2020ގެ ބަޖެޓުން އިސްކަން ދެނީ ރައްޔިތުންނަށް: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ އޮކްޓޫބަރު މަހު ދ. ހުޅުދެއްޔަށް ކުރެއްވި ދަތުރުފުޅުގައި އެރަށު ރައްޔިތުންނާއެކު -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 2020 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު އިސްކަމެއް ދެނީ ރައްޔިތުންނަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް 37.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅުއްވާފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 2020 ގެ ބަޖެޓުން ހާސިލުކުރަން ބޭނުންވަނީ ސަރުކާރުން ތަސައްވަރުކުރާ ފާގަތި ދިވެހިރާއްޖެއެއްގައި ހުންނަ ކަންތައްތަކެއް ކަމަށެވެ.

އެގޮތުން ސިއްހީފަރުވާގެ ނިޒާމާއި ތައުލީމާއި ފެނާއި ނަރުދަމާ ނިޒާމާއި އިޖްތިމާއީ ރައްކާތެރިކަމުގެ އިތުރުން ލާމަރުކަޒީ ވެރިކަން ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހަޅުއްވައިދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު މަޖިލީހުގައި ވިދާޅުވީ މިއަހަރުގެ ބަޖެޓަކީ ރިއަލިސްތިކް ބަޖެޓެއް ކަމަށާއި އޭގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށެވެ.

އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 29.92 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

އާމްދަނީގެ ބައިތައް:

  • ޓެކްސްގެ އާމްދަނީ - 17.85 ބިލިއަން ރުފިޔާ
  • ޓެކްސް ނޫން އާމްދަނީ - 6.85 ބިލިއަން ރުފިޔާ
  • ހިލޭ އެހީ އަދި އެހެނިހެން - 5.22 މިލިއަން ރުފިޔާ

އަންނަ އަހަރަށް ލަފާކުރި ބަޖެޓްގެ ޑެފިސިޓް ނޫނީ ބަޖެޓް ދަރަނީގެ ގޮތުގައި 5.68 ބިލިއަން ރުފިޔާ އެވެ.

ޑެފިސިޓް ފޫބައްދަން ނިންމާފައި ވަނީ އެތެރެ އާއި ބޭރުގެ ފަރާތްތަކަށް ޓީ-ބިލާއި ޓީ-ބޮންޑް އަދި ބޭރުން ލޯނު ނަގައިގެންނެވެ.

ޑެފިސިޓް ފައިނޭންސް ކުރާނެ ގޮތް:

  • މަޝްރޫއުތަކަށް ނަގާ ލޯނު - 3.04 ބިލިއަން ރުފިޔާ
  • ބޮންޑާއި ސުކޫކް ވިއްކައިގެން - 4.63 ބިލިއަން ރުފިޔާ
  • އެތެރޭގެ މާކެޓަށް ވިއްކާ ޓީ-ބިލާއި ބޮންޑް - 564 މިލިއަން ރުފިޔާ

https://sun.mv/126783

މިނިސްޓަރު ވިދާޅުވީ މިއީ ސަރުކާރުގެ ސިޔާސަތުތައް ފުރިހަމައަށް ހިމަނައިގެން، ޖަޒީރާ ރާއްޖެ މެނިފެސްޓޯގައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރަން ފުރުސަތު ލިބުނު ފުރަތަމަ ބަޖެޓު ކަމން، އެ ބަޖެޓު ވެގެންދާނީ ދިވެހި އެންމެހާ ރައްޔިތުންނަށް ގަދަރުވެރި ދިރިއުޅުމެއް ލިއްބައިދިނުމަށް މަގުފަހިކޮށްދޭ ރައްޔިތުންނަށް ބުރަ ބޮޑު ނުވާނެ ފަދަ އުސޫލުތަކެއްގެ މަތިން ޖަޒީރާ ދިރިއުޅުމަކަށް މަގުކޮށައިދޭނެ ބަޖެޓަކަށް ވާނެ ކަމަށެވެ.

"އެހެންކަމުން ތިޔަ އިއްޒަތްތެރި މެންބަރުންގެ އަރިހުން އަޅުގަނޑު މިއަދު އެދޭއެދުމަކީ މި އިއްޒަތްތެރި މަޖިލީހަށް އަޅުގަނޑު މި ހުށަހެޅި 2020 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު އަޅުގަނޑު މި ހުށަހެޅި ގޮތަށް ފާސްކޮށްދެއްވުން،" އަމީރު ވިދާޅުވިއެވެ.

comment ކޮމެންޓް