ސަރުކާރުން މާލޭގައި ޑޭކެއާ ސެންޓަރެއް ގާއިމުކުރަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާފަންނު މަދަރުސާއަށް ޒިޔާރަތް ކުރައްވައި އެ މަދަރުސާގެ ކުދިންނާ ބައްދަލުކުރެއްވުން --- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުގެ ފަރާތުން ޑޭކެއާ ސެންޓަރެއް ނޫނީ ވަޒީފާއަށް ދާ މައިންބަފައިންގެ ދަރިން ބަލައިދޭނެ ސެންޓަރެއް ގާއިމުކުރަން ނިންމައި 2020 ވަނަ އަހަރުގެ ބަޖެޓުގައި އެކަމަށް ފައިސާ ހިމަނައިފި އެވެ.

މި ޑޭކެއާ ސެންޓަރު ގާއިމު ކުރާނީ މާލޭގަ އެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ޑޭކެއާ ސެންޓަރު ގާއިމު ކުރުމަށް 4.63 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.

ސަރުކާރުގެ ފަރާތުން ޑޭކެއާ ސެންޓަރެއް ހަދާ މިއީ ފުރަތަމަ ފަހަރެވެ.

މާލޭގައި މިހާރުވެސް ގިނަ އަދަދެއްގެ ޑޭކެއާ ސެންޓަރުތައް ހުރި ނަމަވެސް، އެއީ މުޅިން ވެސް އަމިއްލަ ފަރާތްތަކުން ހިންގާ ތަންތަނެވެ.

މަޖިލީހަށް ހުށަހެޅުއްވި ބަޖެޓްގެ ޖުމްލަ އަކީ، 37.50 ބިލިއަން ރުފިޔާ އެވެ. އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 29.92 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ވިހިވިހީގެ ބަޖެޓުގައި ހިމަނާފައިވާ ޕްރޮގްރާމްތަކާއި މަޝްރޫއުތައް ބައްޓަންކޮށްފައިވަނީ "ޖަޒީރާ ރާއްޖެ" މެނިފެސްޓޯގައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް ސަރުކާރުން ތައްޔާރުކޮށްފައިވާ "ސްޓްރެޓީޖިކް އެކްޝަން ޕްލޭން" ނުވަތަ އެސްއޭޕީގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތަކާ ހަމައަށް ވާސިލުވުމަށް މަގުފަހިވާ ގޮތަށެވެ.

އެގޮތުން އެސްއޭޕީގެ އެއް ސިޔާސަތު ކަމުގައިވާ "ފަހުރުވެރި އާއިލާ" ހާސިލް ކުރުމަށް ބަޖެޓުގައި 3.63 ބިލިއަން ރުފިޔާ ވަނީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފަ އެވެ.

ދިވެހި ކޮންމެ ފަރުދަކީ ފަހުރުވެރި އާއިލާއަކަށް ނިސްބަތްވާ، ގަދަރުވެރި ދިރިއުޅުމެއް އުޅޭނެ ފަރުދެއްކަމުގައި ހެދުމަށް މިހާރު ދިމާވެފައިވާ ގެދޮރުގެ ދަތިކަމަށް ހައްލު ލިބި، އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ޕްރޮގްރާމްތައް ތައާރަފްކުރުމަށް ބަޖެޓުގައި އިސްކަންދީފައި ވާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

comment ކޮމެންޓް