ޗައިނާގައި ކުޑަކުދިންނަށް އޮންލައިން ގޭމްތައް ނުކުޅެވޭނެ ގަޑިތައް ކަނޑައަޅައިފި

ޗައިނާގައި ކުޑަކުދިންނަށް އޮންލައިން ގޭމްތައް ކުޅެވޭނެ ގަޑިތައް ވަނީ ކަނޑައަޅާފަ -- ފޮޓޯ: ގެޓީ

ބެއިޖިން (ނޮވެމްބަރު 7): ޗައިނާގައި ކުޑަކުދިން އޮންލައިން ގޭމްތަކަށް ދެވި ހިފުން ހުއްޓުވުމަށް ޓަކައި، އެކުދިން ކޮންމެ ދުވަހަކު ގޭމް ކުޅުން ހުއްޓާލަން ޖެހޭ ގަޑިތައް ސަރުކާރުން ކަނޑައަޅައިފި އެވެ.

ޗައިނާގެ ސަރުކާރުން ތައާރަފް ކުރި އާ ގަވާއިދުތަކުގައިވާ ގޮތުން 18 އަހަރުން ދަށުގެ ކުޑަކުދިން ރޭގަނޑު 10:00 އިން ހެނދުނު 08:00އާ ދޭތެރޭ އޮންލައިން ގޭމްތައް ކުޅުން މަނާ ވާނެ އެވެ. އަދި ޗުއްޓީ ދުވަސްތަކުގައި ކުޑަކުދިންނަށް ގޭމް ކުޅެވޭނީ ތިން ގަޑި އިރަށް ކަމަށާއި ސްކޫލު އޮންނަ ދުވަސްތަކުގައި ކުޅެވޭނީ 90 މިނިޓަށް ކަމަށް އެގަވާއިދުތަކުގައިވެ އެވެ.

މީގެ އިތުރުން ކުޑަކުދިންގެ އޮންލައިން ގޭމިން އެކައުންޓުތަކުން ފައިސާ ހަރަދު ކުރެވޭނެ މިންވަރު ވެސް އެގަވާއިދުތަކުގައި ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން އަށް އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންނަށް ކޮންމެ މަހަކު ބޭނުން ކުރެވޭނީ 200 ޔުއާން (29 ޑޮލަރު) އެވެ. އަދި 16 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށް ބޭނުން ކުރެވޭނީ 400 ޔުއާން (57 ޑޮލަރު) އެވެ.

އޮންލައިން ގޭމްތަކުގެ ސަބަބުން ކުޑަކުދިންނަށް ނޭދެވޭ އަސަރުތައް ކުރާ ކަމަށް ބުނެ ޗައިނާއިން ވަނީ މީގެ ކުރިން ވެސް ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މިދިޔަ އަހަރު އެގައުމުން ވަނީ އެގައުމުގައި އާ އޮންލައިން ގޭމްތައް އުފައްދާ މިންވަރާއި ކުޑަކުދިން ގޭމް ކުޅޭ ގަޑިތައް މަދު ކުރުމަށް ގަވާއިދުތައް ހަދަން ހާއްސަ އިދާރާއެއް ކަނޑައަޅައިފަ އެވެ.

އެގަވާއިދުތައް އާއްމު ކުރި ޖެނެރަލް އެޑްމިނިސްޓްރޭޝަން އޮފް ޕްރެސް އެންޑް ޕަބްލިކޭޝަނުން ބުނި ގޮތުގައި އެ އިދާރާއިން މިހާރު ދަނީ، ގޭމް އުފައްދާ ކުންފުނިތަކަށް އެ ކުންފުނީގެ ގޭމް ކުޅޭ ފަރާތްތަކުގެ އުމުރު ފަދަ މައުލޫމާތު ހޯދޭނެ "ޔުނިފައިޑް އައިޑެންޓިފިކޭޝަން ސިސްޓަމެއް" ފުލުހުންނާ ގުޅިގެން އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ. އަދި އޭގެ ސަބަބުން އާ ގަވާއިދުތައް ތަންފީޒު ކުރަން ފަސޭހަ ވާނެ އެވެ.

އޮންލައިން ގޭމްތަކަށް ކުޑަކުދިން ދެވި ހިފަމުންދާ ކަމުގެ ކަންބޮޑުވުން ވޯލްޑް ހެލްތު އޯގަނައިޒޭޝަނުން ވެސް ވަނީ ފާޅުކޮށްފަ އެވެ. އެގޮތުން މިދިޔަ އަހަރު އެޖަމްއިއްޔާ އިން ވަނީ ގޭމްތަކަށް ދެވިހިފުމަކީ ނަފްސާނީ ބައްޔެއްގެ ގޮތުގައި ބަލައިގަނެފަ އެވެ. އަދި ދެވިހިފުން ހުއްޓުވުމަށް ބައެއް ގައުމުތަކުގައި ވަނީ އެކަމަށް ހާއްސަ ސެންޓަރުތައް ވެސް ގާއިމުކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް