ތައިލޭންޑުގެ ޗެކްޕޮއިންޓަކަށް ދިން ހަމަލާއެއްގައި 15 މަރު

ތައިލޭންޑުގެ ދެކުނުގައި ދިން ހަމަލާގައި 15 މީހުން މަރުވި -- ފޮޓޯ: އޭއެފްޕީ

ޔާލާ (ނޮވެމްބަރު 6): ތައިލޭންޑުގެ ދެކުނުގައި އޮންނަ މުސްލިމުންގެ އާބާދީ ބޮޑު ޔާލާ ޕްރޮވިންސުގައި ބަޔަކު ސެކިއުރިޓީ ޗެކްޕޮއިންޓަކަށް ދިން ހަމަލާއެއްގައި 15 މީހަކު މަރުވެއްޖެ އެވެ.

ބޭންކޮކް ޕޯސްޓުގައިވާ ގޮތުން ޔާލާގެ މުއަންގް ޑިސްޓުރިކްޓުގައި އެހަމަލާ ދިނީ އެގައުމުގެ ވޮލުންޓިޔާ ޑިފެންސް ކޯޕްސްއިން ބަލަހައްޓަމުން ދިޔަ ޗެކްޕޮއިންޓަކަށެވެ. އަދި ހަމަލާގައި 10 މީހަކު ބައިވެރިވި ކަމަށް ބެލެވޭ ކަމަށާއި، އެމީހުން ވަނީ ޗެކްޕޮއިންޓުގައި ބޭނުން ކުރަމުން ދިޔަ ހަތިޔާރު ނަގާފައި ކަމަށް އެނޫހުގައިވެ އެވެ.

ބަޑި އާއި ގޮވާތަކެތި ބޭނުންކޮށްގެން ދިން އެހަމަލާގައި މަރުވީ 11 އާއްމު ރައްޔިތުންނާއި ހަތަރު ޑިފެންސް ވޮލުންޓިޔަރުންނެވެ. އަދި އެހަމަލާގައި އިތުރު ހަތަރު މީހުންނަށް އަނިޔާވި އެވެ.

ތައިލޭންޑުގެ އަސްކަރިއްޔާގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި ހަމަލާ ދިން ކަމަށް ބެލެވެނީ އެގައުމުގެ ދެކުނުގައި އަމިއްލަ ވެރިކަމެއް ގާއިމު ކުރަން މަސައްކަތް ކުރަމުންދާ ޖަމާއަތްތަކުގެ މެމްބަރުންނެވެ.

ތައިލޭންޑުގެ ދެކުނުގައި އޮންނަ ޔާލާގެ އިތުރުން ޕަޓާނީ އާއި ނާރާތުވައިތަކީވެސް މުސްލިމުން ގިނަ ސަރަހައްދުތަކެވެ. އަދި ބުދު ދީނުގެ މީހުންގެ އާބާދީ ބޮޑު ތައިލޭންޑުގައި އެ ތިން ސްޓޭޓާ މެދު ތަފާތު ކުރުންތައް ގެންގުޅޭ ކަމަށް ސަރުކާރާ އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. އަދި އެސަރަހައްދުގައި އަމިއްލަ ސަރުކާރެއް ގާއިމު ކުރުމަށް ގޮވާލާ ހަތިޔާރުއެޅި ޖަމާއަތްތަކުން ވަނީ ފާއިތުވި އަހަރުތަކުގެ ތެރޭގައި އެގައުމަށް ގިނަ އަދަދެއްގެ ހަމަލާތައް ދީފަ އެވެ.

comment ކޮމެންޓް