ދިއްލީގައި ދުން ބޯވުމުގެ ސަބަބުން ނޭވާލާ ނިޒާމުގެ މައްސަލަތައް އިތުރުވެއްޖެ

ދިއްލީގައި ދުން ބޯވުމުގެ ސަބަބުން ސްކޫލުތައް ބަންދުކޮށް، ފްލައިޓުތައް ކެންސަލްކޮށްފައިވޭ -- ފޮޓޯ: ގެޓީ

ދިއްލީ (ނޮވެމްބަރު 6): އިންޑިއާގެ ނިއު ދިއްލީގައި ދުން ބޯވެ، ވައި ތަޣައްޔަރުވުމުގެ ސަބަބުން އެސިޓީގައި ނޭވާލާ ނިޒާމުގެ މައްސަލަތައް ރިޕޯޓު ކުރާ މީހުންގެ އަދަދު އިތުރުވެއްޖެ ކަމަށް ދިއްލީގެ ޑޮކްޓަރުން ވިދާޅުވެއްޖެ އެވެ.

ދިއްލީގައި އިންޖީނުލީ އުޅަނދުތައް ގިނަވުމާއި ފެކްޓަރީތަކުން ބޭރު ކުރާ ނުރައްކާތެރި ގޭސްތަކުގެ ސަބަބުން އެސިޓީގައި ދުން ބޯވެފައި އޮންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. އަދި މިދުވަސްވަރު އަވަށްޓެރި ޕަންޖާބާއި ހަރިޔާނާގައި ގޮވާން ކަނޑާފައިވާ ދަނޑުތައް އެންދުމާއި މިދިޔަ މަހުގެ ފަހުކޮޅު އެގައުމުގައި ބަޑިބޭހާއެކު ދިވާލީ ފާހަގަ ކުރުމާ ގުޅިގެން ވައި ތަޣައްޔަރުވެފައިވާ މިންވަރު ވަނީ އިތުރުވެފަ އެވެ.

އެއީ ކޮންމެ އަހަރަކުވެސް އޮކްޓޯބަރު މަހާއި ނޮވެމްބަރު މަހު ދިއްލީއަށް ދިމާވާ މައްސަލައެކެވެ. ނަމަވެސް މިއީ ފާއިތުވި ތިން އަހަރު ތެރޭ ވައި ނުސާފުވުމުގެ މައްސަލަ މިހާވަރަށް ގޯސްވި ފުރަތަމަ ފަހަރު ކަމަށް އެސިޓީގެ އޮފިޝަލުން ވިދާޅުވި އެވެ. އަދި މިމަހުގެ އެކެއްގައި ދިއްލީގައި ވަނީ ސިއްހީ އެމާޖެންސީއެއްވެސް އިއުލާންކޮށްފަ އެވެ.

ދިއްލީގެ ބީއެލްކޭ ސުޕަ ސްޕެޝާލިޓީ ހޮސްޕިޓަލުގެ ސެންޓާ ފޯ ޗެސްޓް އެންޑް ރެސްޕިރޭޓަރީ ޑިޒީސެސްއިން ބުނި ގޮތުގައި މިދިޔަ މަހުގެ 26ގައި ދިވާލީ ފާހަގަ ކުރަން ފެށި ފަހުން، އެއް ހަފްތާ ތެރޭ އެސެންޓަރަށް ދިޔަ މީހުންގެ އަދަދު ތިން ގުނަ އިތުރުވި އެވެ. އަދި ވައި ނުސާފުވުމުގެ ސަބަބުން އޭގެ އަސަރު އެންމެ ބޮޑަށް ކުރަނީ ނޭވާ ހިއްލާ މީހުންނާއި ފުއްޕާމޭގެ ބަލިތައް ހުންނަ މީހުންނަށެވެ.

