭގެ މީހުންނަށޭ އެއަށް ކުރިމަތިލެވޭނީ ވެސް. 75 މިލިއަނާ ވަކި ވަރަކާ ދޭތެރޭން ބުނެވިދާނެ މި ޕްރޮޖެކްޓްތަކަށް ލެވިދާނެ ބޭރުގެ ފަރާތްތަކާ ރާއްޖޭގެ ފަރާތްތަކަށް ޖޭވީ (ޖޮއިންޓް ވެންޗަރ) ހެދިގެން." މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

ޕީއެސްއައިޕީ މަޝްރޫޢުތަކަށް ދިވެހި ކުންފުނިތަކަށް ކުރިމަތިލެވޭ ގޮތަށް އުސޫލުތަކެއް އެކުލަވާލަން މަސައްކަތް ކުރަމުންދާއިރު، އަންނަ އަހަރާ ލަފާކުރާ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫޢުތަކަށް ހޭދަކުރަން ހުށަހަޅާފައިވާ ބަޖެޓަކީ މިހާތަނަށް ޕީއެސްއައިީ މަޝްރޫޢުތަކަށް ހުށަހެޅި އެންމެ ބޮޑު ބަޖެޓެވެ.

އެގޮތުން އަންނަ އަހަރު ޕީއެސްއައިޕީ މަޝްރޫޢުތަކަށް ޖުމްލަ 10.1 ބިލިއަން ރުފިޔާގެ ބަޖެޓެއް ހިމަނާފައިވާއިރު، އޭގެ ތެރެއިން ހަ ބިލިއަން ރުފިޔާއަކީ ޑޮމެސްޓިކް ބަޖެޓުން ހިންގާ މަޝްރޫޢުތަކެވެ.

comment ކޮމެންޓް