އޭސީސީ އިން ތިން މިލިއަން ރުފިޔާގެ މައްސަލަތައް ޕީޖީ އަށް ފޮނުވައިފި

އޭސީސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ ފަޔާޒުމޫސާ

އެންޓިކޮރަޕްޝަން ކޮމިޝަން (އެސީސީ) އިން ތިން މިލިއަނަށްވުރެ ގިނަ ރުފިޔާގެ މައްސަލަތަކުގައި ދައުވާ ކުރުމަށް ޕްރޮސެކުއުޓާ ޖެނެރަލް އޮފީހަށް ފޮނުވައިފި އެވެ.

އޭސީސީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިއަހަރުގެ ފުރަތަމަ ނުވަ މަސްތުގެ ތެރޭގައި ތިން މައްސަލައެއްގެ ތަހުގީގު ނިންމައި ޕިޖީއަށް ދައުވާ ކުރުމަށް މިހާރު ފޮނުވާފައިވާ ކަމަށެވެ. އެ ތިން މައްސަލައިގެ ޖުމްލަ އަދަދަކީ، 3.6 މިލިއަން ރުފިޔާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ބަޔާނުގައި ބުނީ، ނުވަ މަސް ދުވަހުގެ ތެރޭގައި ފޮނުވި ތިން މައްސަލައިގެ ތެރެއިން މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި ދައުވާ ކުރުމަށް ފޮނުވާފައި ވަނީ އެއް މައްސަލައެއް ކަމަށެވެ. އޭސީސީއިން ބުނީ، އެ މައްސަލައިގައި އެއް ފަރާތެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީއަށް ފޮނުވި ކަމަށެވެ. އެފަރާތުގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ކަމަށް ވެސް ބުންޏެވެ.

މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި ތެރޭގައިވެސް ދައުވާ ކުރުމަށްޓަކައި އޭސީސީން ޕީޖީ އަށް ފޮނުވާފައިވަނީ އެއް މައްސަލަ އެވެ. އަދި އެ މައްސަލައިގައި ޝާމިލްވާ ދެ ފަރާތެއްގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވަނީ ޖުމްލަ ދެ ބާވަތެއްގެ ދައުވާ އެވެ. އެއީ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ އިތުރުން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދައުވާ އެވެ.

އޭސީސީން ދައުވާކުރުމަށްޓަކައި ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލަތަކުގެ ތެރެއިން، ޖުމްލަ 12 މައްސަލަ މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އަނބުރާ ކޮމިޝަނަށް ފޮނުވާލާފައިވެ އެވެ. އެ މައްސަލަތަކުގެ ތެރެއިން، ހަ މައްސަލައަކީ ތަފާތު ސަބަބުތަކަށްޓަކައި ދައުވާ ނުކުރުމަށް ނިންމައި އެ އޮފީހުން އަނބުރާ ފޮނުވާލާފައިވާ މައްސަލަތައްކަން ވެސް އޭސީސީއިން ވަނީ ފާހަގަކޮށްފަ އެވެ.

އޭގެތެރެއިން، މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި އަނބުރާ ފޮނުވާފައިވަނީ ތިން މައްސަލަ އެވެ.

comment ކޮމެންޓް