ޔާމީންގެ ޝަރީއަތާ ގުޅޭ ކަންބޮޑުވުންތައް ބައިނަލްއަގުވާމީ ފަރާތްތަކާ ހިއްސާކޮށްފި

ރައީސް ޔާމީންގެ ޝަރީއަތާ ގުޅޭ މައުލޫމާތު ބޭރުގެ ފަރާތްތަކާ ހިއްސާކުރުމަށް ލަންކާ އަށް ވަޑައިގެންނެވި ވަފުދު-- ފޮޓޯ: ޕީޕީއެމް/ޓްވިޓާ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތާމެދު ހުރި ކަންބޮޑުވުންތައް އެމަނިކުފާނު ނިސްބަތްވާ، ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ބައިނަލްއަގުވާމީ މީޑިއާތަކާ ހިއްސާކޮށްފި އެވެ.

ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ އިސް ބައެއް ބޭފޫޅުންނާއި ރައީސް ޔާމީންގެ ވަކީލުންގެ ފަރާތުން ބޭފުޅުން މިހާރު ސްރީލަންކާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ވަނީ ބައިނަލްއަގުވާމީ މީޑިއާ އާއި ބައްދަލުކޮށް ޔާމީންގެ ޝަރީއަތާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ.

މީގެ އިތުރުން އިންސާފުވެރި ޝަރީއަތެއް ހިންގުމަށް ހުރި ދަތިތަކާ ރާއްޖޭގެ ޖުޑީޝަރީ އޮތް ހާލަތު ލަންކާގައި ގާއިމްވެ ތިބޭ ޑިޕްލޮމެޓުންނާއި އެހެނިހެން ވެސް އިންޓަނޭޝަނަލް ސްޓޭކްހޯލްޑަރުންނާ ހިއްސާކުރާނެ ކަމަށް ޕީޕީއެމް އިން ބުންޏެވެ.

ރައީސް ޔާމީންގެ ޝަރީއަތާ ގުޅޭ މައުލޫމާތު ބޭރުގެ ފަރާތްތަކާ ހިއްސާކުރުމަށް ލަންކާ އަށް ވަޑައިގެންނެވި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ޕީއެންސީގެ ނައިބު ރައީސް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމުގެ އިތުރުން ރައީސް ޔާމީންގެ އެންމެ ފުރަތަމަ ނައިބު ރައީސް އަދި އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު އަދި ޕީއެންސީގެ ނައިބު ރައީސެއް ކަމަށްވާ މުހައްމަދު ހުސެން ޝަރީފް (މުންދު) އެވެ.

ރައީސް ޔާމީންގެ މައްސަލަ ހުކުމަކާ ހަމައަށް އައިސްފައިވާއިރު، އެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު އަހްމަދު ހައިލަމް ވަނީ ހުކުމުގެ މަޖިލީހުގެ ކުޑަވަގުތުކޮޅެއް ކުރިން ސަސްޕެންޑު ކޮށްފަ އެވެ.

އެކަމާ ގުޅިގެން ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން އަންގާރަދުވަހު ބުނީ ޖޭއެސްސީއިން އަމަލު ކުރާ ގޮތުގެ ސަަބަބުން ސަރުކާރާ ސިޔާސީ ގޮތުން ދެކޮޅު އެއްވެސް މީހަކަށް ޖުޑިޝަރީގެ ތެރެއިން އިންސާފު ލިބޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށާއި ހާއްސަކޮށް ރައީސް ޔާމީނަށް އިންސާފު ލިބޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

ރައީސް ޔާމީންގެ ޝަރީއަތް މި މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ކުރިމިނަލް ކޯޓުން ވަނީ އަނެއްކާ ވެސް ތާވަލްކޮށްފަ އެވެ. ރައީސް ޔާމީންގެ ވަކީލުން އެދިވަޑައިގެންފައި ވަނީ ޔާމީންގެ ޝަރީއަތް ބެންޗަކުން ބޭއްވުމަށެވެ.

comment ކޮމެންޓް