ޔާމީނަށް ޖަލު ހުކުމެއް އިއްވާނެކަމުގެ ޔަގީންކަން ދޭން ސަރުކާރުގެ އިސް ބަޔަކު އެދުނު: ހައިލަމް

ހައިލަމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވާނެކަމުގެ ކަށަވަރުކަން ދިނުމަށް މި ސަރުކާރުގެ އިސް މަގާމުތަކުގައި ތިބެއްވި ފަރާތްތަކުން އެދިވަޑައިގެންނެވި ކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގައި ހުކުމް ކުރުމުގެ ޝަރީއަތް މިދިޔަ އަންގާރަ ދުވަހު ތާވަލްކޮށްފައި ވަނިކޮށް އެދުވަހު ހެނދުނު ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ އެ މައްސަލަ ބައްލަވަމުން ގެންދިޔަ ހައިލަމް ސަސްޕެންޑްކޮށްފައެވެ. އޭނާ ސަސްޕެންޑް ކުރަން ނިންމީ، ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި، ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ފޮނުއްވި ކުރެހުމެއްގެ މައްސަލައިގައެވެ.

އޭގެ އިތުރުން މިދިޔަ ބުދަ ދުވަހު ޖޭއެސްސީން ބުނެފައިވަނީ، ކުރީގެ މެންބަރު އަލްހާން ފަހުމީ، ހައިލަމްއަށް ފައިސާތަކެއް ދިން މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ހައިލަމް މިރޭ ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، ސަރުކާރުގެ އިސް މީހުންނަށް ރައީސް ޔާމީނަށް ޖަލު ހުކުމް އަންނާނެކަމުގެ ކަށަވަރުކަން ނުދެވޭނެ ކަމަށް އޭނާ ދެންނެވި ކަމަށެވެ. އަދި އެގޮތަށް ދެނެންވުމުން އަލްހާނާއި އޭނާއާ ދެމެދު ހިނގި ފައިސާގެ ޓްރާންސެކްޝަންގެ މައްސަލަ ޕޮލިހުގައި އެބައޮތް ކަމަށާއި ހުކުމުގައި ކަށަވަރުކަން ނުލިބޭނަމަ، އެ މައްސަލަ ބެލޭނެ ކަމަށާއި ސަސްޕެންޑް ކުރާނެކަމުގެ އިންޒާރުވެސް ދިން ކަމަށް ހައިލަމްގެ ބަޔާނުގައި ބުނެފައިވެއެވެ.

"ފަނޑިޔާރަކު ބަލަމުންދާ މައްސަލައެއްގައި ކުރާނެ ހުކުމް ސަރުކާރުގެ އޮފިޝަލުންނަށް އެނގޭކަށް ނުޖެހޭނެއެވެ. އެއީ ކިތަންމެ މަތީ މަގާމެއްގައި ހުރި ފަރާތަކަށްވިޔަސް މެއެވެ،" ހައިލަމްގެ ބަޔާނުގައި ބުނެއެވެ.

ބަޔާނުގައި ބުނީ، ރައީސް ޔާމީނަށް މަނީ ލޯންޑަރިންގެ ތުހުމަތު ކުރެވުނު ހިސާބުން ފެށިގެން ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން އޭނާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ނުފޫޒުފޯރުވޭނެ ކަމަށް ގަބޫލުކޮށް، ވަރަށް ގިނަ މަސައްކަތް ކުރި ކަމަށެވެ.

"މި މަސައްކަތް އެންމެ ބޮޑަށް ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކުރައްވާފައި ވަނީ މި ނޮމްވެމަބަރު މަހު ތިންވަނަ ދުވަހާއި ހަތަރުވަނަ ދުވަހު،" ބަޔާނުގައި ބުނެއެވެ.

ޖޭއެސްސީން ބަލަމުން އަންނަނީ ހައިލަމަށް އަލްހާން 200،000ރ. ދީފައިވާ ކަމަށް ފުލުހުން ހުށަހަޅާފައިވާ މައްސަލައެކެވެ. އެކަމާ ގުޅިގެން އަލްހާން ބުނެފައިވާނީ އެއީ އޭނާ ހައިލަމަށް ދެއްވި ލޯނެއް ކަމަށެވެ.

ބަޔާނުގައި ހައިލަމް ވިދާޅުވީ، އަލްހާން ފަހުމީއަކީ ވަރަށް ކުރީއްސުރެ އޭނާގެ ގާތް ރަހުމަތްތެރިއެއް ކަމަށާއި އަލްހާންއާއެކު މެއި 19 ގައި ހިނގި ފައިސާގެ ޓްރާންސެކްޝަނާ ގުޅޭގޮތުން ފުލުުހަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން އޭނާއާ ފުލުހުންގެ އިސްވެރިޔަކު ސުވާލުވެސް ކުރި ކަމަށެވެ. އަދި ފަހުން އެ މައްސަލަ ނުބެލުމަށްވެސް ނިންމިކަމަށް ބަޔާނުގައި ބުނެއެވެ.

"އެކަން ހިނގައިދިޔަ ގޮތުގެ ތަފްސީލު އަޅުގަނޑު ކިޔައިދީފައިވާނެއެވެ. އަދި އޭގައި ޖިނާއީ އެއްވެސް ކަމެއް ނުހިމެނޭތީވެ، އެ މައްސަލަ ވަނީ އޭރު ފުލުހުން ނުބަލަން ނިންމާފައެވެ." ބަޔާނުގައި ބުނެފައިވެއެވެ.

ހައިިލަމް ވައިބާ ގުރޫޕަށް ފޮނުވި ކުރެހުމުން ފެންނަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ގަންހިންގުވާ މަންޒަރެވެ. އެކަމަށް ފަހުން ހައިލަމް މާފަށްވެސް އެދިވަޑައިގެންފައި ވެއެވެ.

މިރޭ ނެރުނު ބަޔާނުގައިވެސް ހައިލަމް ވަނީ އެކަން ހިނގީ ވަރަށް ހިތާމަވެރިކޮށް ކަމަށާއި އޭނާއަށް "ރަނގަޅާށް ބަލާނުލެވުނީ" ކަމަށެވެ. އަދި އެކަމަށްޓަކައި މިރޭވެސް އޭނާ ވަނީ މައާފަށް އެދިވަޑައިގެންފައެވެ.

ހައިލަމް ވަނީ އޭނާގެ ބަޔާނުގައި ޖޭއެސްސީއަށްވެސް ރައްދު ދެއްވާފައެވެ.

ހަލަމް ބަޔާނުގައި ވިދާޅުވީ، ސަރުކާރުގެ ވަޒީރުންނާއި، ކުރީގެ މަޖިލިސް މެމްބަރުންނާއި މިހާރުގެ މަޖިލީސް މެމްބަރުންގެ އަތުން ފައިސާ ނެގުން ދީނީ ގޮތުންނާއި ގާނޫނީ ގޮތުން ހައްގު ފަރާތްތަކެއް އެބަތިބި ކަމަށެވެ. ސަރުކާރުގެ މަގާމެއްގައި ހުރި ކޮންމެ ފަރާތެއްގެ ބޭންކް އެކައުންޓް ބަލައިފިނަމަވެސް އެ މީހެއްގެ ގާތް މީހެއްގެ ފަރާތުން ފައިސާ ލިބިފައިވާކަން ފެންނަން ހުންނާނެ ކަމަށް ވިދާޅުވިއެވެ.

"ވަކި ފަރާތެއް ޖަލަށް ލާނެކަމުގެ ކަށަވަރުކަން ނުލިބިގެން ފަނޑިޔާރަކު ފަހާ ދުވަންވާނީވެސް ޖުޑީޝަލް ސާވިސް ކޮމިޝަންގެ މުއައްސަސާގެ ހުރުމަތުން ކޮންމެވެސް މިންވަރެއް ނަމަވެސް ބާކީ އޮންނާނެ ގޮތަކަށް ވިސްނާލައްވާފައި ނޫންތޯއެވެ،" ބަޔާން ނިންމާލައްވަމުން ހައިލަމް ވިދާޅުވިއެވެ.

comment ކޮމެންޓް