މަނީ ލޯންޑްރިންގެ ދެ ދައުވާއާ އެކު އަދީބުގެ ޝަރީއަތްތައް މާދަމާ ފަށަނީ

ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދިޔަ އަޑުއެހުމެއްގައި އަދީބް: އޭނާގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާގެ އަޑުއެހުން މާދަމާ ފެށުމަށް ވަނީ ތާވަލް ކޮށްފައި ---

މަނީ ލޯންޑްރިންގެ ކުށުގެ ދެ ދައުވާއާ އެކު ކުރީގެ ނައިބް ރައީސް އަހްމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި މާދަމާ ފަށަން ތާވަލްކޮށްފި އެވެ.

މަނީ ލޯންޑްރިންގެ ދެ ދައުވާގެ އިތުރުން ދެން އަދީބުގެ މައްޗަށް އުފުލާފައިވަނީ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއާއި ހިޔާނާޔްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އެކެވެ.

އަދީބުގެ މައްޗަށް އުފުލާފައިފާ ހަތް ދައުވާގެ އަޑުއެހުންތައް ތާވަލްކޮށްފައިވަނީ މާދަމާ މެންދުރު 2:00 އަށެވެ.

އަދީބުގެ މައްޗަށް މީގެ ކުރިން ޓެރަރިޒަމްގެ ދެ މައްސަލައެއްގައި އިތުރު ދެ ހުކުމެއްވެސް ކްރިމިނަލް ކޯޓުން އިއްވި އެވެ. އެއީ ފިސްތޯލައެއް ގެންގުޅުނު މައްސަލައިގައި އިއްވި 10 އަހަރުގެ ހުކުމަކާއި އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އިއްވި 15 އަހަރުގެ ޖަލު ހުކުމެވެ. އެ ދެ ހުކުމްވެސް ޝަރީއަތުގެ ފަހު މަރުހަލާ ކަމަށްވާ ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފަ އެވެ.

އެމްއެމްޕީއާރުސީގެ 3.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ތަހުގީގަށް އަދީބާއެކު ހެދި "ތަހުގީގަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމު"ގެ ދަށުން އޭނާއަށް އަންނާނީ 20 އަހަރުގެ ހުކުމެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އަދީބާއި އެކު ދައުލަތުން ހެދި އެއްބަސްވުމާއި ގުޅިގެން އޭނާގެ މައްޗަށް ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދާ މާބިންހުރާގެ ފައިސާއަށް ހިޔާނާތްވި މައްސަލައިގެ އިސްތިއުނާު ޝަރީއަތް މަޑު ޖައްސާލުމަށް ވެސް ދައުލަތުގެ ފަރާތުން ޕީޖީގެ ވަކީލުން ވަނީ ކޯޓްގައި އެދިފަ އެވެ. ނަމަވެސް އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް އެ އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް