ޓީޗަރުންގެ މުސާރަ ބޮޑުކުރާ އިރެއް ސާފުކުރަން އެޑިއުކޭޝަން މިނިސްޓަރު މާދަމާ މަޖިލީހަށް

ޑރ. އައިޝަތު އަލީ: ޓީޝަރުންގެ މުސާރައިގެ މައްސަލައިގައި މަޖިލީހަށް ހާޒިރު ކުރަނީ --- ފައިލް ފޮޓޯ/ މަޖިލިސް

ޓީޗަރުންގެ މުސާރަ ބޮޑުކުރާނެ އިރެއް ސާފުކުރަން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް މާދަމާ ޖަލްސާގެ އެޖެންޑާކޮށްފިއެވެ.

މިނިސްޓަރު ޑރ. އާއިޝަތު އަލީއާ ސުވާލު ކުރުމަށް ހުށަހެޅީ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ އެވެ.

ކުރިން އެކައުންޓިންގް މާއްދާ ކިޔަވައިދޭ މުދައްރިސަކަށް އުޅުއްވި ޔައުގޫބު ހުށަހެޅުއްވި ސުވާލުގައި ބުނެފައި ވަނީ، ކުރީ ސަރުކާރުތަކުން އެކަށީގެންވާ ސަމާލުކަމެއް ނުދެވި އޮތުމުން ތައުލީމީ ދާއިރާ އާއި ޓީޗަރުންގެ ހާލަތުވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

ޔައުގޫބު ކުރައްވަން ހުށަހަޅާފައިވާ ސުވާލަކީ ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެވޭނީ ކިހާއިރަކުންތޯއާއި، މިިދޔަ 12 ވަރަކަށް އަހަރު ތެރޭގައި ސްކޫލު ނިންމި މޮޅެތި ދަރިވަރުން ކިޔަވައިދިނުމުގެ ދާއިރާއާ ދުރަށްދާ ސަބަބާއި އެކަން ހައްލުކުރަން މިނިސްޓްރީން ކުރައްވާ މަސައްކަތްތަކަކީ ކޮބައިތޯއެވެ.

މިދިޔަ އޮގަސްޓް މަސްތެރޭ އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ، ޓީޗަރުންގެ މުސާރަ ބޮޑުކުރުމަށްޓަކައި މުސާރައިގެ އޮނިގަނޑަށް ބަދަލުތަކެއް މިހާރު ގެނެސްފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ މާބޮޑު ތަފްސީލެއް މިނިސްޓަރު ނުދެއްވައެވެ.

ޓީޗަރުންގެ މުސާރަ ބޮޑުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އެގޮތުން މިދިޔަ ރިޔާސީ ކެމްޕެއިންގައި ރައީސް ސޯލިހު ވިދާޅުވެފައި ވަނީ، ގިނަ ވަގުތު މަސައްކަތްކުރާ ޓީޗަރުންނަށް ލިބެނީ އެންމެ އެކަށޭނަ މުސާރަ ނޫން ކަމަށެވެ. އެކަން ހައްލު ކުރުމަށްޓަކައި ޓީޗަރުންގެ މުސާރައާއި އިނާޔަތްތައް އިތުރު ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަތުތަކެއް ނައުމަކީ ޓީޗަރުން އަބަދުވެސް އުފުލާ ކަންބޮޑުވުމެކެވެ.

comment ކޮމެންޓް