މީގެ އިތުރުން ވައި ތަޣައްޔަރުވުމުގެ ސަބަބުން ފުރަތަމަ ފެންނަ އަލާމާތްތަކުގެ އިތުރުން ދިގު މުއްދަތުގައިވެސް ސިއްހީ މައްސަލަތަކާ ކުރިމަތިލާންޖެހިދާނެ ކަމަށް އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސްގެ ޑޮކްޓަރު ކަރަން މަދަން ވިދާޅުވި އެވެ.

"ވައި ނުސާފުވުމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ވަގުތުން ފާހަގަ ނުކުރެވިދާނެ. އަދި ކެއްސުމާއި ލޯ ހިރުވުމާއި ކަރުތެރޭގައި އުފެދޭ އިންފެކްޝަނަކީ ބޮޑު މައްސަލައެއްގެ ފެށުން ކަމަށް ވެދާނެ. އަދި ވައި ނުސާފުވުމުގެ ސަބަބުން ދިގު މުއްދަތަކަށް އެހާ ވަރަށް ގިނަ ނުރައްކާތެރި މާއްދާތައް ހަށިގަނޑަށް ވާސިލުވާނަމަ، ދިގު މުއްދަތުގައި ސިއްހީ މައްސަލަތައްވެސް ފާހަގަ ކުރެވޭނެ،" ޑރ. މަދަން ވިދާޅުވި އެވެ.

ދިއްލީގެ ސެންޓާ ފޯ ސައިންސް އެންޑް އެންވަޔަރޮމެންޓުން މިދިޔަ ޖޫން މަހު ނެރުނު ދިރާސާއެއްގައިވާ ގޮތުން ވައި ތަޣައްޔަރުވުމާ ގުޅުން ހުރި މައްސަލަތަކުގައި އިންޑިއާއިން ކޮންމެ އަހަރަކު ފަސް އަހަރުން ދަށުގެ 100،000އަށް ވުރެ ގިނަ ކުޑަކުދިން މަރުވެ އެވެ.

ދިއްލީގައި ވައި ނުސާފުވެފައިވާ މައްސަލައިގައި އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ ޕަންޖާބާއި ހަރިޔާނާގެ ދަނޑުތަކުގައި ރޯކޮށްފައިވާ އަލިފާންގަނޑުތައް ނިއްވާލުމަށާއި ވައި ތަޣައްޔަރުވުން ހުއްޓުވުމަށް މަގުޗާޓެއް އެކުލަވާލުމަށް ދިއްލީ އާއި ޕަންޖާބާއި ހަރިޔާނާގެ ސަރުކާރަށް އަންގާފަ އެވެ.

އަދި ދިއްލީގައި އިތުރަށް ވައި ނުސާފުވުން ކުޑަ ކުރުމަށްޓަކައި އެސިޓީން ވަނީ މިމަހުގެ ފަނަރަ އާ ހަމައަށް ދިއްލީގެ މަގުތަކުގައި ޕްރައިވެޓް ކާރުތައް ދުއްވޭނީ ލައިސެންސް ޕްލޭޓް ނިމޭ ނަމްބަރަށް ބަލާފައި ކަމަށް ކަނޑައަޅާފަ އެވެ. އެގޮތުން އެއް ދުވަހު ދުއްވާނީ އޮނަހިރި އަދަދަކުން ލައިސެންސް ޕްލޭޓް ނިމޭ ކާރު ތަކެވެ. އަނެއް ދުވަހު ދުއްވާނީ ހިރި އަދަދަކުން ލައިސެންސް ޕްލޭޓް ނިމޭ ކާރުތަކެވެ. އަދި އެ ގަވާއިދާ ހިލާފު ވެއްޖެ ނަމަ 50 ޑޮލަރުން ޖޫރިމަނާ ކުރާނެ އެވެ.

މީގެ އިތުރުން ދިއްލީގެ ސްކޫލުތައް ބަންދުކޮށް، ފްލައިޓުތައް ކެންސަލްކޮށްފައިވެ އެވެ.

comment ކޮމެންޓް