ކްރިކެޓް ކޯޗު ހައްޔަރުކުރަން ހައިކޯޓުން އަމުރެއް ނެރެފި

ގައުމީ ކްރިކެޓު ޓީމުގެ ކޯޗު އާސިފް ޙާން --

ކުޑަކުދިންތަކަކަށް ޖިންސީ ފުރައްސާކުރި މައްސަލައެއްގައި ހައްޔަރުކޮށް، ފުލުހުންގެ އިހުމާލުން ދޫވި ގައުމީ ކްރިކެޓް ޓީމުގެ ކޯޗު އަލުން ހައްޔަރުކުރަން ހައިކޯޓުން މިއަދު އަމުރެއް ނެރެފި އެވެ.

ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި އޮކްޓޫބަރު ފަސް ވަނަ ދުވަހު ހައްޔަރުކޮށްފައި ވަނީ ގައުމީ ކްރިކެޓް ޓީމުގެ ކޯޗު އާސިފް ހާން އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފުރަން ގޮސް ހުއްޓާ އޭނާ ހައްޔަރުކޮށްފައިވަނީ 18 އަހަރުން ދަށުގެ ކުދިންތަކެއްގެ އިތުރުން 18 އަހަރުން މަތީގެ ކުޅުންތެރިންތަކަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުންނެވެ.

އޭނާ ބަންދުން ދޫވީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރި އިރު، އޭނާ ހައްޔަރު ކުރިތާ 24 ގަޑިއިރު ހަމަވެފައިވާތީ، އޭނާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރުމުންނެވެ.

އެކަމާ ގުޅިގެން ވެސް އާއިލާތަކުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ އަމުރަށްފަހު ފުލުހުން ވަނީ އަލުން އޭނާ ހައްޔަރުކުރުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި އެދިފަ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން އެ އަމުރު ނެރެނުދިނުމުން، ޕީޖީން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

އިސްތިއުނާފު މައްސަލައިގައި މިއަދު އޮތް ޝަރީއަތުގެ އަޑުއެހުމުގައި ހައިކޯޓުން ވަނީ އޭނާ އަލުން ހައްޔަރުކުރަން ފުލުހުންގެ މައްޗަށް އަމުރުކޮށްފަ އެވެ.

ކްރިމިނަލް ކޯޓުން އާސިފް ހާން ދޫކޮށްލަން އަމުރު ކުރި ނަމަވެސް، އޭނާގެ ޕާސްޕޯޓު ހިފަހައްޓާ 30 ދުވަސްވަންދެން ރާއްޖެއިން ފުރުން އޮތީ މަނާކޮށްފައި އެވެ.

މައްސަލައިގެ ތަހުގީގަށް ރާއްޖޭގައި ހުންނަ ޕާކިސްތާނު އެމްބަސީ އިން ނުފޫޒު ފޯރުވާކަމުގެ ތުހުމަތުތަކެއް ވެސް ފެންމަތިވެގެން ދިޔަ އެވެ. ނަމަވެސް އެ އެމްބަސީ އިން ވަނީ އެކަން ދޮގުކޮށްފަ އެވެ.

އަދި އާސިފް ޚާން އަކީ ޕާކިސްތާން ރައްޔިތެއް ނޫން ކަމަށާއި އޭނާއަކީ ދެކުނު އެފްރިކާ މީހެއް ކަމަށް އެމްބަސީން ވަނީ ބުނެފަ އެވެ.

ޕާކިސްތާނަށް އުފަން، ދެކުނު އެފްރިކާގެ އާސިފް ޚާން ރާއްޖޭގެ ކްރިކެޓް ޓީމުގެ ކޯޗު ކަމާ ހަވާލުވީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް