ޔެސީ ޑައިރެކްޓުކޮށް ކޮމެޑީ ފިލްމެއް ނެރެނީ

ޔެސީ ޑައިރެކްޓްކުރާ "5.1" ފިލްމުގެ ޝޫޓިންގެ ތެރެއިން --- ފޮޓޯ : 5.1 ފޭސްބުކް

ރާއްޖޭގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފަންނާނެއް ކަމަށްވާ ޔާސިފް މުހައްމަދު (ޔެސީ) ޑައިރެކްޓުކޮށް ކޮމެޑީ ފިލްމެއް ނެރުމުގެ މަސައްކަތް ފަށައިފި އެވެ.

ދިވެހި ފިލްމް އިންޑަސްޓްރީގައި މަޝްހޫރު ފަންނާނުންނާއި ފަހުގެ އާ ފަންނާނުންނާއެކު ތައްޔާރުކުރާ ފިލްމަށް ކިޔަނީ "5.1" އެވެ.

ބައިސްކޯފާ ގުޅިގެން ފިލްމުގެ ޕްރޮޑަކްޝަން ކުރިއަށް ގެންދާއިރު އެ ފިލްމުގެ މަސައްކަތް ފަށާފައިވަނީ މީގެ މަހެއް ކުރީންނެވެ.

"ސަން" އަށް މައުލޫމާތު ދެމުން ޔެސީ ބުނީ ފިލްމުގެ ޕްރޮޑަކްޝަންގެ 40 ޕަސަންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

އޭނާ ބުނީ މި މަސް ނިމުމުގެ ކުރީން ފިލްމުގެ ޝޫޓިންގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

ފިލްމުގެ ރޯލުތަކުން މަޝްހޫރު ފަންނާނުން ކަމަށްވާ ޝީލާ ނަޖީބާއި އައިންތު އާއި ނުޒުހަތު ހިމެނެއެވެ. އޭގެ އިތުރުން އިފްނާޒް އާއި ޝަޒީލާ ފަދަ ފަންނާނުންވެސް އެ ފިލްމުން ފެނިގެން ދާނެއެވެ.

ޔެސީ ބުނީ ފިލްމު އަންނަ އަހަރު ނެރޭނެ ކަމަށާއި ފުރަތަމަ އެ ފިލްމު ނެރޭނީ ސިނަމާއަށް ކަމަށެވެ. އެއަށްފަހު ބައިސްކޯފުން އެ ފިލްމު ފެނިގެންދާނެ ކަމަށްވެސް ޔެސީ ބުންޏެވެ.

"އަޅުގަނޑު އަސްލު ބޭނުންވަނީ އެންމެނަށްވެސް ބަލާލެވޭނެ ކަހަލަ ފިލެމެއް އުފައްދަން. މިއީ ހުރިހާ އޭޖަކަށްވެސް ގުޅޭނެ ކޮމެޑީ ފިލްމެއް،" ޔެސީ ބުންޏެވެ.

comment ކޮމެންޓް