ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ކުރިޔަށްދާގޮތް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައްލަވާލައްވައިފިއެވެ.
އެއާޕޯޓުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ރައީސް ސޯލިހު މިއަދު މެންދުރުފަހު އެއާޕޯޓަށް ވަނީ ހާއްސަ ޒިޔާރަތެއް ކުރައްވާފައެވެ.
މި ޒިޔާރަތުގައި ރައީސް ވަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކުރަމުންދާ ސީޕްލޭން ޓާމިނަލްގެ މަސައްކަތާއި، ސީޕްލޭން މެއިންޓަނަންސް ރޭމްޕް އަދި އެއާޕޯޓުގެ އާ ޕެސެންޖާ ޓާމިނަލާއި އާ އޭޕްރަންއަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ މަސައްކަތްތައްް ބައްލަވާލައްވާފައެވެ.
އޭގެ އިތުރުން އާ ކާގޯ އޭރިޔާއަށް ޒިޔާރަތްކުރައްވައި އެ ތަނުގެ މަސައްކަތްތައްވެސް ރައީސް ބައްލަވާލެއްވިއެވެ.
އެއް ބިލިއަން ރުފިޔާގެ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއަކީ މިދިޔަ ސަރުކާރުގައި ފެށި މަޝްރޫއުއެކެވެ. އެ މަޝްރޫއަށް އަބޫދާބީ ފަންޑާއި، ކުވެއުތު ފަންޑާއި ސައުދީ ފަންޑާއި، އޯޕިޑް ފަންޑުން 680 މިލިއަން ރުފިޔާ ވަނީ ދީފައެވެ.
އެއާޕޯޓުގެ އާ ޓާމިނަލުގެ މަސައްކަތް ކުރަމުން ދަނީ ސައުދީ ބިންލާދިން ގްރޫޕުންނެވެ.