ކައުންސިލް އިންތިހާބަށް 56 މިލިއަން ރުފިޔާ، ރެކޯޑް އަދަދެއް

2017 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓްލުމުގެ ތެރެއިން-- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމުގެ ހަރަދުގެ ގޮތުގައި 56.2 މިލިއަން ރުފިޔާގެ ރިކޯޑު އަދަދެއް، 2020 ވަނަ އަހަރުގެ ބަޖެޓްގައި ހިމަނައިފި އެވެ.

އަންނަ އަހަރަށް ފާސްކުރަން ސަރުކާރުން މަޖިލީހަށް ހުށަހެޅި ބަޖެޓްގައި 56.2 މިލިއަން ރުފިޔާ ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ބަޖެޓްކުރިއިރު، އެންމެ ފަހުން 2017 ގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށް ހަރަދު ކުރީ 46.2 މިލިއަން ރުފިޔާ އެވެ. އެހެން ކަމުން، އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ބަޖެޓަށް ކުރާ ހަރަދަކީ 10 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު، އަހްމަދު އަކްރަމް 'ސަން'އަށް މިއަދު ވިދާޅުވީ، އަންނަ ކައުންސިލް އިންތިހާބަށް ބަޖެޓްގައި ހިމަނާފައިވާ އަދަދަކީ، އެ ކޮމިޝަނާއި ފިނޭންސް މިނިސްޓްރީއާ މަޝްވަރާ ކުރުމަށްފަހު އިންތިހާބަށް ހަރަދުކުރަން އެންމެ އެކަށޭނަ ވަރު ކަމަށް އެއްބަސްވެވުނު އަދަދެއް ކަމަށެވެ. އަދި އެ އަދަދާ މެދު އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

"މިނިވަންކަން ނުގެއްލޭ ގޮތަށް އިންތިހާބު ބޭއްވޭނެ ކަމުގެ ޔަގީންކަމާއެކު އަޅުގަނޑުމެން ފިނޭންސާ ވާހަކަ ދައްކާފައި އެއްބަސްވީ، 56 މިލިއަން ރުފިޔާ ކަނޑައަޅަން. ފަހުން ގާނޫނަކުން އަންނަ ބަދަލަކުން އެ އަދަދު އިތުރުކުރަން ޖެހިއްޖެ ނަމަ، ފިނޭންސުން ޔަގީންކަން ދިން އިތުރު ފައިސާ ހަމަޖައްސައިދޭނެ ކަމަށް،" އަކްރަމް ވިދާޅުވި އެވެ.

އިލެކްޝަން ކޮމިޝަންގެ ތަރުޖަމާނު އަހްމަދު އަކްރަމް-- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ކައުންސިލްތަކުގެ އިންތިހާބަށް ކުރި ހަރަދު:

  • 2017 ވަނަ އަހަރު: 46.2 މިލިއަން ރުފިޔާ
  • 2014 ވަނަ އަހަރު: 29.7 މިލިއަން ރުފިޔާ
  • 2011 ވަނަ އަހަރު: 45.4 މިލިއަން ރުފިޔާ

އީސީއިން އެންމެ ފުރަތަމަ، އެދުނީ 70 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެފައިވާ ގޮތުގައި ވޯޓްލުން އަވަސްކޮށް ކިޔޫ ކުޑަކުރުމުގެ ގޮތުން ވޯޓް ފޮއްޓަކަށް ވޯޓްލެވޭ މީހުންގެ އަދަދު 700 އަށް ވުރެ ގިނަ ނުކުރާން ކޮމިޝަނުން އަންނަނީ މަސައްކަތް ކުރަމުން އެވެ.

އެ ބަދަލާ އެކު އިތުރު 178 ވޯޓު ފޮށި ބަހައްޓަން ޖެހޭނެ ކަމަށާއި، އިތުރު 2000 އިލެކްޝަންސް އޮފިޝަލުން ބޭނުންވާނެ ކަމަށް ޝަރީފް ވަނީ ލަފާކުރައްވާފަ އެވެ.

އަންނަ އަހަރު ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނެ ސީދާ ވަކި ތާރީހެއް އަދި އިއުލާނު ނުކުރި ނަމަވެސް، އިސީން ކުރިން ބުނެފައިވަނީ އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި އިންތިހާބު ބާއްވާނެ ކަމަށެވެ.

comment ކޮމެންޓް