ޖަރާސީމުން ތަޣައްޔަރުވެފައިވާ ރާސްބެރީ ރާއްޖޭގައި

'ނޯރޯވައިރަސް' ޖަރާސީމުން ތަޣައްޔަރުވެފައިވާ ހިމްބީގަންޒް މަރުކާގެ ގަނޑުކުރި ރާސްބެރީ ރާއްޖެއަށް އެތެރެވެފައިވާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.

އެމްއެފްޑީއޭ އިން ބުނީ ހިމްބީގަންޒް މަރުކާގެ ގަނޑުކުރި ރާސްބެރީ ރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް މެދުވެރިކޮށް އަންގާފައިވާ ކަމަށެވެ.

އެހެންކަމުން އެލާޓާއި ގުޅޭ އިތުރު މައުލޫމާތު ހޯދާ އެފަދަ އުފެއްދުން އަނބުރާ ބާޒާރުން ނެގުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެ އޮތޯރިޓީން މައުލޫމާތުދެއެވެ.

އެ އޮތޯރިޓީން ބުނީ މިހާތަނަށް ބެލި ބެލުމުން އެ އުފެއްދުން ޑިސްޓްރިބިއުޓް ވެފައި ވަނީ ހަމައެކަނި ރިސޯޓުތަކަށް ކަން އެނގިފައިވާ ކަމަށެވެ.

"އެހެންކަމުން ތަޣައްޔަރުވެފައިވާ ރާސްބެރީ އެތެރެ ނުކުރުމަށާއި، ނުވިއްކުމަށާއި އަދި ބޭނުން ނުކުރުމަށް އާންމުކޮށް އަންގާ އިއުލާނު ކުރަމެވެ." އެމްއެފްޑީއޭގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ކާބޯތަކެތި އެތެރެކުރާ، ވިއްކާ އަދި ބޭނުންކުރާ ފަރާތްތަކުން ފުރިހަމަ މައުލޫމާތު ނެތް، ރައްކާތެރިކަން ކަށަވަރު ނުވާ ގަނޑުކުރި ރާސްބެރީ އެތެރެ ނުކުރުމަށާއި ނުވިއްކުމަށާއި ބޭނުން ނުކުރުމަށް ވެސް އަންގަމެވެ.

އަދި ރާއްޖެއަށް އެތެރެކުރާ ހިމްބީގަންޒް މަރުކާގެ ގަނޑުކުރި ރާސްބެރީއަށް ވަކި ހާއްސަ ސަމާލުކަމެއް ދީގެން ބާޑަރުގައި ބަލައިފާސްކުރަމުން އަންނަ ކަމަށް ވެސް ބަޔާނުގައިވެއެވެ.

ގައިން ގަޔަށް އަރާ 'ނޯރޯވައިރަސް'ގެ ސަބަބުން ހޮޑުލެވި ބޭރަށް ހިންގައެވެ.

comment ކޮމެންޓް