ޖާގަ އޮތްވަރަކުން ސުކޫލްތަކުގައި ނަމާދުކުރާނެ ތަންތަން އެބަ ހަދަން: މިނިސްޓަރު

އެޑިއުކޭޝަން މިނިސްޓަރު މިއަދު މަޖިލިީހުގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: މަޖިލިސް

ސްކޫލުތަކުގައި ނަމާދުކުރަން ވަކި ހާއްސަ ތަނެއް ހުންނަން ޖެހޭ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށާއި ޖާގަ ހުރިވަރަކުން ސުކޫލްތަކުގައި ނަމާދު ކުރާ ތަންތަން ހަދަމުން އަންނަ ކަމަށް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އާމިރު ވަނީ ސްކޫލުތަކުގައި ނަމާދު ކުރާ ތަންތަން ނުހުންނަނީ ކީއްވެތޯ މިނިސްޓަރާ ސުވާލު ކުރައްވައިފަ އެވެ.

މެމްބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ނަމާދުކުރަން ވަކި ތަނެއް ހުންނަން ނުޖެހޭ ކަމަށާއި، ސްކޫލުގެ ކޮންމެ ތަނެއްގައި ވެސް ނަމާދު ކުރެވޭނެ ކަމަށެވެ.

"ނަމާދު ކުރާކަށް އަސްލު ހަގީގަތުގައި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަކި ތަނެއް ހުންނާކަށް ނުޖެހޭ. ސްކޫލް ހޯލުގައި، ސްކޫލުގެ ކޮމްޕައުންޑުގައި ކްލާސްރޫމް ތެރޭގައި ވެސް ނަމާދު ކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ވެސް އެކަންކަން ކުރިއަށްދާ ކަމަށާއި ޖަމާއަތުގައި ނަމާދަށް އަރާ ސްކޫލުތައް ވެސް އެބަހުރި ކަމަށެވެ.

ނަމަވެސް ބަޖެޓު ހުރި މިންވަރުން ބައެއް ސްކޫލްތަކުގައި ނަމާދު ކުރާ ގެތައް އަޅަމުން އަންނަ ކަމަށާއި ބައެއް ކައުންސިލުތަކުންނާއި އަމިއްލަ ފަރާތްތަކުން ވެސް ސްކޫލުތަކުގައި ނަމާދު ކުރާ ތަންތަން ހަދަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރުގެ ވާހަކަތަކަށް ފަހު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމަނިކުފާނު ސްކޫލުގައި އުޅުއްވި އިރު އާދަކޮށްދީފައި ވަނީ ޖަމާއަތަށް މިސްކިތަށް ނަމާދަށް އެރުމަށް ކަމަށެވެ.

ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ސްކޫލުން ނުކުންނަ ކޮންމެ ދަރިވަރަކީ އިސްލާމްދީނުގެ ސައްހަ އަގީދާ މަތީގައި ހުންނަ މުރާލި، ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ 21 ވަނަ ގަރުނަށް ބޭނުންވާ މައުލޫމާތާއި ހުނަރުތައް ލިބިފައި ހުންނަ ކުއްޖަކަށް ހެދުން ކަމަށެވެ.

"އެގޮތުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެން ދީނީ ތައުލީމާއި ތަރުބިއްޔަތު ދަރިވަރުންނަށް އުނގަންނައިދޭން." މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް