އަންނަ އަހަރު ރާއްޖެއަށް އެންމެ ބޮޑު އެހީއެއް ދެނީ އިންޑިއާ އިން

ނޮވެމްބަރ 5، 2019: އަންނަ އަހަރަ(2020)އަށް ލަފާކުރާ ދައުލަތުގެ ބެޖެޓު ދިރާސާކުރާ ރައްޔިތުން މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ އަހަރު ރާއްޖެއަށް އެންމެ ބޮޑު އަދަދަކުން ހިލޭ އެހީ ލިބޭނީ އިންޑިއާ އިން ކަމަށް ލަފާކޮށް ބަޖެޓުގައި ހިމަނައިފި އެވެ.

ވިހިވިހީގެ ބަޖެޓުގައި ހިމަނާފައިވާގޮތުން އިންޑިއާ އިން ހިލޭ އެގީގެ ގޮތުގައި 46.260 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އިންޑިއާ އިން އިންވެސްޓުކޮށްފައިވާ 150 މިލިއަން ރުފިޔާގެ ގަވަމެންޓް ސެކިޔުރިޓީ އަންނަ އަހަރު ހިލޭ އެހީއަށް ބަދަލުކޮށްދޭނެކަމުގެ ޔަގީންކަންވެސް އެ ގައުމުން ވަނީ ދީފަ އެވެ.

ރަހުމަތްތެރި ގައުމުތަކުންދޭ ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު 4.68 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އިންޑިއާ އަށްފަހު ދެން އެންމެ ބޮޑު އަދަދެއްގެ ހިލޭ އެހީ ލިބެނެ ކަމަށް ލަފާކޮށްފައިވަނީ ޖަޕާނުންނެވެ. އެއީ 21.5 މިލިއަން ރުފިޔާ އެވެ.

ފާއިތުވި އަހަރުތަކުގައި ޔޫއޭއީ އަދި ސައުދީ އަރަބިއާ އިން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ބޮޑެތި އަދަދުން އެހީ ދިން ނަމަވެސް އެ ދެގައުމުން ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރާ މިންވަރެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައެއް ނުވެއެވެ.

އެކި ޖަމްއިއްޔާ ޖަމާއަތްތަކުން ހިލޭއެހީގެ ގޮތުގައި 548.43 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު އެންމެ ބޮޑު އެހީއެއް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ އޭޑީބީ އިންނެވެ. އެ ޖަމާއަތުން 237.53 މިލިއަން ރުފިޔާގެ ހިލޭ އެހީ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އަންނަ އަހަރު ހިލޭއެހީގެ ގޮތުގައި ޖުމްލަ 5.23 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު ޖުމްލަ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 29.9 ބިލިއަން ރުފިޔާ އެވެ.

comment ކޮމެންޓް