ޕްލާސްޓިކުން ސަލާމަތްވާން ފޭދޫގެ އިސްނެގުމެއް!

ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދާ، ކޮމިޔުނިޓީ ފަންޑުގެ ދަށުން، ށ. ފޭދޫގެ ގޭބިސީތަކަށް ބިއްލޫރި ފުޅި ހަދިޔާކުރުމުގެ ޕްރޮގްރާމް: ބީއެމްއެލްގެ އެހީގައި އެ ޕްރޮޖެކްޓް ހިންގަނީ ފޭދޫ އެންވަޔަރުމަންޓް ޑިވަލޮޕްމަންޓް އެސޯސިއޭޝަނުން -- ފޮޓޯ/ ބީއެމްއެލް

ށ. ފޭދޫއަށް ވެސް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކެވެ. އޭގެ ތެރެއިން ވެސް ޕްލާސްޓިކް ފުޅީގެ އުނދަގޫ އޮތީ ވަރަށް ވެސް ބޮޑުވެފަ އެވެ. އެންމެފަހުން ރަށު ތެރެ ސާފުކުރި ދުވަހު ވެސް 1.5 ޓަނުގެ ޕްލާސްޓިކް ފުޅި ވަނީ އެއްކޮށްފަ އެވެ.

މި ފަހުން ކުނި ބޭރު ކުރި އިރު ތިރީހަކަށް ޖަމްބޯ ބޭގް ފުރާ ޕްލާސްޓިކް ފުޅި ބޭރު ކުރި އެވެ. އެއީ ގާތްގަނޑަކަށް 1000 ކިލޯގެ ފުޅި އެވެ.

ޕްލާސްޓިކް ފުޅީގެ މައްސަލަ ބޮޑުވެ، މައްސަލަ ހައްލުކުރަން ކުރެވިދާނެ ކަމެއް ހޯދަން އެރަށުގެ ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރަމުން އަންނަ އަމިއްލަ ޖަމިއްޔާއެއް ކަމުގައިވާ ފޭދޫ އެންވަޔަރަމެންޓް ޑިވެލޮޕްމަންޓް އެސޯސިއޭޝަންގެ އެންމެހާ މެންބަރުން އެކުގައި އިސް ނަގައި، މަސައްކަތް ފެށިއެވެ.

"އަޅުގަނޑުމެނަށް ވިސްނުނީ ޕްލާސްޓިކް ފުޅީގެ ބަދަލުގައި ބިއްލޫރި ފުޅި ބޭނުން ކުރަން ފަށައިފިނަމަ ކޮންމެސް ވަރެއްގެ ހައްލެއް މިކަމަށް ލިބިގެންދާނެ ކަމަށް،" ޖަމިއްޔާގެ ރައީސް އިސްމާއިލް ފަޒީލް "ސަން" އަށް ވިދާޅުވިއެވެ.

އެހެންކަމުން އެ ޖަމިއްޔާއިން ނިންމީ ޖަމިއްޔާތަކުންނާއި އަމިއްލަ ފަރުދުން، ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓުތަކަށް އެހީދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށްގެންދާ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް" އަށް ޕްރޮޕޯސަލް ހުށަހަޅާށެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދާ، ކޮމިޔުނިޓީ ފަންޑުގެ ދަށުން، ށ. ފޭދޫގެ ގޭބިސީތަކަށް ބިއްލޫރި ފުޅި ހަދިޔާކުރުމުގެ ޕްރޮގްރާމް: ބީއެމްއެލްގެ އެހީގައި އެ ޕްރޮޖެކްޓް ހިންގަނީ ފޭދޫ އެންވަޔަރުމަންޓް ޑިވަލޮޕްމަންޓް އެސޯސިއޭޝަނުން -- ފޮޓޯ/ ބީއެމްއެލް

އުންމީދު ކޮށްގެން ތިބި ގޮތަށް، އެހެން ޕްރޮޕޯސަލްތަކާ ވާދަކޮށް އެ ޖަމިއްޔާއިން ހުށަހެޅި "ބިއްލޫރި ފުޅި" ޕްރޮޕޯސަލް ކާމިޔާބު ހޯދީ އެވެ. ބީއެމްއެލް އިން ދިން 50،000 ރުފިޔާއާ އެކު އެ ޖަމިއްޔާއިން ރަސްމީ ސިފައެއްގައި އެ ޕްރޮޖެކްޓުގެ މަސައްކަތް ފަށައިގަތެވެ.

އެ މަސައްކަތުގެ ނަތީޖާއާ ހަމަޔަކަށް އާދެވި، މިއަދު މިވަނީ އެރަށުގެ ގެތަކުން ޕްލާސްޓިކް ފުޅިތައް ނެރެ، އޭގެ ބަދަލުގައި ބިއްލޫރި ފުޅި ބޭނުންކުރަން ފަށާ ދުވަހަށެވެ. ފަޒީލް ވިދާޅުވި ގޮތުގައި މިއަދު ހަވީރު އެރަށުގެ ކޮންމެ ގޭބިސީއަކަށް އެއް ލީޓަރުގެ ފަސް ފުޅީގެ ރޭޓުން، ޖުމްލަ 1000 ބިއްލޫރި ފުޅި ބަހާނެ ކަމަށެވެ.

ނަމަވެސް މިއީ އަދި ޕްލާސްޓިކް ނޫން ގޮތެއް ހޯދަން އެ ޖަމިއްޔާއިން ކުރާ މަސައްކަތުގެ ފެށުމެވެ. ކުރަންޖެހޭ މަސައްކަތް އަދި އޮތީ ކުރިއަށެވެ.

