މަދު ބަޔަކާ ހެދި މުޅި ފަނޑިޔާރުގެއަށް އަނދިރި އެޅިގެން އެބަ ދޭ: ހިސާން

ހިސާން: ފަނޑިޔާރުންނަކީ ޖަަވާބު ދާރީ ނުކުރެވޭނެ ބައެއް ކަމަށް ހީކޮށްގެން ނުވާނެ ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ޝަރުއީ ދާއިރާއަށް ގެންނަމުންދާ އިސްލާހުތަކާއި ބަދަލުތައް ތަންފީޒުކުރުމަށް އެ ދާއިރާގެ އެކި ފަރާތްތަކުން އެއްބާރުލުން ދެމުން ގެންދާ ކަމަށާއި، ނަމަވެސް މަދު ބައެއްގެ އަމަލުތަކުގެ ސަބަބުން މުޅި ފަނޑިޔާރުގެއަށް އަނދިރި އެޅެމުން ދާކަމަށް ރައްޔިތުންގެ މަޖިލީހުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ކަނޑައަޅުއްވާފައިވާ ތުޅާދޫ ދާއިރާ މެމްބަރު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ހިސާން މިހެން ވިދާޅުވެފައި މި ވަނީ، ޖޭއެސްސީން ގިނަ ފަނޑިޔާރުންތަކެއްގެ ސުލޫކީ މައްސަލަތަކެއް ބަލަމުންދާތީވެ، އިދިކޮޅު ސިޔާސީ ފަރާތްތަކުން ފާޑު ކިޔުން އެ ކޮމިޝަނަށް އަމާޒުވެފައިވާ ދަނޑިވަޑެއްގައެވެ.

ހައިިކޯޓަށް ދެ ފަނޑަޔާރަކު ހުވާ ކުރުމަށް ޖޭއެސްސީގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ، ޖޭއެސްސީން އަދާކުރަން ޖެހޭ ދުސްތޫރީ ޒިންމާތައް އަދާކުރުން މަތީ ކޮމިޝަނުން ދެމި ހުންނާނެ ކަމަށެވެ. އަދި އެ ކޮމިޝަނުން އަމަލު ކުރާނީ ގާނޫނު އަސާސީއާއި ގާނޫނުތަކުގައިވާ އިޖުރާއަތްތާކާ އެއްގޮތަށް ކަމަށެވެ.

"އަޅުގަނޑުމެންގެ އެންމެންނަކީވެސް ދައުލަތުގެ މުވައްޒަފުން. އަޅުގަނޑުމެން އެންމެންނަކީވެސް ޒިންމާތަކެއް އޮތް ބައެއް. އަޅުގަނޑުމެންގެ އެންމެންނަކީވެސް މަސްއޫލިއްޔަތުތަކާއި ޒިންމާތަކާ ގުޅިގެން ޖަވާބުދާރީވާން ޖެހޭ ބައެއް. އެންމެ ހިނދުކޮޅަކަށްވެސް އަޅުގަނޑުމެން ހަދާން ނައްތިގެން ގޮސްގެންނުވާނެ، އަޅުގަނޑުމެންނަކީ ޖަވާބުދާރީ ވާންޖެހޭ، އަދި ޖަވާބުދާރީ ކުރެވޭނެ ބައެއް ކަމަށް،" އުއްތަމަފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ބައިވެރިވެޑައިގެންވި ރަސްމިއްޔާތުގައި ހިސާން ވިދާޅުވިއެވެ.

https://sun.mv/126994

ހިސާން ވިދާޅުވީ، ވަކި މަގާމެއްގައި މީހަކު ހުރުމުން ނުވަތަ ވަކި ވަގުތެއްގައި އެ މައްސަލައެއް ފެންމަތިވުމަކީ ޖޭއެސްސީން އެ މައްސަލައެއް ނުބަލާ ދޫކޮށްލަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.

އަދި މުޅި ޝަރުއީ ދާއިރާއަށް "ހިޔަނި އެޅިގެން ދަނީ" މަދު މީހުންގެ އަމަލުތަކުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ 2008 ގައި ތަސްދީގުކުރި އާ ގާނޫނުއަސާސީން ޝަރުއީ ދާއިރާއަށް ބޮޑެތި އިސްލާހީ ބަދަލުތަކެއް ގެނައި ކަމަށާއި ނަމަވެސް އެއަށްފަހު 11 އަހަރު ފާއިތުވި އިރު އެ ގާނޫނުއަސާސީން ތަސައްވަރުކުރި މިސްރާބަށް ޝަރުއީ ދާއިރާ އަދިވެސް ގޮސްފައި ނުވުމަކީ ހިތާމައެއް ކަމަށެވެ.

ޖޭއެސްސީން ދަނީ އުއްތަމަ ފަނޑީޔާރު ހިމެނޭ ގޮތަށް ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރުންގެ މައްސަލަތައްވެސް ބަލަމުންނެވެ. އޭގެ އިތުރުން ކްރިމިނަލް ކޯޓުގެ ގާޒީ އަހްމަދު ހައިލަމްގެ މައްސަލައެއްވެސް އެ ކޮމިޝަނުން އަންނަނީ ބަލަމަންނެވެ. ހައިލަމް މިހާރު ވަނީ 60 ދުވަހަށް ސަސްޕެންޑްވެސް ކޮށްފައެވެ.

އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ޖޭއެސްސީ) އިން ބެލުމަށް ފަހު ތަހުގީގު ނިންމި ގޮތުގެ ރިޕޯޓު ފޮނުވުމުން، އެ ރިޕޯޓު ގަބޫލު ނުކޮށް އަނބުރާ ޖޭއެސްސީއަށް ފޮނުވާލައިފައެވެ.

އެނގިފައިވާ ގޮތުން ސުޕްރީމް ކޯޓުގެ އިދާރީ މުވައްޒަފަކު ޖޭއެސްސީއަށް ގުޅައި އެ ތަހުގީގު ޖޭއެސްސީއަށް ނުހިންގޭނެކަމަށް އުއްތަމަފަނޑިޔާރު ގަބޫލު ކުރައްވާ ކަމަށް ވިދާޅުވިކަމަށް ބުނެފައިވެއެވެ. އަދި އެ ރިޕޯޓު ގަބޫލުނުކުރާ ކަަމަށްވެސް އުއްތަމަފަނޑިޔާރާ ހަވާލާދީ އިދާރީ މުވައްޒަފު ވަނީ ޖޭއެސްސީއަށް އަންގާފައެވެ.

އެ ރިޕޯޓަކީ، ސުޕްރީމްކޯޓުން ބަލާފައިވާ ގާނޫނުއަސާސީއާ ހިލާފު މައްސަލަތަކާ ގުޅިގެން ބެލި ސުލޫކީ މައްސަލައިގެ ރިޕޯޓުކަން ވަނީ އެނގިފައެވެ. ޖޭއެސްސީއިން ތައްޔާރުކުރި ރިޕޯޓެއްގައި ސުޕްރީމްކޯޓުން ގާނޫނާ ހިލާފަށް ބަލާފައިވާ 17 މައްސަލައެއްގެ ވާހަކަ ވަނީ ފާހަގަކޮށްފައެވެ. އޭގެ އިތުރުން ޖޭއެސްސީއިން ދިން ނަސޭހަތް އުއްތަމަފަނޑިޔާރު ގަބޫލުނުކުރި މައްސަލައެއްވެސް އެ ކޮމިޝަނުން ދަނީ ބަލަމުންނެވެ.

comment ކޮމެންޓް