ޕެރިސް މުއާހަދާއިން ވަކިވާ މައްސަލާގައި ދުނިޔޭގެ ފާޑުކިޔުންތައް އެމެރިކާއަށް

އދ. މަޖިލިސް (ނޮވެމްބަރު 6): ދުނިޔޭގެ ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި އެކުލަވާލާފައިވާ ޕެރިސް މުއާހަދާއިން ވަކިވުމަށް އެމެރިކާއިން ނިންމައި އެކަން ރަސްމީކޮށް އދ. އަށް އެންގުމުން ބައިނަލްއަގްވާމީ މުޖްތަމައުގެ ފާޑުކިޔުންތައް އެމެރިކާއަށް އަމާޒުވެއްޖެ އެވެ.

އެމެރިކާގެ މިނިންމުމަށް އެންމެ ފުރަތަމަ ފާޑުކިޔާފައިވަނީ ޔޫރަޕްގެ އިއްތިހާދު، އީޔޫއިން އެވެ. އެ އިއްތިހާދުން ބުނީ އެމެރިކާގެ އަމަލަކީ ޒިންމާދާރުކަން ކުޑަ އަމަލެއްކަމަށާ އެކަމާމެދު ހިތާމަކުރާ ކަމަށެވެ. މީގެއިތުރުން ޗައިނާ، ފަރަންސޭސިވިލާތް، ޖަޕާން އަދި ރަޝިއާއިންވެސް ވަނީ އެމެރިކާގެ ނިންމުމާމެދު ހިތާމަކުރާކަން ހާމަކޮށްފަ އެވެ. ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމްއިއްޔާ ޖަމާއަތްތަކުންވެސްވަނީ މިމައްސަލާގައި އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

ޕެރިސް މުއާހަދާއިން ވަކިވުމަށް ބަހަނާ ދައްކަވަމުން އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯވަނީ އެ މުއާހަދާގެ ސަބަބުން އެމެރިކާ އަށް ވަނީ ބޭއިންސާފް އިގްތިސާދީ ބުރައެއް ތަހައްމަލް ކުރަންޖެހިފައި ކަމަށް ވިދާޅުވެ ތިމާވެއްޓަށް ކުޑައިމިސްވާ ގޮތަށް ވާހަކަ ދައްކަވާފައެވެ. ޕެރިސް މުއާހަދާގައި ދުނިޔޭގެ 188 ގައުމަކުން ސޮއިކޮށްފައިވާއިރު އެއީ ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި ދުނިޔޭގައި މިހާތަނަށް އެކުލަވާލައި އަމަލުކުރަމުން ގެންދާ އެންމެ ފިރިހަމަ އަދި އެންމެ ޝާމިލް މުއާހަދާއެވެ. އެ މުއާހަދާއަށް ދުނިޔޭގެ ގައުމުތަކުން ވާސިލްވީ އެތަށް އަހަރެއްގެ ބުރަ މަސައްކަތުންނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ދުނިޔޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތަކީ ބޭކާރު މަސައްކަތެއް ކަމަށް ސިފަކުރައްވާ އަދި ތިމާވެއްޓަށް އަންނަ ބަދަލުތައް ގަބޫލު ނުކުރައްވާ ބޭފުޅެކެވެ. ޕެރިސް މުއާހަދާއިން އެމެރިކާ ވަކިވުމަކީ ޓްރަމްޕުގެ އިންތިޚާބުގެ ވައުދެކެވެ. އެމެރިކާއަކީ ދުނިޔޭގެ ޖައްވަށް އެންމެ ގިނައިން ވިހަ ގޭސްތައް ބޭރުކޮށް އަދި ތިމާވެށި ހަލާކުރުމުގައި އެންމެ އިސްދައުރެއް އަދާކުރާ ގައުމު ކަމަށްވާތީ ޕެރިސް މުއާހަދާއިން އެމެރިކާ ވަކިވުމަކީ އެމުއާހަދާއަށް އަމަލުކުރުމަށް ބޮޑެތި ހުރަސްއެޅިގެންދާނެކަމެއް ކަމަށް ތިމާވެއްޓަށް މަސައްކަތްކުރާ ތަޖްރިބާކާރުންނާއި އެކްޓިވިސްޓުން ބުނެއެވެ.

ޕެރިސް މުއާހަދާއިން ވަކިވުމަށް އެމެރިކާ ނިންމާފައިވަނީ 2017 ވަނައަހަރުއެވެ. އެކަން ރަސްމީކޮށް އދ. އަށް އަންގާފައިވަނީ މި ހަފްތާގައެވެ. ނަމަވެސް ޕެރިސް މުއާހަދާއިން އެމެރިކާ ވަކިކުރުމުގެ ކަންތައް އދ. ން ފަށާނީ އެއްއަހަރު ފަހުންނެވެ. މިއާއެކު އެ މުއާހަދައިން އެމެރިކާ ވަކިވުމާއި ނުވުން ބިނާވެގެންދާނީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ. އަންނަ އަހަރުގެ ރިޔާސީ އިންތިޚާބު ޓްރަމްޕް ނޫން އެހެންބޭފުޅަކު ކާމިޔާބު ކުރައްވައިފިނަމަ ދެން އެމެރިކާގެ ރައީސްކަމަށް ވަޑައިގަންނަވާ ބޭފުޅަކަށް އެކަން ހުއްޓުވައި އެމުއާހަދާގައި އެމެރިކާ ދެމިއޮތުމާމެދު އިތުރު ގޮތެއް ނިންމިދާނެއެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު