މަޝްރޫއުތަކަށް ފައިސާ ހޯދަން، ވޯލްޑް ބޭންކާ އެކު ރައީސް މަޝްވަރާކުރައްވައިފި

ރައީސް އިބްރާހީމް މުހައްމަދު ޞާލިހު، ރާއްޖެއަށް ވަޑައިގެން އުޅުއްވާ ވޯލްޑް ބޭންކުގެ ވަފުދާ ބައްދަލު ކުރައްވަނީ-- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގައި ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ހޯދުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ރާއްޖެއަށް ވަޑައިގެން އުޅުއްވާ ވޯލްޑް ބޭންކުގެ ވަފުދާ މިއަދު ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ ރާާއްޖޭގެ މާލީ ހާލަތާއި އެކިއެކި މަޝްރޫއުތަކަށް ފައިސާ ހޯދުމާ ގުޅޭގޮތުން ވޯލްޑް ބޭންކުގެ ވަފުދާ މަޝްވަރާ ކުރައްވާފަ އެވެ. އަދި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރާއްޖެ ތަރައްގީ ކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާ ބެހޭ މައުލޫމާތު ވެސް ރައީސް ސޯލިހު ވަނީ ހިއްސާ ކުރައްވާފަ އެވެ.

ރައީސް ސޯލިހު ފާހަގަ ކުރެއްވި ބައެއް ކަންތައްތަކުގެ ތެރޭގައި މި ސަރުކާރުން ސިއްހީ ހީދުމަތުގެ ފެންވަރު މަތިކުރުމަށާއި މަތީ ތައުލީމުގެ އިތުރު ފުރުސަތުތައް ތަނަވަސްކުރަން ކުރާ މަސައްކަތްތަކާއި ސަރުކާރުން ކުރިއަށްގެންދާ އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިމެނެ އެވެ.

އެ ބައްދަލުވުމުގައި ވޯލްޑް ބޭންކުގެ ވަފުދުން ފާހަގަ ކުރި ކަންތައްތަކުގެ ގޮތުގައި ރައީސް އޮފީހުން ބުނީ، ރާއްޖޭގައި ކުރިޔަށްގެންދާ އުމްރާނީ ތަރައްގީގެ މަސައްކަތްތަކާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ މާލީދާއިރާ ހަރުދަނާ ކުރުމަށް އެ ބޭންކުން އެހީތެރިވާން ތައްޔާރަށް އޮތް ކަމަށެވެ.

ހަމައެއާއެކު ލާމަރުކަޒީ ނިޒާމުގެ ދަށުން ރާއްޖެ ތަރައްގީ ކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތާއި ސަރުކާރުން ތައާރަފުކޮށްފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭނަކީ ރާއްޖޭގެ ތަރައްގީއަށް ބާރު ލިބޭނެ މުހިންމު ކަންތައްތަކެއް ހިމެނޭ ޕްލޭނެއް ކަމަށް ވެސް އެ ވަފުދުން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުވުން ނިންމަވާލައްވަމުން ރައީސް ސޯލިހު ވަނީ ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކަށް ވޯލްޑް ބޭންކުން ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި އެ އެހީތެރިކަން އެގޮތުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވޯލްޑް ބޭންކުގެ ވަފުދުން ރައީސްއަށް އެރުވި ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

comment ކޮމެންޓް