"މިރަށުގައި ފެނުގެ ނިޒާމު ގާއިމު ނުކުރެވި އޮތް އިރު، އަހަރުގެ ގިނަ ދުވަސްތައް މިދަނީ ވާރޭ ނުވެހި. އެހެންކަމުން ކޮންމެ ގޮތެއް ވިޔަސް ބަރޯސާ ވާން މިޖެހެނީ ފުޅީގައި ބަންދުކޮށްގެން މި ގެންނަ ފެނަށް. އެހެންވީމަ ޕްލާސްޓިކް ފުޅި ބޭނުން ކުރުން މުޅިން ހުއްޓައެއް ނުލެވޭނެ އަދި. ނަމަވެސް މަދުވާނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބަ އޮތް،" ފަޒީލް ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދާ، ކޮމިޔުނިޓީ ފަންޑުގެ ދަށުން، ށ. ފޭދޫގެ ގޭބިސީތަކަށް ބިއްލޫރި ފުޅި ހަދިޔާކުރުމުގެ ޕްރޮގްރާމް: ބީއެމްއެލްގެ އެހީގައި އެ ޕްރޮޖެކްޓް ހިންގަނީ ފޭދޫ އެންވަޔަރުމަންޓް ޑިވަލޮޕްމަންޓް އެސޯސިއޭޝަނުން -- ފޮޓޯ/ ބީއެމްއެލް

ފަޒީލް ވިދާޅުވީ އެރަށުގައި ކުނި މެނޭޖު ކުރެވޭނެ ގޮތެއް ނެތް ކަމަށެވެ. އެހެންކަމުން ގޭގޭގައި ބިއްލޫރި ފުޅި ބޭނުން ކުރަން ފެށި ނަމަވެސް، ކުނީގެ ގޮތުގައި އުކާލެވޭ ޕްލާސްޓިކް އެންމެ އެދެވޭ ގޮތުގައި ނައްތާލަން ހުރަސްތަކެއް އެބަ ހުރި ކަމަށެވެ.

އެހެންކަމުން ޕާލޭ ކުންފުންޏާ ގުޅިގެން، ޕްލާސްޓިކް ފުޅިތައް ރީސައިކަލް ކުރަން ފޮނުވަން މިހާރު މަސައްކަތް ފަށާފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ޕްލާސްޓިކް އާ ދުރުވެ، ތިމާވެއްޓާ ރަށްޓެހި ގޮތަކަށް ދިރިއުޅުމުގެ އާދަތައް ބަދަލު ކުރުމަކީ އެންމެ ދުވަހަކުން ކުރެވޭނެ މަސައްކަތެއް ނޫންކަން ފަޒީލް ފާހަގަކުރެއްވިއެވެ. މި މަސައްކަތް ކާމިޔާބު ވާނީ އެއްލާލާ އެންމެ ފުޅިއަކުން ވެސް ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ރައްޔިތުންނަށް ވިސްނައިދީ، ވަރަށް ބޮޑަށް ހޭލުންތެރި ކުރުވައިގެންނެވެ.

އެ ޖަމިއްޔާއިން މިހާރު އަންނަނީ ތިމާވެއްޓަށް ސްކޫލު ދަރިވަރުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަން ރާވަމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައި މުޅި ރަށަށް އަމާޒުކޮށްގެން ތަފާތު ޕްރޮގްރާމްތައް ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ.

ފަޒީލްގެ އުންމީދަކީ، އެ ޖަމިއްޔާ އިން މި ނެގި ފިޔަވަޅުގެ ސަބަބުން އެރަށުގައި އެއްވެ ބޮޑުވަމުން އަންނަ ޕްލާސްޓިކް ފުނިތައް ވަރަށް ބޮޑުތަން ކުޑަވެ، އެރަށުގެ އިންތިހާއަށް ނާޒުކު ތިމާވެއްޓަށް ކޮންމެވެސް ވަރެއްގެ ފަރުވާއެއް ލިބުމެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދާ، ކޮމިޔުނިޓީ ފަންޑުގެ ދަށުން، ށ. ފޭދޫގެ ގޭބިސީތަކަށް ބިއްލޫރި ފުޅި ހަދިޔާކުރުމުގެ ޕްރޮގްރާމް: ބީއެމްއެލްގެ އެހީގައި އެ ޕްރޮޖެކްޓް ހިންގަނީ ފޭދޫ އެންވަޔަރުމަންޓް ޑިވަލޮޕްމަންޓް އެސޯސިއޭޝަނުން -- ފޮޓޯ/ ބީއެމްއެލް

ފަޒީލް ވަނީ ބީއެމްއެލް އިން އަމިއްލަ ފަރުދުންގެ މިފަދަ ހިޔާލުތަކަށް އަމަލީ ސިފަ ގެނެސްދިނުމަށް ކުރިއަށް ގެންދާ ކޮމިއުނިޓީ ފަންޑަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށް، ތައުރީފު ކޮށްފައެވެ. ފަޒީލް ވިދާޅުވީ މިއީ ކުދި ކުދި ރަށްރަށުގެ ތަރައްގީގައި އާންމު ފަރުދުންގެ ބައިވެރިވުން އިތުރު ކުރުމަށް ދެވޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

''އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" އަކީ އަހަރު ތެރޭގައި އެއް މިލިއަން ރުފިޔާގެ ފަންޑެއް ހަމަޖައްސައިގެން ބީއެމްއެލް އިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އެ ޕްރޮގްރާމް ކުރިއަށް ގެންދަނީ ކޮންމެ ކުއާޓަރެއްގައި އެ ފަންޑަށް ލިބޭ ޕްރޮޕޯސަލް ތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލަކަށް 50،000 ރުފިޔާގެ ފައިސާގެ އެހީ ދީގެންނެވެ.

comment ކޮމެންޓް