ތުރުކީން ބަޣުދާދީގެ ދައްތަ ހައްޔަރުކޮށްފި

އެމެރިކާގެ އަސްކަރިއްޔާއިން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ބަޣުދާދީ ވަނީ މަރުވެފަ -- ފޮޓޯ: ރޮއިޓާސް

އަންކާރާ (ނޮވެމްބަރު 5): މިދިޔަ މަހު ސީރިއާގައި މަރުވި އައިއެސްގެ ލީޑަރު އަބޫބަކުރު އަލް ބަޣުދާދީގެ ދައްތަ ރަސްމިޔާ އަވަދު ތުރުކީން ހައްޔަރުކޮށްފި ކަމަށް އެގައުމުގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

ތުރުކީގެ އޮފިޝަލުންނާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސްގައިވާ ގޮތުން 65 އަހަރުގެ އަވަދު ހައްޔަރު ކުރީ އިއްޔެ ސީރިއާގެ އުތުރުގައި އޮންނަ އަޒާޒްއިންނެވެ. އަދި ތުރުކީން މިހާރު ދަނީ އޭނާ އާއި އޭނާގެ ފިރިމީހާ އާއި ދަނބިދަރިފުޅާވެސް ސުވާލު ކުރަމުންނެވެ.

އަޒާޒްއަކީ މިދިޔަ މަހުގެ ނުވައެއްގައި ތުރުކީން ސީރިއާގައި ފެށި އަސްކަރީ އޮޕަރޭޝަނުގެ ދަށުން އެގައުމުގެ ސިފައިންގެ ބާރުގެ ދަށަށް ގެނައި އެއް ސަރަހައްދެވެ. ތުރުކީން ބުނާ ގޮތުގައި އެއޮޕަރޭޝަނުގެ މަގުސަދަކީ އެގައުމުގައި ތިބި ސީރިއާގެ ރެފިއުޖީން ރައްކާތެރި ކަމާއެކު ގައުމަށް ފޮނުވާލަމަށްޓަކައި، ދެގައުމުގެ ބޯޑަރު ކައިރީ އަމާން ސަރަހައްދެއް ގާއިމު ކުރުމެވެ.

ތުރުކީން ބުނާ ގޮތުގައި އަވަދުގެ ފަރާތުން އައިއެސްއާ ބެހޭ މުހިއްމު މައުލޫމާތުތަކެއް ލިބިގެންދާނެ އެވެ.

މިދިޔަ މަހުގެ 26ގައި ބަޣުދާދީ މަރުވީ ސީރިއާގެ ބަރީޝާގައި އެމެރިކާގެ އަސްކަރިއްޔާއިން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގަ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ގޮތުގައި ބަޣުދާދީ މަރުވީ ގޮވާތަކެތި ހައްޔަރުކޮށްފައިވާ ކަމަރެއް އަމިއްލައަށް ގޮއްވާލައިގެންނެވެ.

އޭގެ ފަހުން އައިއެސްއިން ވަނީ އެޖަމާއަތުގެ ލީޑަރު ކަމަށް އަބޫ އިބްރާހީމް އަލް ހަޝީމީ އަލް ގުރައިޝީ ކިޔާ މީހަކު އައްޔަންކޮށްފަ އެވެ. ނަމަވެސް އެ އާ ލީޑަރާ ބެހޭ އިތުރު ތަފްސީލެއް އައިއެސްއިން ހާމަ ނުކުރެ އެވެ.

comment ކޮމެންޓް