ބަޖެޓު 2020: އައްޑޫ ސިޓީގެ މަޝްރޫއުތަކަށް 268 މިލިއަން ރުފިޔާ

އައްޑޫ ސިޓީ: އަންނަ އަހަރުގެ ބަޖެޓުގައި 2.68 މިލިއަން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި، ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އައްޑޫ ސިޓީގެ ތަރައްގީގެ އެކިއެކި މަޝްރޫއުތަކަށް 268 މިލިއަން ރުފިޔާ އަންނަ އަހަރަށް ބަޖެޓުކޮށްފިއެވެ.

މިދިޔަ އަންގާރަ ދުވަހު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި އައްޑޫ ސިޓީގެ އެކި މަޝްރޫއުތަކަށް 268 މިލިއަން ރުފިޔާ ހިމަނާފައިވާ އިރު މީގެ ތެރެއިން އެންމެ ބޮޑެތި އަދަދުތަކަކީ މުޅި ސިޓީއަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއުތަކަށެވެ.

އެގޮތުން މިހާރު ހިނގަމުންދާ މަޝްރޫއެއް ކަމުގައިވާ، ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީ ގާއިމުރުމަށް 50 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އަދި އަލަށް ފަށާ ދެ މަޝްރޫއު ކަމުގައިވާ، އެ ސިޓީގެ ފެނުގެ ނިޒާމު އަޕްގްރޭޑުކުރުމާއި ޗިލްރަންސް ހޯމެއް ގާއިމުކުރުމަށްވެސް ވަނީ ބަޖެޓުކޮށްފައެވެ.

ސިޓީގެ އަވަށްތަކުގެ ތެރެއިން އެންމެ ބޮޑު އަދަދެއް ކަނޑައަޅާފައިވަނީ ހިތަދޫއަށެވެ. ހިތަދޫގެ 12 މަޝްރޫއަކަށް 56.2 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އެންމެ ބޮޑު އަދަދު ޖަހާފައިވަނީ ހިތަދޫގެ ޕޮލިސް އެކޮމަޑޭޝަން އިމާރާތްކުރުމަށެވެ. ޕްރީޓެންޑަރިންގައި އޮތް އެ މަޝްރޫއަށް 8.5 މިލިއަން ރުފިޔާ ޖަހާފައި ވެއެވެ. އޭގެ އިތުރުން ހިތަދޫގެ ކުރީގެ ބަނދަރުގެ ބޭރު ތޮށިލުމާއި ހިތަދޫ ފުޓުބޯޅަ ދަނޑު ތަރައްގީކުރަންވެސް ބަޖެޓުކޮށްފައި ވެއެވެ.

އަައްޑޫ ސިޓީއަށް ކަނޑައަޅާފައިވާ އަދަދު:

  • ހިތަދޫ - 56.2 މިލިއަން ރުފިޔާ
  • ހުޅުދޫ - 40 މިލިއަން ރުފިޔާ
  • މަރަދޫ - 31.47 މިިލިއަން ރުފިޔާ
  • މަރަދޫފޭދޫ - 25 މިލިއަން ރުފިޔާ
  • ފޭދޫ - 22.59 މިލިއަން ރުފިޔާ
  • މީދޫ - 29 މިލިއަން ރުފިޔާ
  • ހުޅުމީދޫ: 2.69 މިލިއަން ރުފިޔާ

މުހިންމު ބައެއް މަޝްރޫއުތަކަށް ބަލާއިރު ހުޅުދޫގެ ބަނދަރު ހެދުމާއި އެ އަވަށުގައި ރިހެބް ސެންޓަރަކާއި ގޭދޮށު މަސް ފެކްޓަރީ ގާއިމުކުރުން ހިމެނެއެވެ.

މަރަދޫގައި އެންމެ ބޮޑު މަޝްރޫއެއްގެ ގޮތުގައި އޮތީ އެ އަވަށުގެ ބަނދަރު ރީކޮންސްޓްރަކްޓުކުރުމުގެ މަޝްރޫއެވެ. މީގެ އިތުރުން މަރަދޫގައި ފުޓުބޯޅަ ދަނޑެއް އެޅުމަށްވެސް ބަޖެޓުކޮށްފައިވެއެވެ.

މީގެ އިތުރުން މަރަދޫފޭދޫގައި މިހާރުވެސް ކުރިއަށްދާ ބަނދަރު ހެދުމުގެ މަޝްރޫއަށް 19.47 މިލިއަން ރުފިޔާ ހިމަނާފައިވާ އިރު، ފޭދޫގައި ސްޓޭޑިއަމެއް އެޅުމަށް 7.29 މިލިއަން ރުފިޔާ، އަދި މީދޫގެ އިޖުތިމާއީ މަރުކަޒު އަޅަން 6.3 މިލިއަން ރުފިޔާވެސް ހިމަނާފައިވެއެވެ.

2020 ވަނަ އަހަރަށް އައްޑޫ ސިޓީއަށް 268 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާ އިރު، 2019 އަށް ކަނޑައެޅި ބަޖެޓުގައި އެ ސިޓީއަށް ކަނޑައަޅާފައި އޮތީ 469 މިލިއަން ރުފިޔާ އެވެ.

ބަޖެޓުގައި މާލެ ސަރަހައްދަށް 3.3 ބިލިއަން ރުފިޔާގެ މަޝްރޫއުތައް ހިމަނާފައިވާއިރު، އަތޮޅުތަކުގެ ތަރައްގީއަށް ހިމަނާފައިވަނީ 2.51 ބިލިއަން ރުފިޔާ އެވެ.

comment ކޮމެންޓް