މާލެ-ތިލަފުށި ގުޅުވާލާ ބްރިޖަށް އަބޫދާބީގެ ލޯނު އެހީ

ވިލިމާލެއިން ގުޅިފަޅު ފެންނަ މަންޒަރެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ އިން ފެށިގެން ތިލަފުއްޓާ ހަމައަށް ގުޅާލާ "ގްރޭޓާ މާލެ ކަަނެކްޓިވިޓީ ބްރިޖު" މަޝްރޫއު ހިންގާނީ އަބޫދާބީ އިން ލޯނި ނަގައިގެންކަން ހާމަވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓްގައިވާ ގޮތުގައި މާލެ-ވިލިމާލެ-ތިލަފުށި އަދި ގުޅީފަޅު ގުޅާލާ އެ ބުރިޖަށް އަބޫދާބީއިން ލޯނުގެ ގޮތުގައި 305.40 މިލިއަން ރުފިޔާ އަންނަ އަހަރު ލިބޭނެ އެވެ. އަދި 2021 ވަނަ އަހަރު އެ ލޯނުގެ އަދަދު 610.80 މިލިއަން ރުފިޔާއަށް އަދި 2022 ވަނަ އަހަރު އެ އަދަދު 1.15 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވެސް ބަޖެޓްގައި ވަނީ ލަފާކޮށްފަ އެވެ.

ނަމަވެސް އެ ލޯނުގެ ތަފްސީލްތަކެއް ފިނޭންސް މިނިސްޓްރީއަށް ގުޅުމުން ވެސް ލިބޭ ގޮތްވަނީ ނުވެފަ އެވެ.

މިއަހަރު ތެރޭ ސަރުކާރުން ބޭއްވި ޕާޓްނާޝިޕް ފޯރަމަށް ހުށަހެޅި ތަފްސީލްތަކުގައިވާ ގޮތުގައި ގުރޭޓާ މާލޭ ބުރިޖް މަޝްރޫއަށް 488 މިލިއަން ޑޮލަރު (7.6 ބިލިއަން ރުފިޔާ) ހަރަދުވާނެ އެވެ.

މާލެ-ހުޅުލެ އާ ދެމެދު އަޅާފައިވާ ބުރިޖަށް ހަރަދު ކުރީ، 200 މިލިއަން ޑޮލަރު (3.08 ބިލިއަން ރުފިޔާ) ވަނީ ހަރަދުކޮށްފަ އެވެ.

ގްރޭޓާ މާލެ ބްރިޖަކުން ގުޅާލުމުގެ މަޝްރޫއަކީ މި ސަރުކާރުން ކުރިއަށްގެންދަން ނިންމާފައިވާ ތަރައްގީގެ އެންމެ ބޮޑު އެއް މަޝްރޫއެވެ. މި ސަރަހައްދު ބުރިޖުން ގުޅާލުމުން ދަތުރުފަތުރު ފަސޭހަވެ، މިހާރު މާލޭގައި ހުރި ގުދަންތައް، އިންޑަސްޓްރިއަލް ސަރަހައްދަށް ބަދަލުކޮށް، މުދާ އުފުލުމުގައިވެސް ފަސޭހަތައް ލިބޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އެ މަޝްރޫއާ ގުޅިގެންދާ ގޮތަށް މާލޭގެ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލު ކުރުމުގެ މަސައްކަތް ވެސް ކުރުމަށް ވަނީ ނިންމައިފަ އެވެ. އެގޮތުން ގުޅީފަޅުން ހަ މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކުމަށް 53 މިލިއަން ޑޮލަރަށް ބޮސްކާލިސް ކުންފުންޏާ ވަނީ ހަވާލުކޮށްފަ އެވެ.

އަންނަ އަހަރުގެ ބަޖެޓްގައި އެ މަޝްރޫއަށް ކޮމާޝަލް ބޭންކުތަކުން ލޯނުގެ ގޮތުގައި 100.57 މިލިއަން ރުފިޔާ ހޯދަން ވަނީ ބަޖެޓްކޮށްފަ އެވެ.

މާލެ އާއި ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށު ގުޅާލާ ބްރިޖުގެ މަސައްކަތުގެ ދިރާސާ މިހާރު ކުރިއަށް އެބަދެއެވެ.

މި ޕްރޮޖެކްޓު ފެސިލިޓޭޓު ކުރާނީ ޕްލޭނިން މިނިސްޓްރީއާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯނުގެ އިތުރުން ޓްރާންސްޕޯޓު މިނިސްޓްރީ ގުޅިގެން އެވެ.

މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ގްރޭޓާ މާލެ ސަރަހައްދު ގުޅާލާ ބްރިޖުގެ ބައެއް މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހު ފަށާނެ ކަމަށެވެ. ބްރިޖުގެ މަސައްކަތް ދެ އަހަރު ތެރޭ ނިމޭނެ ކަމަށްވެސް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ގްރޭޓާ މާލެ ސަރަހައްދު ބްރިޖަކުން ގުޅާލުމުގެ އިތުރަށް މާލޭގެ ކޮމާޝަލް ޕޯޓު ގުޅީފަޅަށް ބަދަލުކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ. އެ މަސައްކަތަށް 247 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާއިރު އެ މަސައްކަތަށް ކޮމާޝަލް ބޭންކުތަކުން 100 މިލިއަން ރުފިޔާގެ ލޯނު އެހީ ލިބޭނެ ކަމަށް ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ.

comment ކޮމެންޓް