ތިން ގަޑިއިރަށްފަހު ޔާމީން ފުލުސް އޮފީހުން ނުކުމެވަޑައިގެންފި

ރައީސް އަބްދުﷲ ޔާމީން މިއަދު ފުލުސް އޮފީހުން ނިކުމެވަޑައިގަތް ޑރ. ޖަމީލްއާ ވާހަކަ ދައްކަވާލައްވަނީ ---- ސަން ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް

އެމްއެމްޕީއާރުސީ ހިޔާނާތުގެގެ ތަހުގީގަށް މިއަދު ފުލުސް އޮފީހަށް ހާޒިރުކުރި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެތަނުގައި ތިން ގަޑިއިރެއްހާ ވަގުތު ހޭދަކުރައްވައިފިއެވެ.

މިއަދު މެންދުރު 2:00 ގައި ފުލުސް އޮފީހަށް ހާޒިރުކުރި ކުރީގެ ރައީސް، އެތަނުން ނުކުމެވަޑައިގަތީ ހަވީރު 5:00 ހާއިރު އެވެ.

ރައީސް ޔާމީންގެ އަރިހުގައި އެމަނިކުފާނުގެ ވަކީލުންގެ ގޮތުގައި ފުލުސް އޮފީހަށް ވަޑައިގަތީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދުގެ އިތުރުން އަބްދުﷲ ސިޔާޒެވެ. އަދި ފުލުސް އޮފީހުން ނުކުމެވަޑައިގެންނެވި ގޮތަށް އެމްއެންޑީއެފްގެ ކާރުކޮޅުގައި ޔާމީން ވަޑައިގެންނެވީ ގެކޮޅަށެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ޔާމީންގެ ވަކީލެއްގެ ގޮތުގައި އެތަނަށް ވަޑައިގެންނެވި ޑރ. ޖަމީލް ވިދާޅުވީ މިއަދު އެމަނިކުފާނު ފުލުސް އޮފީހަށް ހާޒިރުކުރީ ބަކި ބަޔަކު ހިތްހަމަޖައްސައިދިނުމަށް ކަމަށާއި އެމަނިކުފާނުގެ މައްޗަށް ތުހުމަތުކުރާ ކަންކަމުން ބަރީއަވާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީން މިއަދު ފުލުސް އޮފީހުން ނިކުމެވަޑައިގަތް ޑރ. ޖަމީލްއާ ވާހަކަ ދައްކަވާލައްވަނީ ---- ސަން ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް

"މިއަދުވެސް ހަމަ ސުވާލުކުރެވުނީ މިހާރުވެސް ޝަރީއަތުގައި ހިނގަމުންދާ މައްސަލައިގެ މައުލޫގެ ތެރޭގައި ހިމެނޭ ކަންތައްތަކަކާ ގުޅިގެން. އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅުންހުރި ކަންތައްތަކެއް އެއީ. މައުލޫއީ ގޮތެއްގައި މިހާރުވެސް ޝަރީއަތުން ހުކުމަކާ ހަމައަށް މާދަމާ އަންނަން އުޅޭ މައްސަލައިގެ މައުލޫއުގެ ތެރެއިން ސުވާލުކުރެވުނީ،" ޖަމީލް ވިދާޅުވިއެވެ.

ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރުކޮށްފައިވަނީ، ޖަމީލް ސިފަކުރެއްވ ިގޮތުގައި އެއްކަމަކަށް ދެ ފަހަރު ތަހުގީގު ކުރުމަށެވެ.

ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައިގައި ހުކުމް އިއްވުމުގެ އަޑުއެހުން މާދަމާ މެންދުރު 1:00 ގައި ބާއްވަން ކްރިމިނަލް ކޯޓުގައި ވަނީ ތާވަލުކޮށްފައެވެ.

ރައީސް ޔާމީންގެ މައްސަލައިގައި ދައުލަތުންނާއި ރައީސް ޔާމީންގެ ފަރާތުން ހުލާސާ ބަޔާން އިއްވައި ޝަރީއަތުގެ އަޑުއެހުންތައް ނިންމާލައިފައި ވަނީ މިދިޔަ އޮކްޓޫބަރު ނުވަވަނަ ދުވަހުއެވެ.

comment ކޮމެންޓް