ބިދޭސީ މަސައްކަތްތެރިން ގިނަވެގެން ކަންބޮޑުވާކަށް ނުޖެހޭ: މިނިސްޓަރު އަސްލަމް

ޕްލޭނިންގް މިނިސްޓަރ މުހައްމަދު އަސްލަމް-- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތަށް ބިދޭސީ މަސައްކަތްތެރިން ބޭނުންވާ ކަމަށާއި ބިދޭސީ މަސައްކަތްތެރިން ގިނަވެގެން ކަންބޮޑުވާން ނުޖެހޭ ކަމަށް ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އިމާރާތް ކުރުމުގެ ސިނާއަތުގައި ހުރި ދަތިތަކާއި އެ ދަތިތަކަށް ހޯދިދާނެ ހައްލުތަކާ ބެހޭގޮތުން މަޝްވަރާކުރަން މިއަދު ދަރުބާރުގޭގައި ފެށި ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި މިއޮތް އިމާރާތް ކުރުމުގެ ސިނާއަތް ބޭރުގެ މަސައްކަތްތެރިން ނުލައި ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަދި އެއީ ދިވެހިންނަށް އެކަނި ވަޒީފާތައް ދީގެން ކުރިއަށް ގެންދެވޭނެ ސިނާއަތެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

"އަޅުގަނޑު ހަމަ ގައިމުވެސް ގަބޫލެއް ނުކުރަން ރާއްޖޭގައި ދިވެހި ޕޮޕިއުލޭޝަނަށް އެކަނި ރާއްޖޭގައި މި އިންޑަސްޓްރީ (އިމާރާތްކުރުމުގެ ސިނާއަތް) ހިފަހައްޓާލެވޭނެ ކަމަކަށް. ފޮރިން ލޭބާ ބޭނުންވޭ. ރެގިއުލޭޓް ކުރެވިފައި އަޅުގަނޑުމެންނަށް އެމީހުންނަށް ދޭން ޖެހޭ ހަމަ މުސާރަ އާއި އެމީހުންގެ ދިރިއުޅުމުގެ ކަންތައްތައް ރަނގަޅަށް ހަމަޖައްސައިގެން ގެންގުޅެވޭ ލޭބާ ފޯސްއެއް ބޭނުންވޭ،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންގެ އަދަދު މާ ގިނަ ކަމާއި، އެއީ ބިރުވެރިކަމެއްގެ ގޮތުގައި އެކަން ސިފަކުރެވޭ ކުރެވުން ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ބިދޭސީ ލޭބަރުން ރާއްޖޭގައި އުޅޭ ނަމަ އެއީ މައްސަލައެއް ކަމުގައި ބަލައިގެން ނުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑު ކަންބޮޑުވަނީ އެމީހުން (ބިދޭސީން) ގިނަ ވެގެނެއް ނޫން. އަޅުގަނޑު ކަންބޮޑުވަނީ ރެގިއުލޭޓް ނުކުރެވޭ މައްސަލަ... އަޅުގަނޑުމެން ކަންބޮޑުވާކަށް ނުޖެހޭ ރާއްޖޭގައި މި އިންޑަސްޓްރީގައި ބޭރުގެ ލޭބާ ފޯސްއެއް ރެގިއުލޭޓް ކުރެވިގެން މަސައްކަތް ކޮށްގެން،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

މެދުއިރުމަތީގެ ކުރިއަރާފައިވާ ގައުމުތަކުން މިސާލު ނަންގަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، އޭގެ ތެރެއިން ބައެއް ގައުމުތަކުގައި ބިދޭސީ މަސައްކަތްތެރީންގެ އަދަދު ގިނަ ކަމަށާއި ނަމަވެސް އެގައުމުތައް ވެސް ވަރަށް ކުރިއަރާ ގޮސްފައިވާ ކަމަށެވެ.

ރާއްޖޭގައި އުޅޭ ބިދޭސީން ރެގިއުލަރައިޒް ކުރުމުގެ މުހިންމުކަން މިނިސްޓަރު އަސްލަމް ފާހަގަ ކުރެއްވިއިރު، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީން ވަނީ 'ރެގިއުލަރައިޒޭޝަން ޕްރޮގްރާމް' ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް ފަށާފަ އެވެ.

އެ ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް 14،000 އަށް ވުރެ ބިދޭސީންނަށް ވަނީ އެޕޮއިންޓްމަންޓް ދޫކޮށްފަ އެވެ.

comment ކޮމެންޓް