ގައުމީ ކުޅިވަރު ދެ ޓީމާ އެކު 39 ފަރާތަކަށް ހާއްސަ އިނާމު ދެނީ

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ: ޖުމްހޫރީ ދުވަހުގެ ޖަލްސާގައި 39 ފަރާތަކަށް ހާއްސަ އިނާމް ދިނުމަށް ވަނީ ނިންމާފައި -- ސަން ފައިލް ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ގައުމީ ކުޅިވަރު ދެ ޓީމާ އެކު ރައިސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމް 39 ފަރާތަކަށް ދެއްވުމަށް އިނާމާ ބެހޭ ކޮމެޓީން ނިންމައިފި އެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވައި މެޑެލް ހާސިލު ކުރައްވަނީ، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލު ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވާފައިވާ ބޭފުޅަކާއި މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 32 ބޭފުޅުންނެވެ. އަދި ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫން ވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯއްދަވާފައިވާ ހަ ބޭފުޅުންގެ އިތުރުން، ޤައުމީ ކުޅިވަރު ދެ ޓީމެއް ވެސް ހިމެނެ އެވެ.

ނަމަވެސް އެއީ ކޮން ދެ ޓީމެއް ކަމެއް ރައީސް އޮފީހުން ބުނެފައެއް ނުވެ އެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ނޮވެންބަރު މަހުގެ 10ވާ އާދީއްތަ ދުވަހުގެރޭ ދަރުބާރުގޭގައި ބާއްވަވާ ރަސްމީ ޖަލްސާގަ އެވެ.

ހާއްސަ އިނާމުގެ އިތުރުން ސަރުކާރުން ދެއްވާ ބައެއް ޚާއްޞަ މެޑެލްވެސް މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނެ އެވެ. އެގޮތުން ކީރިތި ޤުރްއާން ހިތުދަސްކުރައްވައިގެން ޙާފިޡު ކަމުގެ ސަނަދު ހާސިލުކުރެއްވި 16 ބޭފުޅަކަށާއި 2018 ވަނަ އަހަރު ބޭއްވުނު ސާނަވީ އިމްތިޙާނާއި މަތީ ސާނަވީ އިމްތިޙާނުން އެކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ހާސިލުކުރި 17 ދަރިވަރުންނަށެވެ. މީގެއިތުރުން، ދެ ސްކައުޓަކަށް ސަރުކާރުން ދެއްވާ ހަނދާނީ ފިލާ ދެއްވުމާއި ޕްރެޒިޑެންޓް ސްކައުޓް ބެޖް ހާސިލުކުރި ފަސް ސްކައުޓުންނަށް ބެޖް ދެއްވުމާއި، ބޭޑަން ޕަވަލް ބެޖް ހާސިލުކުރި ހަ ސްކައުޓުންނަށް ބެޖް ދެއްވުން ވެސް މި ޖަލްސާގައި އޮންނާނެ އެވެ.

ރާއީސުލްޖުމްހޫރިއްޔާ ދެއްވާ މަތީ ދަރަޖަ ހޯދުމުންދޭ އިނާމަކީ ރާއްޖެއަށް ރީތިނަން ހޯދައިދޭ ފަރާތްތަކާއި ހުނަރުވެރިކަމާއި މަސައްކަތްތެރިކަމާއި އަދި އިލްމީ ގޮތުން މަތީ ވަނަތަކާއި ޝަރަފު ހާސިލް ކުރާ ފަރާތްތަކުގެ ކާމިޔާބި ފާހަގަކޮށް ހިއްވަރު ދިނުމުގެ ގޮތުން ދޭ އިނާމެކެވެ.

comment ކޮމެންޓް