ރައީސް އާއި ނައިބު ރައީސްގެ ގެކޮޅުގެ ހަރަދުތައް ބޮޑުތަނުން ކުޑަކޮށްފި

ޖުލައި 27، 2019- ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ މުލިއާގެ ކުރިމަތީގައި -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމްގެ ރަސްމީ ގެކޮޅަށް ކުރާ ހަރަދު 7-11 ޕަސެންޓާ ދެމެދުގެ އަދަދަކަށް ދަށްކޮށްފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހެޅި ބަޖެޓްގައިވާ ގޮތުގައި، ރައީސް ސޯލިހު ދިރިއުޅުއްވާ ރަސްމީ ގެކޮޅު، މުލިއާގެއަށް އަންނަ އަހަރު ހަރަދު ކުރަން ބަޖެޓުކޮށްފައިވަނީ 26.4 މިލިއަން ރުފިޔާ އެވެ.

އެއީ މިއަހަރު މުލިއާގެއަށް ހަރަދުވާނެ ކަމަށް މިހާރު ލަފާކުރާ 28.5 މިލިއަން ރުފިޔާއަށް ވުރެ ހަތް ޕަސެންޓް ދަށް އަދަދެކެވެ.

ބަޖެޓުގައި އަންނަ އަހަރު ނައިބު ރައީސްގެ ރަސްމީ ގެކޮޅު، ހިލާލީގެއަށް ހަރަދުކުރަން ހުށަހަޅާފައިވަނީ 7.3 މިލިއަން ރުފިޔާ އެވެ.

އެއީ މިއަހަރު ހިލާލީގެއަށް ހަރަދުކުރަން ބަޖެޓްކޮށްފައިވާ އަދަދަށްވުރެ 11 ޕަސެންޓް ދަށް އަދަދެކެވެ.

އަންނަ އަހަރު މުލިއާގެއާއި ހިލާލީގެއަށް ކުރާ ހަރަދު ކުޑަވާނެ ކަމަށް ލަފާކުރި ނަމަވެސް، 2021 އަދި 2022 ވަނަ އަހަރު އެ އަދަދުތައް ބޮޑުވާނެ ކަމަށް ބަޖެޓްގައި ވަނީ ލަފާކޮށްފަ އެވެ.

މީގެ އިތުރުން އަންނަ އަހަރަށް ރައީސް އޮފީހަށް ކަނޑައަޅާފައި ވަނީ، 133.27 މިލިއަން ރުފިޔާ އެވެ. މިއަހަރު ނިމޭއިރު ރައީސް އޮފީހުގެ ހަރަދުތަކަށް، 156.48 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވެ އެވެ. އެހެން ކަމުން އަންނަ އަހަރު ރައީސް އޮފީހަށް ކުރާ ހަރަދުވެސް 14 ޕަސެންޓް ދަށްވާނެ އެވެ.

comment ކޮމެންޓް