އެޑްވައިޒަރުކަން ދޫކޮށްލައި ނާޒިމް ގާސިމާ ދުރަށް

ނާޒިމްއާއި ގާސިމް: ނާޒިމް ވަނީ ގާސިމްގެ އެޑްވައިޒަރުގެ މަގާމުން އިސްތިއުފާ ދެއްވާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސިޔާސީ އެޑްވައިޒަރުގެ މަގާމުން ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާ މެމްބަރު މުހައްމަދު ނާޒިމް އިސްތިއުފާ ދެއްވައިފި އެވެ.

ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރާއި ރައީސް ޔާމީންގެ ސަރުކާރުގައި ވެސް ޑިފެންސް މިނިސްޓަރުކަން ކުރެއްވި ނާޒިމް ވަނީ އޭނާ އެ މަގާމުން މިދިޔަ ހޯމަ ދުވަހު އިސްތިއުފާ ދެއްވިކަން "ސަން" އަށް ކަށަވަރު ކޮށްދެއްވާފަ އެވެ.

އިސްއުފާ ދެއްވީ ކީއްވެގެންތޯ ސުވާލު ކުރުމުން ނާޒިމް ވިދާޅުވީ، "ޕާޓީގެ މަސައްކަތައް ވަގުތު ނުދެވޭތީ. އެހެން ބޭފުޅުންނަށް ފުރުސަތު ދިނުމަށް،" ކަމަށެވެ.

ގާސިމްގެ އެޑްވައިޒަރުގެ މަގާމުން ނާޒިމް އިސްތިއުފާ ދެއްވި އިރު، އޭނާ ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވަޑައި ނުގަންނަވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އެގޮތުން އިދިކޮޮޅު ޕީޕީއެމްގައި އިސް މެމްބަރުންތަކެއް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި ފަހުން، ނާޒިމް ޖުމްހޫރީ ޕާޓީގެ އިސް ސަފުން ފެނިފައެއް ނުވެއެވެ.

ނާޒިމް އެ މަގާމުން އިސްތިއުފާ ދެއްވުމުން ގާސިމްގެ އެޑްވައިޒަރަކަށް ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު ރޭ ވަނީ ހަމަޖައްސައިފަ އެވެ.

ނާޒިމް ޖޭޕީއާ ގުޅިވަޑައިގެންނެވީ ނޮވެމްބަރު، 12، 2018 ގައެވެ. އޭނާ ގާސިމްގެ އެޑްވައިޒަރުގެ މަގާމަށް ހަމަޖެއްސެވިކަން ގާސިމް އިއުލާން ކުރެއްވީވެސް ހަމަ އެދުވަހުއެވެ.

comment ކޮމެންޓް