މަގާމާއި ވަގުތަށް ބަލާފައި ފިޔަވަޅު ނާޅާނެކަމަށް ހީނުކުރާތި: ހިސާން

ޖޭއެސްސީގެ މެމްބަރު އަދި ތުޅާދޫ ދާއިރާގެ މެމެބްަރު ހިސާން ހުސައިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީހެއްގެ މަގާމަކީ، ނުވަތަ ވަކި ވަގުތެއްގައި މައްސަލައެއް ފެންމަތިވުމަކީ ފިޔަވަޅު ނޭޅެންވީ ސަބަބެއް ކަމަށް އެއްވެސް މީހަކު ދެކިގެން ނުވާނެކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަންގެ މެމްބަރު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ހިސާން މިހެން ވިދާޅުވީ ޖުޑިޝަލް ސާވިސް ކޮމިޝަނުން ގިނަ ފަނޑިޔާރުންތަކެއްގެ މައްސަލަތަކެއް ބަލަމުން ގެންދާ ދަނޑިވަޅެއްގައެވެ. އޭގެ ތެރޭގައި އުއްތަމަފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީއާއި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމްވެސް ހިމެނެއެވެ.

ހައިކޯޓަށް ޖޭއެސްސީން ކަނޑައެޅި ދެ ފަނޑިޔާރަކު ހުވާކުރުމަށް މިރޭ ޖޭއެސްސީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އެ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާފައި ހުންނަވާ މެމްބަރު ހިސާން ހުސައިން ވިދާޅުވީ ޝަރުއީ ދާއިރާ އިސްލާހުކުރުމަށްޓަކައި ގިނަ ބަދަލުތަކެއް ގެނެވެމުން ދާ ކަމަށާއި، އެގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަނުގެ މަސައްކަތަށްވެސް ބޮޑެތި ބަދަލުތަކެއް ގެނެވެމުން ދާ ކަމަށެވެ.

އޭގެ ތެރެއިން ހިސާން ފާހަގަކުރެއްވި އެއް ކަމަކީ، ފަނޑިޔާރުންނާ މެދު ހުށަހެޅޭ މައްސަލަތައް އަވަހަށް ބަލާފައި އެ މައްސަލަތައް ނިންމުމެވެ.

"ފަނޑިޔާރުންނާ މެދު ހުށަހެޅޭ މައްސަލަތައް އަވަހަށް ބަލައި އެ މައްސަލަތައް ނިންމުމަށް ގެންނަންޖެހޭ ބަދަލުތައްވެސް މި ކޮމިޝަނުން ވަނީ ގެނެސްފައި،".

ހިސާން ވިދާޅުވީ މުޅި ފަނޑިޔާރުގެއަށް އަނދިރި އެޅިގެން ދަނީ މަދު މީހެއްގެ އަމަލުތަކަކުން ކަމަށެވެ.

https://sun.mv/126978

ހިސާން ވިދާޅުވީ ދައުލަތުގެ މުވައްޒަފުންނަކީ ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެއް އޮތް ބައެއް ކަމަށާއި، އެކަންކަމަށް ޖަވާބުދާރީ ވާންޖެހޭނެ ކަމަށެވެ.

"އެންމެ ހިނދުކޮޅަކަށްވެސް އަޅުގަނޑުމެން ހަނދާން ނެތިގެން ގޮސްގެން ނުވާނެ އަޅުގަނޑުމެންނަކީ ޖަވާބުދާރީ ވާންޖެހޭ، އަދި ޖަވާބުދާރީ ކުރެވޭނެ ބައެއްކަން،" އުއްތަމަފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީއާއި ޖުޑިޝަލް ސާވިސް ކޮމިޝަނުގެ މެމްބަރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ހާޒިރުވެ އިންނެވި ޖަލްސާގައި ހިސާން ވިދާޅުވިއެވެ.

މީގެ އިތުރުން ހިސާން ވިދާޅުވީ ވަކި ވަގުތެއްގައި މައްސަލައެއް ފެންމަތިވެގެން ޖޭއެސްސީން އެ މައްސަލަ ނުބަލައި ނުހުންނާނެ ކަމަށެވެ.

"ވަކި މަގާމެއްގައި ހުރުން، ނުވަތަ ވަކި ވަގުތެއްގައި މައްސަލައެއް ފެންމަތިވުން އެއީ މީހަކާ މެދު އަޅަންޖެހޭ ފިޔަވަޅެއް ނޭޅޭނެ، ނުވަތަ ޖަވާބުދާރީ ނުކުރެވޭނެ ސަބަބެއް ކަމަށް އެއްވެސް ބޭފުޅަކު ދެކިގެން ނުވާނެ. ޖުޑިޝަލް ސާވިސް ކޮމިޝަނުން ހަމަ ގައިމު އެގޮތަށް އަމަލު ނުކުރާނެކަމުގެ ޔަގީންކަން އަޅުގަނޑު ތިބޭފުޅުންނަށް އަރުވަން،" ހިސާން ވިދާޅުވިއެވެ.

https://sun.mv/126942

ހިސާން މިހެން ވިދާޅުވެފައިވާ އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަނީ ލޯންޑަރިން މައްސަލައިގެ ހުކުމް އިއްވަން އޮތް ދުވަހުގެ ހެނދުނު، އެ މައްސަލަ ބައްލަވާ ގާޒީ ހައިލަމް ވަނީ ސަސްޕެންޑްކޮށްފައެވެ. އޭނާ ސަސްޕެންޑްކުރީ ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ފޮނުއްވި ކުރެހުމެއްގެ މައްސަލައިގައެވެ.

މީގެ އިތުރުން ހައިލަމްގެ އެކައުންޓަށް މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ 200،000 ރުފިޔާ ޓްރާންސްފާކުރި މައްސަލައެއް، ނޮވެމްބަރު ފަސްވަނަ ދުވަހު ފުލުސް އޮފީހުން ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަނަށް ފޮނުވާފައެވެ.

ޖޭއެސްސީން ބުނީ މިއީ ފަނޑިޔާރުގެ ސުލޫކާ ގުޅޭ ސީރިއަސް މައްސަލައަކަށް ވާތީ އެ މައްސަލަ ބަލަން ނިންމާފައިވާ ކަމަށެވެ.

comment ކޮމެންޓް