އިދިކޮޅު ހަތް މެމްބަރުންނަކަށް މަޖިލީޙުގެ ނިޒާމު ނަގައެއް ނުލެވޭނެ: ނަޝީދު

މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު --

ރައްޔިތުންގެ މަޖިލީހުގައި މިވަގުތު ތިއްބެވި އިދިކޮޅު މެމްބަރުން ކިތަންމެ ވަރަކަށް މަސައްކަތް ކުރެއްވި ނަމަވެސް، އެބޭފުޅުންނަށް މަޖިލީހުގެ ނިޒާމު ނަގައި ނުލެވޭނެކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގެ ތަޅުމުގައި އިދިކޮޅު މެމްބަރުން ވަނީ އަޑުގަދަކޮށް، ކަށިގަނޑު ފުމެ މަޖިލީހުގެ ނިޒާމު ނަގާލަން މަސައްކަތް ކޮށްފައެވެ. އެގޮތުން އިދިކޮޅު ހަތަރު މެމްބަރެއްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ވަނީ ބޭރުކޮށްފައެވެ.

އޭގެ ކުރިން މަޖިލީހުގެ ރައީސް ވަނީ އެ މެމްބަރުންނަށް ނަސޭހަތްދެއްވައިފައެވެ. އަދި އެބޭފުޅުންނަށް މަޖިލީހުގެ ނިޒާމު ގެއްލުވާނުލެވޭނެ ކަން ހަނދާންކޮށްދެއްވައިފައެވެ.

"ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ތީގެ ހައެއްކަ ބޭފުޅުންނަކަށް މި މަޖިލީހުގެ ނިޒާމު ނަގައެއް ނުލެވޭނެކަން. އަޅުގަނޑުމެންގެ ފަސްދޮޅަސް... މިތަނުގައި ބައިވަރު އިތުރު މެމްބަރުން އެބަތިބި،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މަޖިލިސް އިންތިހާބުގައި ރައްޔިތުން އެމްޑީޕީއަށް 65 ގޮނޑި ދީފައިވާއިރު، އިދިކޮޅުގައި ތިއްބެވި ހައެއްކަ މެމްބަރުންނަށް މަޖިލީހުގެ ނިޒާމު ނަގާލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"ތިޔަ ބޭފުޅުންނަކަށް މިތަނުގެ ނިޒާމެއް ނަންގައެއް ނުލެއްވޭނެ. ތިޔަ ބޭފުޅުންނަކަށް ދެނެއް ތިޔަ މަސައްކަތެއް ތިޔަ ގޮތަކަށް ނުކުރެއްވޭނެ. އަޅުގަނޑު މި ދަންނަވަނީ ވަރަށް ހެޔޮ ހިތުން އިނގޭތޯ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ މަޖިލީހުގައި ވަރަށް ގިނަ މަސައްކަތްތައް ކުރަން ހުރި އިރު، މަޖިލިސް ތެރޭގައި އަޑުގަދަކޮށް ވަގުތު ނަގާލަން މަސައްކަތް ނުކުރުމަށް ތަކުރާރުކޮށް އިލްތިމާސް ކުރައްވައިފައެވެ.

"މި މަޖިލީހުގައި ކުރަން ހުރި މަސައްކަތް ބައިވަރޭ. ތިހެން ނުހައްދަވާ ބައްލަވާ،" ނަޝީދު ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ނަން އިއްވަވާފައިވަނީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އާއި ނައިފަރު ދާއިރާ މެންބަރު އަހްމަދު ޝިޔާމްގެ އިތުރުން މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު (ޓޮމް) ގެ ނަމެވެ. އަދި އޭގެ އިތުރުން ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދުގެ ނަން ވެސް ވަނީ އިއްވާފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުނީއްސުރެން ނޮޅިވަރަމް ދާއިރާގެ މެންބަރު ނަޝީދު ދިޔައީ ދޭތެރެ ދޭތެރެއިން ތަޅުމުގައި 'ކަށިގަނޑު' ފުމެމުންނެވެ. އެކަމުގެ ސަބަބުން ބައެއް މެންބަރުންނަށް ބަހުސް ކުރުމަށް އުނދަގޫވެގެން ވަނީ އެކަން ވެސް ފާހަގަކޮށްފަ އެވެ.

މިއަދުގެ ޖަލްސާ ފެށުމާއި އެކު ވެސް ތަޅުން ވަނީ ހޫނު ވެފައެވެ. އެއީ މަޖިލީހުގެ ރައީސް ޖޭއެސްސީގެ ބައްދަލުވުމަށް ވަޑައިގަތުމުންނެވެ. އިދިކޮޅު މެންބަރުން އެކަން ސިފަކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މިއަދު ތާވަލުކޮށްފައި ވަނިކޮށް އެ މައްސަލަ ބައްލަވާ ގާޒީއަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކުރާ ކަމެއްގެ ގޮތުގަ އެވެ.

އިދިކޮޅު މެންބަރުންގެ ނުތަނަވަސްކަން ބަހުސް މަރުހަލާގައި ފާޅުކުރެއްވުމުގެ އިތުރުން ނިޒާމީ ނުކުތާގައި ވެސް އެކަންކަން ދިޔައީ ފާހަގަ ކުރަމުންނެވެ. އަދި ރިޔާސަތުން ވެސް ވަނީ އެ ފުރުސަތު ދެއްވާފަ އެވެ. ނަމަވެސް މެންބަރު ނަޝީދު އާއި ޝިޔާމްގެ އިތުރުން ތޯރިގުގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފައިވަނީ ކޮޅަށް ތެދުވެ އަޑުގަދަ ކުރައްވަން ފެއްޓުމުންންވެ. އަދި ރިޔާސަތުން ރައީސް ނަޝީދު ތަކުރާރުކޮށް އެދެމުން ވެސް އެ މެންބަރުން 'މައިތިރި' ނުވުމުންނެވެ.

comment ކޮމެންޓް