ޓެނިސް ތަރި ސެރީނާ ވިލިއަމްސްގެ ޗުއްޓީ ރާއްޖޭގައި

މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއަމްސް --- ފޮޓޯ : ވޮޝިންޓަން އެންބީސީ

ދުނިޔޭގެ އެންމެ މޮޅު އަންހެން ޓެނިސް ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ސެރީނާ ވިލިއަމްސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

ސެރީނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދާއިރު އެ ޗުއްޓީގައި ސެރީނާގެ ފިރިމީހާ އެލެކްސިސް އޮހާނިއަން އަދި ދެ އަހަރުގެ ދަރިފުޅު އެލެކްސިސް އޮލިމްޕިއާ އޮހާނިއަން ޖޫނިއާ ވެސް ރާއްޖެ އައިސްފައިވެ އެވެ.

ތިން މެންބަރުންގެ މި އާއިލާ ރާއްޖެ އައިސްފައިވާ ދުވަަހެއް ސާފެއް ނޫވެ އެވެ. އެހެންނަމަވެސް އޭނާއާއި އޭނާގެ އާއިލާ ޗުއްޓީ ހޭދަކުރަމުން ދަނީ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގަ އެވެ.

ސެރީނާ ވަނީ އޭނާގެ ޗުއްޓީގެ މަންޒަރުތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާއަށް ޕޯސްޓުކޮށްފަ އެވެ. އެގޮތުން އޭނާގެ ދަރިފުޅު އޮލިމްޕިއާ ދަތުރުގައި ކުޅެ މަޖާކޮށް އުޅޭ މަންޒަރުތައް ސެރީނާ ވަނީ ދައްކާލާފަ އެވެ.

ސެރީނާގެ ފިރިމީހާ އެލެކްސިސްއާ އެކު ވަަގުތު ހޭދަކުރާ މަންޒަރުތައްވެސް އޭނާ ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.

ޓެނިސް ކެރިއަރުގެ ތާރީހުގައި ސެރީނާ ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފަ އެވެ. އެގޮތުން އޭނާ ވަނީ މިހާތަނަށް 23 ސިންގަލް ޓައިޓަލް ހޯދާފަ އެވެ. އެއީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ބޮޑެތި ސިންގަލްގެ ރެކޯޑު ހަދާފައިވާ ކުޅުންތެރިޔާ އެވެ.

comment ކޮމެންޓް