ހަނގުރާމަތަކުން އެނބުރި އަންނަ މީހުން ރިހެބިލިޓޭޓް ކުރާ މަރުކަޒު ހިންމަފުށީގައި

ސީރިއާގައި ހަނގުރާމަ ކުރަމުންދަނިކޮށް މަރުވެފައިވާ ކަމަށް ބުނާ ދިވެއްސެއް: ސަން ފައިލް ފޮޓޯ

ހަނގުރާމަތަކަށް ގޮސްފައި އަންނަ މީހުން ރިހިބިލިޓޭޓް ކުރާ ސެންޓަރު، ޑީ-ރެޑިކަލައިޒޭޝަން އެންޑް ރީހެބިލިޓޭޝަން ސެންޓަރު ކ. ހިންމަފުށީގައި ގާއިމުކުރަން ނިންމައި ބަޖެޓުގައި ހިމަނައިފި އެވެ.

ސީރިއާގައި ހާލުގައި ޖެހިފައިވާ ދިވެހި އަންހެނުންނާއި ކުޑަކުދިން ރާއްޖެ ގެނެސް އެ މީހުން ރިހެބިލިޓޭޓްކޮށް އަނބުރާ މުޖުތަމައަށް ގެނައުމުގެ މަސައްކަތް ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ހާމަކުރައްވައިފަ އެވެ.

ރައީސް ވިދާޅުވީ ސީރިއާގައި ހާލުގައި ޖެހިފައި ތިބި އަންހެނުންނާއި ކުޑަކުދިން އެހެން ގައުމަކަށް ގެންދިޔުމަށް ފަހު އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް، އެ މީހުން އަނބުރާ ރާއްޖެ ގެނެސް މުޖުތަމައަށް ނެރުމުގެ ކުރިން އެ މީހުން ރިހިބިލިޓޭޓް ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ދާދި ފަހުން ފާސްކުރި ޓެރަރިޒަމް ގާނޫނުގެ އިސްލާހުތަކުގެ ތެރޭގައިވެސް ޑީ-ރެޑިކަލައިޒޭޝަން ސެންޓަރެއް ގާއިމް ކުރުން ހިމެނެ އެވެ.

މިއަދު މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ވަނީ ހިންމަފުށީގައި އެ މަރުކަޒު ގާއިމުކުރަން ހިމަނައިފަ އެވެ. އެގޮތުން ހޯމް މިނިސްޓްރީގެ ޕީއެސްޕީ ބަޖެޓްގައި ހިމަނައިގެން އެ ސެންޓަރު ހެދުމަށް އަންނަ އަހަރު 1.96 މިލިއަން ރުފިޔާ ހިމަނާނެ އެވެ. އަދި 2021 ވަނަ އަހަރަށް ވެސް އިތުރު 500،000 ރުފިޔާ އެ ސެންޓަރަށް ހަރަދުވާނެ ކަމަށް ވެސް ބަޖެޓްގައި ވަނީ ލަފާކޮށްފަ އެވެ.

ބަޖެޓުގައި ބުނެފައި ވަނީ ބަޖެޓުގައި އެންމެ ބޮޑު އިންވެސްޓްމަންޓެއް ހިމަނައިފައިވާނީ "ހެޔޮ ވެރިކަމެއް" ގާއިމުކުރުމަށް ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަންފާއާއި އާންމު މިނިވަންކަން ދިފާއުކުރުމަށް އެހީތެރިވެދިނުމަށް ގައުމީ ދިފާއީ ބާރުތަކަށް 1494.8 މިލިއަން ރުފިޔާ ވަނީ ބަޖެޓުކޮށްފަ އެވެ.

އޭގެ ތެރޭގައި ޝަރުއީ ދާއިރާގެ މީހުން ބިނާކުރުމާއި އިދާރީ ވަސީލަތްތައް ހަރުދަނާކުރުމަށާއި، ޖުވެނައިލް ޑިޓެންޝަން ސެންޓަރެއް ގާއިމް ކުރުމަށް ހިމެނެ އެވެ.

comment ކޮމެންޓް